ދެމަފިރިން ބައްދަލުވެ އެކުގައި ހޭޜދަކުރެވޭ ވަޤުތު މަދުވުމުގެ މައްސަލައަކީ އެންމެ ބޮޑު މައްސަލަކަމަށްވީނަމަވެސް ހިތާމަކުރަންޖެހޭ ކަމަކީ ދެމަފިރިން އެކުގައި ހޭދަކުރާ މަދު ވަޤުތުކޮޅުގައިވެސް ދެމީހުންނަށް ފައިދާކުރާނެ ވާހަކަތަކަށްވުރެ ފައިދާނުކުރާނެ ވާހަކަތައް ދެއްކޭލެއް ގިނަކަމެވެ.
ޙަޤީޤަތަށް ބަލައިފިނަމަ ދެމަފިރިންގެ ދެމެދުގައިވެސް ގިނައިން ދެކެވިފައިހުންނަނީ އެހެން ދެމަފިރިއެއްގެ ވާހަކަތަކެވެ. މިވެނި މީހެއްގެ އަނބިމީހާގެ ރަނގަޅުކަމާއި މިވެނި ފިރިއެއްގެ ރަނގަޅުކަމާއި މިވެނި ދެމަފިރިއަކު ވަރަށް ލޯބިން އުޅޭ ކަމުގެ ވާހަކަތަކެވެ. އެހެން ދެމަފިރިން އެކަކު އަނެކަކަށް ކޮށްދޭ ކަންކަމުގެ ވާހަކައެވެ.
މިފަދަ ވާހަކަތައް ދެއްކުމަކީ އެންމެ ރަނގަޅުކަމެކެވެ. ހިތާމައަކީ ތިމާމެން ދެމަފިރިން އެކަކު އަނެކަކަށް ކޮށްދޭ ކަންކަމުގެ ވާހަކަ ނުދެއްކޭކަމެވެ. ގޯސްކޮށް ނުވަތަ ހިތްހަމަނުޖެހޭ ގޮތަށް ކުރެވޭ ކަންކަމުގެ ވާހަކަ ދައްކާފަދައިން ރަނގަޅަށް ކުރާ ކަންކަމުގެ ވާހަކަ ނުދެއްކޭކަމެވެ. ރަނގަޅަށް، ލޯބިން ކޮށްދޭ ކަންކަމަށް އެކަކު އަނެކަކަށް ޝުކުރުވެރި ނުވެވޭ ކަމެވެ.
އެހެން ނުހަދާށެވެ. ދެމަފިރިންގެ މެދުގައި ދެކެވޭ ވާހަކަތަކުގައި އެކަކު އަނެކަކަށް ތަޢްރީފް ނުކުރެވޭނަމަ އެއީ ވަރަށް ބޮޑު މައްސލައެކެވެ. މިޘާލަކަށް ކުށް ދައްކާފަދައިން ރަނގަޅަށް ކުރާ ކަންކަންވެސް ފާހަގަކޮށް އެކަމުގެ ވާހަކަ ދައްކަންޖެހޭނެއެވެ. އިތުރަށް ސަމާލުވުމަށާއި ރަނގަޅު ކަންކަން އިތުރަށް ކުރަން ހިތްވަރު ލިބޭނީ އެއިރުންނެވެ.
ދެމަފިރިންގެ މެދުގައި ހުންނަ އިޞްލާޙްކުރަން ޖެހޭ ނުވަތަ ރަނގަޅުކުރަންޖެހޭ ކަންކަމުގެ ވާހަކަ ދައްކަންވާނެއެވެ. ނަމަވެސް އަނެކަކު ކުށްވެރިނުކޮށް އޭނާގެ ހިތުގައި ނުޖައްސައި އެކަމުގެ މެސެޖު ދެވިދާނެއެވެ. އެކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ.
މިޘާލަކަށް ކޮންމެވެސް އެހެން ދެމަފިރިއަކު އެކަކު އަނެކަކަށް ކަންތައް ކޮށްދޭ ގޮތުގެ ވާހަކަ ނިކަން ދައްކައިބަލާށެވެ! އަދި އެމީހުން އެކަން އެކުރަނީ ވަރަށް ރަނގަޅަށް ކަމަށާއި އެއީ ތިމާވެސް ވަރަށް ލޯބިކުރާ ނުވަތަ ބޭނުންގޮތް ކަމަށް ބުނެބަލާށެވެ! އެއިރުން ފިރިމީހާ ނުވަތަ އަނބިމީހާ ބޭނުންވަނީ އެގޮތަށް އެކަން ކުރަންކަން ވިސްނޭނެއެވެ.
ހަމައެއާއިއެކު ދެމަފިރިން އެކަކު އަނެކަކަށް ތަޢްރީފްކޮށް ޝުކުރުއަދާކުރުން ގިނަކުރާށެވެ! ކިތަންމެ ގިނައިން ބުނަންޖެހުނު ނަމަވެސް ޝުކުރިއްޔާ އެވެ ބުނާށެވެ! ޝުކުރިއްޔާއެވެ ބުނެލުމަކީ ކުރަން ކިހައި ފަސޭހަކަމެއް ހެއްޔެވެ؟ އަތުން އެއްވެސް ޚަރަދެއްވެސް ކުރަންޖެހޭ ކަމެއް ނޫނެވެ. ހަމައެއާއިއެކު އެކަކު އަނެކަކަށް ވަރަށް ބޮޑަށް ލޯބިއިތުރުވެގެންދާނެ ކަމެކެވެ!
ހެޔޮލަފާ އަންތބަކަށްނަމަވެސް އަދި ފިރިއަކަށް ނަމަވެސް އަތުންދޭ އަގުބޮޑު ހަދިޔާއަކަށްވުރެ ދުލުން ކުރާ ތަޢްރީފާއި ބުނާ ޝުކުރުގެ އަގު މާބޮޑުވާނެއެވެ. މާއުފާވާނެއެވެ! ލޯބިވާކަމުގެ ޔަޤީންކަންވެސް ބޮޑުވާނެއެވެ.
- އަލަފްގެ ވިސްނުން