ނަމާދުގެ ޖަމާޢަތާއި ގުޅެވުނުލެއް ލަސްވުމުން، ނުވަތަ އިމާމާ ނަމާދު ކުރިއަށް ގެންދާ ސްޕީޑް އަވަސްކަމުން ބައެއް ފަހަރު މައުމޫންނަށް އަލްޙަމްދު ނުކިޔެނީސް އިމާމާ އެބަ ރުކޫޢަށްދެއެވެ. މިޙާލަތުގައި ޢަމަލުކުރާނެ ގޮތަކާއިމެދު ގިނަބައަކު ސުވާލުކުރެއެވެ.
މިކަމުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބަކީ ފަހުން އިޤްތިދާވެވުމުގެ ސަބަބުން ނަމަވެސް އަދި އިމާމް މީހާ ކިޔެވުން އަވަސްވެގެން ނަމަވެސް މައުމޫމަކަށް އަލްޙަމްދު ނުކިޔެވެނީސް އިމާމް ރުކޫޢަށް ހިނގައްޖެ ނަމަ އިމާމާއެކު ރުކޫޢޫކުރާނީއެވެ. ރަކްޢަތް ލިބޭނެއެވެ. އިން ޝާ ﷲ
މީގެ އިތުރުން އިމާމް މީހާ ރުކޫޢުން ތެދުވަން ތަކްބީރުކިޔަނިކޮށް އިޢްތދާ ވެވިއްޖެ ނަމަ ރަކްޢަތް ލިބޭނެތޯވެސް ބައެއް މީހުން ސުވާލުކުރެއެވެ. މިކަމުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބަކީ ނަމާދުގައި ރަކްޢަތް ލިބޭނީ އިމާމް މީހާ ރުކޫޢުން ތެދުވުމުގެކުރިން ރުކޫޢަށް ދެވިއްޖެނަމަ ކަމަށެވެ. ރުކޫޢުން ތެދުވާފަހުން އިޢްތިދާ ވެވިއްޖެނަމަ ރަކްޢަތް ނުލިބޭނެ ކަމަށެވެ.