ލޯބިވާކަމަށާ ކައިވެނިކުރާނެކަމަށް ބުނެ ދޮގުހެދުން: ބިރުވެތިވާންޖެހޭ ވަރަށް ބޮޑު ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ލޯބިވާކަމަށާ ކައިވެނިކުރާނެކަމަށް ބުނެ ދޮގުހެދުން: ބިރުވެތިވާންޖެހޭ ވަރަށް ބޮޑު ފާފައެއް!

ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ "ތިއަބައިމީހުން ﷲ އަށް އަހްދުކޮށްފިނަމަ، އެ ޢަހްދު ތިއަބައިމީހުން ފުއްދާށެވެ! އަދި ހުވާތައް ގަދަކޮށް، ކަށަވަރުކުރުމަށްފަހު، ތިއަބައިމީހުން އެ ހުވާތައް އުވައިނުލާށެވެ! އެހެނީ ހަމަކަށަވަރުން ﷲ އީ، ތިއަބައިމީހުންގެ ހެކިވެ ޖާމިނުވެވޮޑިގެންވާ ފަރާތެއް ކަމުގައި ތިއަބައިމީހުން ލާފައިވެއެވެ. ހަމަކަށަވަރުން ތިއަބައިމީހުން ކުރާކަންތައް، ﷲ ދެނެވޮޑިގެންވެއެވެ." މިފަދައިންނެވެ.

ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. "ވަޢްދުކޮށް އަހްދުކޮށްފި ކޮންމެ ކަމެއް ފުއްދުމަކީ މުއްމިނުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. އަދި އެއީ މުއްމިނުންގެ ސިފަވެސް މެއެވެ. އަހުދާއި ވައްދު ނުފުއްދުމަކީ ބިރުވެތިވާންޖެހޭ ކަމެކެވެ. މާދަމާ ސުވާލުކުރެވޭނެކަން ކަށަވަރެވެ." 

މިފަދައިން ވިދާޅުވުމަށްފަހު ބަޔާންކުރައްވާފައިވަނީ އިސްވެ ބަޔާންމިކުރި އާޔަތެވެ. އަދި ވިދާޅުވެފައިވަނީ މި އާޔަތާއިމެދު ވިސްނައިލުމަށެވެ. 

ވަޢުދުގެ ވާހަކަ ދައްކައިފިނަމަ ގިނަ މީހުންނަށް މާނަނެގެނީ ވަރަށް ތިލަކޮށެވެ. އެހެންވެ ލޯބިވެރިޔާ ގާތުގައި ދައްކާ ވާހަކަތަކާއި ލޯބިވެރިޔާއަށްވާ ވަޢުދުތަކަކީ ވަޢުދުކަމަށް ނުވެސް ވިސްނެއެވެ. ނަމަވެސް ކަމުގެ ޙަޤީޤަތަކީ އެއީއެއް ނޫނެވެ. 

ލޯބިނުވެ ހުރެ ލޯބިވާކަމަށް ބުނުމާއި އަދި ލޯބިވިނަމަވެސް ކައިވެނި ނުކުރާނެ ނަމަ ނުވަތަ ކައިވެނި ކުރެވެން ނެތްނަމަ ކައިވެނިކުރާނެ ކަމަށް ބުނުމަކީ ބިރުވެތިވާންޖެހޭ ވަރަށް ބޮޑު ފާފައެކެވެ. ކައިވެނިކުރާނެ ކަމަށްބުނުމަކީ އެކަމަށް ވެވޭ ވައުދެކެވެ. އަހުދެކެވެ. 

ކައިވެނިކުރަން ރަންކިޔުއްވާ ދެހެކިން "އެހެން މީހަކާއި ކައިވެނިކުރަން ވަޢުދެއްވެފައި އޮންނާނެތޯ؟" ސުވާލުކުރަނީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. އެފަދަ ވައުދެއްވެފައި އޮވެ ވައުދު ނުފުއްދާނަމަ އެކަން ބާޠިލުކޮށް އަނެކާގެ ހިތްޙަލާލުހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާތީއެވެ. 

މިހާރަކަށް އައިސް ހެކިވެރިކަން ކުރުމުގައި ކަންކަން ނުއެނގޭ މީހުން މެދުވެރިވާތީ މިފަދަ ސުވާލުތައް ނުކުރިނަމަވެސް މިފަދަ ސުވާލުތައް ކުރަން ޖެހެއެވެ. 

އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް ކައިވެނިނުކުރާނެ ނަމަ ކައިވެނިކުރާނެކަމަށްބުނެ ވައުދުވުމަށް ބިރުވެތިވާށެވެ! ލިޔެކިޔުން ނެތުމުން ދުނިޔޭގައި ދައުވާ ނުކުރެވުނު ނަމަވެސް ޤާނޫނީ ކުށަކަށް ނުވާތީ އަދަބު ނުލިބުނު ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ހުވައާއި ވައުދާއި އަހުދަށް ޖަވާބުދާރީވާންޖެހޭނެއެވެ. އެމީހެއްގެ ފަތުގައި ވާނީ ލިޔުއްވިގެންނެވެ. އެންމެ މުހިންމު ކަމަކީ އެއީއެވެ. 

- އިސްލާމީ ތިލަފަތުގެދަރުސަކުން

 

 

 

މިއަދު އޮންލައިން