އުޚުތަކު ބުރުގާ އަޅައިފިނަމަ ތިބާގެ އަތުގައި ހުރިނަމަ އޭނާގެ ކުރީގެ ފޮޓޯތައް ޑިލީޓްކޮށްލައިދޭށެވެ! އެއީވެސް ޘަވާބުލިބޭނެ ޢަމަލެކެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އުޚުތަކު ބުރުގާ އަޅައިފިނަމަ ތިބާގެ އަތުގައި ހުރިނަމަ އޭނާގެ ކުރީގެ ފޮޓޯތައް ޑިލީޓްކޮށްލައިދޭށެވެ! އެއީވެސް ޘަވާބުލިބޭނެ ޢަމަލެކެވެ! އިން ޝާ ﷲ

ގިނަ ބައަކު ފޮޓޯތައް ނަގައި ސޯޝަލް މީޑިއާގައި ޝެއާކުރަނީވެސް އަދި އެކުވެރިންނާއިއެކު ފޮޓޯ ނަގަނީވެސް އެކަމަށްޓަކައި ފަހުން ހިތާމަކުރަންޖެހިދާނެކަމަށް ވިސްނައި ނުލައެވެ.

އެހެންކަމުން މިހާރަކަށް އައިސް ފޮޓޯތައް ހުންނަނީ ހަމައެކަނި އެމީހާގެ އަތަކު ނޫނެވެ. ގިނަ ބައެއްގެ އަތުގައި ހުރެއެވެ. ގިނަ ބައެއްގެ ސޯޝަލް މީޑިއާގައިވެސް ހުރެއެވެ. ޚާއްޞަކޮށް ގާތް އެކުވެރިންގެ އަތުގައެވެ.

ވީމާ އުޚްތަކު ބުރުގާ ނުވަތަ މޫނު ބުރުގާ އަޅައިފިނަމަ އަތުގައި ހުންނަ އޭނާގެ ކުރީގެ ފޮޓޯތައް ޑިލީޓްކޮށްލައިދޭންވާނެއެވެ. ސޯޝަލް މީޑިއާގައި ހުރިނަމަވެސް ރިމޫވްކޮށްލައިދޭންވާނެއެވެ. އިން ޝާ ﷲ. އެއީ ޘަވާބު ލިބެނިވި ޢަމަލެކެވެ.

ބުރުގާ ނުއަޅައި އޭނާއަށް އެހުރެވުނީ އެކަމުގެ މުހިންމުކަމާއި އެއީ ކުރަންޖެހޭ ކަމެއްކަން އޭނާއަށް ކުރިން ނުވިސްނޭތީއެވެ. އެކަން ޤަބޫލުކުރެވުމުން އިޞްލާޙްވިކަމަށްޓަކައި އުފާކުރަންޖެހޭނެއެވެ. އުފާކޮށް ތަރްޙީބްދޭންވާނެއެވެ. ﷲ ތަޢާލާ އާއި ކުއްތަންވުމަށް އެކުރި ހެޔޮ އަމަލަށް ހިތްވަރުދީ ތަޢްރީފްކުރަންވާނެއެވެ.

މުސްލިމުންނަށް އޮތީ އަނެކާގެ ޢައިބުތައް ފޮރުވައިދިނުމެވެ. ހާމަކޮށް ފަޟީޙަތްކުރުމެއް ނޫނެވެ. އެއީ ކިހައިމަތިވެރި ޢަމަލެއްކަން އެނގޭ ހެއްޔެވެ؟ މުސްލިމެއްގެ ޢައިބެއް ފޮރުވައިދިނުމަކީ ތިބާގެ ޢައިބުތައް ﷲ ފޮރުއްވަވައި ދެއްވާނެ ކަމެކެވެ. މިއީ ކޮންފަދަ ަމތިވެރި ނިޢްމަތެއްހެއްޔެވެ؟

މިކަމުގައި އެންމެ މުހިންމީ ބުރުގާއެޅުމަށްފަހު އަތުގައިހުންނަ ކުރީގެ ފޮޓޯތައް އެމީހަކުވެސް އެހެން މީހުންނަށް ނުފެންނާނެ ގޮތް ހެދުމެވެ. އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެހެން މީހުންނަށް އެކަންކުރަން ހިތްވަރުލިބޭނީވެސް އެއިރުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން