ކިޔާލުން މުހިންމު ޢިބްރަތްތެރި ވާހަކައެއް! ގަހެއް ވެއްޓި އަމިއްލައަށް ބޯޓެއް އުފެދި އެބޯޓުން އިމާމް އަބޫ ޙަނީފާ ދަތުރުކުރެއްވި ކަމަށް އިމާމް ވިދާޅުވި ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ކިޔާލުން މުހިންމު ޢިބްރަތްތެރި ވާހަކައެއް! ގަހެއް ވެއްޓި އަމިއްލައަށް ބޯޓެއް އުފެދި އެބޯޓުން އިމާމް އަބޫ ޙަނީފާ ދަތުރުކުރެއްވި ކަމަށް އިމާމް ވިދާޅުވި ވާހަކަ!

ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރާ މީހުން ދަނީ ގިނަވަމުންނެވެ. ޒަމާން ފަސްވަމުން އަންނަ ވަރަކަށް އެފަދަ ކަންކަން ފެންނާނެއެވެ. އެއީ ޢިލްމީ ގޮތުން ކުރިއަރައިދާކަމަށް ބެލެވުނު ނަމަވެސް ޖާހިލުކަން ބޮޑުވުމުން މީސްތަކުންގެ ވިސްނުން ކޮށިވެ ލޮލަށް ނުފެންނަ އެއްޗަކީ ވުޖޫދުގައިވާ އެއްޗެއްކަމަށް ޤަބޫލުކުރަން ދެކޮޅު ހެދުމަކީ ޖާހިލުކަން ހައްދުފަހަނައަޅައި ދިއުމެވެ.

ޢިްލްމުވެރިއަކު ވިދާޅުވެފައިވެއެވެ. ކަލަކުވޮޑިގެންވާކަމަށް ޤަބޫލުނުކުރާ މީހުން ޖިންނި ޝައިޠޯނުންވާކަމަށް ޤަބޫލުކުރެއެވެ. މީސްތަކުންނަށް އެއްޗެތީގެ އުނދަގޫފޯރާކަމަށް ޤަބޫލުކުރެއެވެ. އެހެނަސް އެމީހުންގެ ލޮލަކަށް އެއްޗެއްސެއް ނުފެނެއެވެ. އެހެންކަމަށްވާއިރު ޖިންނި ޝައިޠޯނުންނާއި އިންސާނުންވެސް އުފެއްދެވި ﷲ ތަޢާލާ ވޮޑިގެންވާކަން ޤަބޫލުނުކުރާކަމަށް ބުނީމާ އަހުރެންނަސްވަނީ ވަރަށް ހެއްވާ ކަމަކަށެވެ.

ތިރީގައި އެވަނީ މުސްލިމުންގެ 4 މަޛްހަބުގެ ތެރެއިން ޙަނަފީ މަޛްހަބްގެ އިމާމް އެފަދަ ބައަކަށް ޙުއްޖަތް ދައްކަވައި އެމީހުންގެ ކޮޅު ބަލިކޮށްލެއްވެވި ގޮތުގެ ވާހަކައެވެ.

އިމާމް އަބު ހަނީފާގެ ޒަމާނުގައި އުޅުނު ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރާ ބައަކު އެމީހުންނާއިއެކު ބަހުސްކުރެއްވުމަށް އެރުވި ދައުވަތު އިމާމް ޤަބޫލުފުޅު ކުރެއްވެވިއެވެ. ނަމަވެސް ވަޑައިގެންނެވުނީ އެއްބަސްވެވަޑައިގެންނެވި ވަގުތަށްވުރެ ތަންކޮޅެއް ލަހުންނެވެ. އެގޮތަށް ލަސްވުމަކީ އަބޫ ހަނީފާ ފަދަ ބޭކަލެއްގެ ކިބައިން ވެގެންވާނެ ކަމެއްކަމަށް އެމީހުން ޤަބޫލުނުކުރުމުން އެކަން މެދުވެރިވި ސަބަބު ބަޔާންކޮށްދެއްވަވަމުން އިމާމް ވިދާޅުވިއެވެ.

"ތިމަންކަލޭފާނު ދިރިއުޅުއްވާ ތަނުން މިތަނަށް ވަޑައިގެންނެވެނީ ކޯރެއް ހުރަސް ކުރައްވައެވެ! ކޯރުގެ އައްސޭރިއަށް ވަގުތު އޮއްވައި ވަޑައިގަތީމެވެ. ނަމަވެސް ހުރަސްކުރައްވާނެ ބޯޓެއް އެތަނަކު ނެތެވެ. ދެން ބޯޓެއްގެ އިންތިޒާރުގައި ހުންނަވަނިކޮށް އެތަނުން ބޮޑުގަހެއް ވެއްޓުނީއެވެ. ވެއްޓި ގަސް އަމިއްލައަށް ބުރިބުރިވެ ފޮތިފޮތިވެ ބޯޓެއް އުފެދުނީއެވެ. މިވަޑައިގަތީ އެ ބޯޓުގައެވެ."

އިމާމްގެ މިވާހަކަފުޅުވެސް އެމީހުން ޤަބޫލެއް ނުކުރިއެވެ. އެމީހުން ބުނީ އެވާހަކަފުޅު ޤަބޫލުކުރަން އެމީހުންނަކީ މޮޔައިން ނޫން ކަމަށެވެ. އަދި އެއްވެސް މީހަކު ނުވަތަ ބައެއްގެ މަސައްކަތުން ނޫނީ ބޯޓެއް ނުއުފެއްދޭނެ ކަމަށް އެމީހުން ދެންނެވުމުން އިމާމް ވިދާޅުވިއެވެ.

"ބަލަކަލާމެން ތިއަ ބުނަނީ ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކާއި މީސްތަކުންނާއި މިހުރިތަކެތި އުފެދެނީ އެތަކެތި ހެއްދެވި އެއްވެސް ފަރާތެއް ނެތި އަމިއްލައަށް ކަމަށް ނޫން ހެއްޔެވެ؟ ވީއިރު އެގޮތަށް ބޯޓެއްވެސް އުފެދިދާނެކަމަށް ޤަބޫލުނުކުރަނީ ހެއްޔެވެ؟"

އެހިސާބުން ކުރަން އުޅުނު ބަހުސް ކުރުމަކާއި ނުލައި ބަހުސް އިމާމަށް ކާމިޔާބުކުރެއްވެވިއްޖެއެވެ. ﷲ ތަޢާލާ ނުވަތަ ހެއްދެވި ފަރާތެއް ނެތި ދުނިޔެއާއި ދުނިޔޭގައިވާ އެއްވެސް އެއްޗެއް އަދި އިންސާނުންވެސް ވުޖޫދުނުވާނެކަން ސާބިތުވެ ނިމިއްޖެއެވެ.

--ޝައިޚް ޢަލީ ޒައިދު

ގުޅުންހުރި ވީޑިއޯ:

 

މިއަދު އޮންލައިން