ﷲ ގެ ޙަޟްރަތުން އެންމެ ބޮޑު ނިޢަމަތަށް އެދި ކުރަން އޮތް ދުޢާ- ޙަދީޘުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 52ސ
ﷲ ގެ ޙަޟްރަތުން އެންމެ ބޮޑު ނިޢަމަތަށް އެދި ކުރަން އޮތް ދުޢާ- ޙަދީޘުން-

ފަސޭހަމަގަކުން ކުރެވޭނެ އެންމެ ރަނގަޅު ދުޢާ ހޯދަން ގިނަ ބައަކު މަސައްކަތްކުރެއެވެ. އެހެންވެ މިގެނެސްދެނީ އެފަދަ ދުޢާއެކެވެ. ކުރު، ދޫމައްޗަށް ފަސޭހަ، ބޭނުންވާ އެންމެހައި ކަންކަން ހިމެނިގެންވާ ދުޢާއެކެވެ. 

"ލޯބިވާ ބޮޑުބޭބޭފުޅާއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން "ޢާފިޔާ ދެއްވެވުމަށް އެދިވަޑައިގަންނަވާށެވެ. އެއަށްވުރެ ވަކިން ބޮޑު ނިޢްމަތެއް ލިބިވަޑައެއް ނުގަންނަވާނެއެވެ." 

މިއީ އާދައިގެ މީހަކު އާދައިގެ މީހަކަށް ބުނެފައިވާ ބަހެއް ނޫނެވެ. މިއުންމަތުގެ އެންމެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލް ()، އިތުރު އެކަލޭގެފާނުގެ ބޮޑުބޭބޭފުޅަށް ކުރެއްވެވި ޙަދީޘްފުޅެކެވެ. 

ރަސޫލް () ގެ ބޮޑުބޭބޭފުޅު، ޢައްބާސްގެފާނު އެއްދުވަހަކު ރަސޫލް () ގެ އަރިއަހަށް ވަޑައިގެން ތިމަންކަލޭގެފާނު ކުރައްވަވަން ރަނގަޅު ދުޢާއެއް ވިދާޅުވެދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ރަސޫލް () ޙަދިޘްފުޅު ކުރެއްވެވީ "އަލްޢާފިޔާ" ދެއްވެވުން އެދި ދުޢާ ކުރެއްވެވުމަށެވެ. ދުޢާ ކުރުކަމުން އެއަށްވުރެ އިތުރަށް ވިދާޅުވެދެއްވުމަށް އެދިވަޑައިގަތުމުން ރަސޫލް () ހަދީޘްފުޅު ކުރެއްވެވީ "ލޯބިވާ ބޮޑުބޭބޭފުޅާއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން "ޢާފިޔާ ދެއްވެވުމަށް އެދިވަޑައިގަންނަވާށެވެ. އެއަށްވުރެ ވަކިން ބޮޑު ނިޢްމަތެއް ލިބިވަޑައެއް ނުގަންނަވާނެއެވެ." މިކަމުން އެނގިގެންދަނީ އީމާން ކަމުގެ ނިޢްމަތަށްފަހު އެންމެ މަތިވެރި ނިޢްމަތަކީ "އަލްޢާފިޔާ ލިބުން ކަމެވެ.   

"އަލްޢާފިޔާ"އަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެއީ ސަލާމަތް ޞިއްޙަތެއް ދެއްވެވުމާއި މުޞީބާތްތަކުން ސަލާމަތް ކުރެއްވެވުމެވެ. މިއަށްވުރެ ވަކިން ބޮޑު ނިޢްމަތަކީ ކޮބައިހެއްޔެވެ؟ ﷲ ތަޢާލާއަށް އީމާންވެގެން ހުންނަ މީހާ އެންމެ ބޮޑަށް ބޭނުންވާނީ ވީހައި ގިނައިން އަޅުކަން ކުރުމަށެވެ. އެކަން ކުރެވޭނީވެސް ސަލާމަތް ޞިއްޙަތެއްގައި ހުރެވިގެންނެވެ. މުޞީބާތްތަކުން ސަލާމަތްވެވި ހުރެވިގެންނެވެ. އަދި ޙަލާލް ގޮތުގައި ރިޒްޤް ހޯދަން މަސައްކަތްކުރެވޭނީ ވެސް ބަލިތަކާއި މުޞީބާތުން ސަލާމަތްވެވި ހުރެވިގެނެނެވެ. 

ސަލާމަތް ޞިއްޙަތަށް އެދި ސުންނަތުގައިވާ ފަދައިން މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ! 

أَللَّهُمَّ عَافِنِى فِىى بَدَنِى, أَللَّهُمَّ عَافِنِى فِىى سَمْعِىأَللَّهُمَّ عَافِنِى فِىى بَصَرِى , لاَإلَهَ إلاَّ أَنْتَ     

ތިމާއަށް ދުޅަހެޔޮ ހެޔޮ ޞިއްޙަތެއް ދެއްވެވުން އދިގެންނާއި ލޮލުގެ ފެނުމާއި ކަންފަތުން އަޑުއެހުމުގެ ކުލަދާނަކަން ދެއްވެވުންއެދި މިފަދަ ދުޢާތައް ކުރަމުން ގެންދާށެވެ. މިދުޢާގައި އެވާފަދައިްނ ކުރާ ކޮންމެ ދުޢާއެއްގައިވެސް ﷲ ތަޢާލާ އެއްކައުވަންތަކޮށް މަތިވެރިކުރަންވާނެއެވެ. 

"ޢާފިޔާ" ދެއްވެވުން އެދި ދުޢާ ކުރުމަކީ ކިހައިވަރެއްގެ މުހިންމު ކަމެއްކަން އެނގެނީ މަދު ބައަކަށެވެ. އެހެނީ ގިނަ ބައަކު ދުނިޔޭގައި އުޅެމުންދަނީ ގަދަވެ ސަލާމަތުން ތިބެއެވެ. މުޞީބާތްތަކުން ސަލާމަތްވެ ތިބެއެވެ. ވީމާ އެ ނިޢްމަތް ގެއްލިގެން ހިނގައިދާނެ ކަމަށް ނުވެސް ވިސްނަނީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން