ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމަށްއެދޭ މީހާ ކޮންމެ ދުވަހަކުވެސް އެދުވަހަކު ތިމާއަށް މިހުރެވޭ ފަޅި ބަލައި ޗެކްކުރަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމަށްއެދޭ މީހާ ކޮންމެ ދުވަހަކުވެސް އެދުވަހަކު ތިމާއަށް މިހުރެވޭ ފަޅި ބަލައި ޗެކްކުރަންޖެހޭނެ!

ދީނުގެ ކަންކަމަކީ ދުވާލަކު ގޮތަކަށް ކުރެވެން އޮތް ކަމެއް ނޫނެވެ. ހަމައެއާއިއެކު މުސްލިމުންނަކީ މަރުވުމާއި ހަމައަށް ދީނުގައި ވަރަށް ޘާބިތުކަމާއިއެކު ތިބެންޖެހޭނެ ބައެކެވެ. އެހެންކަމުން ތިމާއަށް މިހުރެވެނީ އެގޮތުގައިކަން އަބަދުމެ ޔަޤީންކުރަމުން ގެންދަން ޖެހޭނެއެވެ.

ވިސްނައިލާށެވެ. ކޮންމެ މުސްލިމަކީ ވެސް އިސްލާމް ދީނުގައި ޘާބިތުވެ ހުންނަން ޖެހޭނެ މީހެކެވެ. އިސްލާމް ދީނަކީ ﷲ ތަޢާލާގެ ފަޅިއެވެ. އެހެންކަމުން ތިބާއަށް މިހުރެވެނީ ކޮން ފަޅިއެއްގައިކަން ކޮންމެ މުސްލިމަކު ކޮންމެ ދުވަހަކު ބަލަން ޖެހޭނެއެވެ. އެކަން ބެލޭނީ އެމީހަކަށް އެދުވަހަކު ކުރެވުނު ކަންކަމުގެ ހިސާބު ބެލިގެންނެވެ.

ފުރަތަމަ ކަމަކީ ފަރުޟުތައް އަދާކުރެވުނު މިންވަރެވެ. ދެވަނަ ކަމަކީ ފަރުޟުގެ އިތުރުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ކުރެވުނު މަސައްކަތެވެ. ސުންނަތް ނަމާދުކުރުމާއި ކީރިތި ޤްރްއާން ކިޔަވައި މުރާޖަޢާ ކުރުމާއި ޞަދަޤާތް ކުރުން ފަދަ ކަންކަމެވެ. އެމީހަކު ބަލަހައްޓަން ޖެހޭ މީހުންނަށް އެހީތެރިވުމެވެ. އަދި ކުރި ކޮންމެ ހެޔޮ ކަމެއް ކުރީ ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅު އެދިގެންތޯއެވެ. ނޫނީ ހަމަ ކަމަކަށް ކަމެއް ކޮށްލެވުނީތޯއެވެ!

ދެން ބަލައިލަން ޖެހޭނީ ﷲ ތަޢާލާ ދުރުހެލިވާން އަންގަވާފައިވާ ކިތައް ކަންތައް ކުރެވުނުތޯއެވެ! ނުކުރުމަށް އަމުރު ކުރައްވަވާފައިވާ ކިތައް ކަންތައް ކުރެވުނުތޯއެވެ!

މިމޭރުމުން ހިސާބުކޮށްފިނަމަ ގިނަ ބައަކަށް ފެންނާނީ އިސްލާމް ދީނުގައި ނުކުރަން އަންގަވާފައިވާ ގިނަ ކަންތައްތަކެއް ކުރެވިފައިވާތަނެވެ. ކުރަން އަންގަވާފައިވާ ގިނަ ކަންތައްތަކެއް ނުކުރެވި އިހްމާލްވެވިފައިވާތަނެވެ. މިހެން މިވަނީ ފަށަމުން ބުނިފަދައިން ޝައިޠާނާ ދައްކަމުން ގެންދާ ގިރިޓީގައި ޖެހެވޭތީއެވެ. ތިބާގެ ހިތުގެ ކޮންޓްރޯލް ޝައިޠާނާއަށް ދޫކޮށްލެވޭތީއެވެ.

ވީމާ ކިތަންމެ ޒުވާން ނަމަވެސް އަދި ކޮންމެ އުމުރެއްގެ މީހަކު ނަމަވެސް އެމީހަކީ އެމީހާގެ އަމަލުތައް އަމިއްލައަށް ހިސާބުކުރާ މީހަކަށްވާށެވެ. ތިމާއަށް މިހުރެވެނީ ކޮން ފަޅިއެއްގައިކަން ކަށަވަރުކުރެވޭނީ އެއިރުންނެވެ.

ދުނިޔޭގެ އަރާމާއި އުފަލަކީ ހުރިހާ ނިޢްމަތެއްކަމަށް ޝައިޠާނާ ދެމުން ގެންދާ ވަސްވާސްތައް ޤަބޫލުކުރެވުން މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ޝައިޠާނާ އެގެންދަނީ ﷲ ތައާލާ ޙަރާމް ކުރެއްވެވި ކޮންމެ ކަމެއް އޮފްއަރުވައި ޒީނަތްތެރިކޮށް މީސްތަކުންގެ ކުރިމައްޗަށް ނެރެ ހުށަހަޅައި މީސްތަކުންގެ ޝައުޤްވެރިކަން ހޯދަމުންނެވެ.

ނަތީޖާއަކަށް މިވަނީ ޝައިޠާނާގެ މަޅީގައި މީސްތަކުން ޖެހުން އިތުރުވުމެވެ. ކޮންމެ ގޮތަކުން ނަމަވެސް އަރާމާއި އުފާ މިދުނިޔޭގައި ބޭނުންވުން މިދަނީ އިތުރުވަމުންނެވެ. އާޚީރަތާއިމެދު ޣާފިލުކަން މިދަނީ އިތުރުވަމުންނެވެ. ކޮންމެ ވަގުތަކުވެސް މަރާއި ކުރިމަތިލާން ޖެހިދާނެކަން ހިތް މައްޗަށް ނުގެނެސް އެކަމަށް ބިރުވެތިވުން މިދަނީ މަދުވަމުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން