ދަމުނަމާދާއި ފަތިސް ނަމާދަށް ހޭލާ މީހުންގެ މަތިވެރިކަން ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލިގެންދާ ސަބަބުތައް ވަރަށް ގިނައެވެ. އެހެނީ އޭނާގެ އަރާމު ނިދި ދޫކޮށްލާފައި ހޭލަނީ ދުނިޔަވީ އެއްވެސް ބޭނުމެއް އޮވެގެނެއް ނޫނެވެ. އޮފީހަށް ދާކަށް ނުވަތަ ދިރިއުޅެންކުރާ މަސައްކަތެއްވެސް ކުރާކަށް ނޫނެވެ. ކައްކާކަށް ކުދިން ސްކޫލަށް ގެންދާކަށްވެސް ނޫނެވެ.
ހަމައެކަނި ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިވެ ލޯބިވެވޮޑިގަތުން އެދިގެންނެވެ. އަރާމު ނިދި ދޫކޮށްލާފައި އެތެދުވަނީ އެކަންކުރުމަކީ ފަސޭހަކަމަކަށް ވެގެނެއް ނޫނެވެ. ނަމަވެސް ﷲ ތަޢާލާގެ އެންގެވުމަށް ޢިޖާބަދޭން ބޭނުންވާތީއެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަށް އެދޭތީއެވެ.
ޢާންމު ގޮތަކަށް ބަލައިފިނަމަ ގިނަބައަކު އެންމެ ގަދައަށް ނިދަން ބޭނުންވާނީ ފަތިހުއެވެ. އެހެންކަމަށްވާއިރު އެ އަރާމް ނިދި ދޫކޮށްލާފައި އޭނާ އެހޭލަނީ ކުރިންވެސް ބުނިފަދައިން ހަމައެންމެ ބޭނުމަކުއެވެ. އެއީ އޭނާ އުފައްދަވައި އެންމެހައި ނިޢްމަތްތައް މިންވަރުކުރައްވަވާ ﷲ ތަޢާލާއަށް ޝުކުރުވެރިވެ ކިޔަމަންތެރިކަން އަދާކުރުމަށެވެ.
ފަތިސްނަމާދަކީ އާޚިރަތް ދުވަސް ހަނދުމަކުރުމަށްވެސް އޮތް މަގެކެވެ. ހަނދާންކުރަންވީ އެންމެ ކައްވަޅުންތެތެދުވެ މަޙްޝަރުގެ މައިދާނަށް ޖަމާވާނޭ ވަގުތެވެ. ރޭގަނޑުގެ ނިދީން ހޭލައި ފަތިސް ނަމާދަށް ދިއުމަކީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައިވާ ކަމެކެވެ. ނަމަވެސް ޤިޔާމަތުގެ ތާޅަފިލި ފުމެލެއްވެވުމުން އެއްވެސް އިޚްތިޔާރެއް އެއްވެސް މީހަކަށް ނުލިބޭނެއެވެ. ޖެހޭނީ ކޮންމެ ޙާލެއްގައި ނަމަވެސް، ބަނޑު ބިންމަތީގައި ދަމަމުން ނަމަވެސް ފިރުކެމުން ނަމަވެސް ފުރޮޅެމުން ނަމަވެސް މަހްޝަރު ބިމަށް ޙާޟރުވާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި ކިޔަމަންތެރިކަމާއިއެކު ހުއްޓިހުންނާށެވެ!
ނިދުމަކީ ވެސް މަރުވުން ފަދަ ކަމެކެވެ. މަރުގެންދެވުމަށްފަހު ދިރުން ދެއްވެވުމުން ހަނދާނަށް ގެންނަންވީ ތިމާގު ފުރާނަ ގެންދެވުމަށްފަހު އަލުން ދިރުން ދެއްވަވައި މަޙްޝަރުކުރައްވަވާނެ ދުވަހަށެވެ. ވީމާ އެކަމަށް ތައްޔާރުވުމަށްޓަކައިވެސް ފަތިސްވުމުން ނިދިން ހޭލައި ﷲ ތަޢާލާގެ ޙަޟްރަތަށް ހާޒިރުވާން އެބަޖެހެއެވެ! ފަތިސް ނަމާދަށް ޖަމާއަތަށް ދިއުމަކީ އެކަމަށް އޮތް އެންމެ ފުރިހަމަ މަގެވެ.
މިހިރަ މިހިރަ ކަންކަމަށް ވިސްނާށެވެ! މަރުވުމާއި ކައްވަޅުންތެދުވެ މަޙްޝަރަށް ހާޒިރުވާން ޖެހުމާއި "ކުޑަމަރުން" މަރުވުމަށްފަހު އަލުން ދިރުން ދެއްވެވުމުން ފަތިސްނަމާދަށް އަވަސްވެގަތުމާއި މިފަދަ ކޮންމެ ކަމަކީވެސް ވިސްނައި ފިކުރާ މީހަކަށް ޢިބްރަތްތަކެއް ލިބިގެންދާނެ ކަންކަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން