ބަޤަރާ ސޫރަތުގެ އެންމެ 3 އާޔަތް ކިޔަވާލައިގެން ކޮންމެ ރެއަކު ޙާޞިލުކުރެވެން އޮތް ނިޢްމަތުގެ ބޮޑުކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ބަޤަރާ ސޫރަތުގެ އެންމެ 3 އާޔަތް ކިޔަވާލައިގެން ކޮންމެ ރެއަކު ޙާޞިލުކުރެވެން އޮތް ނިޢްމަތުގެ ބޮޑުކަން އެނގޭހެއްޔެވެ؟

ކޮންމެ ރެއަކު ބަޤަރާ ސޫރަތުގެ އެންމެ 3 އާޔަތް ކިޔަވައިގެން ޙާޞިލުކުރެވެން އޮތް ނިޢުމަތްތަކުގެ މަތިވެރިކަން އެނގޭނަމަ ކޮންމެ މީހަކުވެސް އެ ނިޢްމަތްތައް ޙާޞިލްކުރަން މަސައްކަތްކުރާނެއެވެ.

ފުރަތަމަ މި ބަލައިލަނީ ފުދިގެން އޮވެ އަރާމުގައި ނިދުމުގެ މައްޗަށެވެ. އެއީ އެންމެ ފަހު 2 އާޔަތުން ޙާޞިލްވާން އޮތް ކަމެކެވެ. 

ބަޤަރާ ސޫރަތުގެ އެންމެ ފަހު ދެ އާޔަތަކީ އެހައިމެ އަގުބޮޑު ދެ ޖަވާހިރެވެ. އެހެނީ ކީރިތި ޤްރްއާނުގެ އާޔަތްތައް މާތް ﷲ ބާވައިލެއްވެވީ ޖިބްރީލްގެފާނު މެދުވެރިކުރައްވަވައެވެ. ނަމަވެސް މި ދެ އާޔަތަކީ މިޢްރާޖްގެ ދަތުރުފުޅުގައި ސީދާ ﷲ ތަޢާލާ ދެއްވަވާފައިވާ 2 އާޔަތްކަމަށްވުމުން އެ ދެ އާޔަތުގެ މަތިވެރިކަން އެނގިގެންދެއެވެ. އެ ދެ އާޔަތުގެ މަތިވެރިކަން ބަޔާން ކުރައްވަވަމުން ބައެއް އިލްމުވެރިން ވިދާޅުވެފައިވަނީ އެ 2 އާޔަތަކީ ސީދާ އަރުޝީގެދަށުން ﷲ ތަޢާލާ ދެއްވެވި 2 އާޔަތް ކަމަށެވެ. 

ކޮންމެ ރެއަކު ނިދުމުގެކުރިން ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތް ކިޔެވުމުގެ މުހިންމުކަން ބޮޑުވެގެންދަނީ "ކޮންމެ ރެއަކު ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތް ކިޔަވައިފި މީހަކަށް ފުދިއްޖެ" ކަމުގައި ހަދީޘްފުޅުގައި އޮންނާތީއެވެ. ވީމާ އެހައި ފަސޭހައިން ފުދިގެން ނިދެން އޮއްވައި ނުފުދިއޮވެ ނިދަން ހެޔޮވެދާނެ ހެއްޔެވެ؟ މި ދެ އާޔަތް ތަޖުވީދު މަގުން ކިޔަވައިލަންވެސް ގިނަވެގެން ނަގާނީ 3 މިނިޓެއްހައި އިރެވެ. ވީއިރު ނުފުދި ނިދަންވީ ކީއްކުރަންޖެއްޔެވެ؟ 

އެއީ އެއްބައެވެ. ދެން އޮތީ ދެވަނަ ބައެވެ. އެއީ ވެސް ހަމަ އެހައިމެ މުހިންމުކަންބޮޑު ބައެކެވެ. މިބުނަނީ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކޮށްގެން ނިދުމުގެ މުހިންމުކަމުގެ ވާހަކައެވެ. 

ކީރިތި ޤްރްއާނުގެ ކޮންމެ އާޔަތަކީވެސް ޖަވާހިރެކެވެ. ރަޙްމަތެކެވެ. ރައްކައުތެރިކަމެކެވެ. އެހެންކަމާއިއެކުވެސް އަގުގެ ގޮތުން ބޮޑުކުޑަ އެނގެން އެބައޮތެވެ. މިޘާލަކަށް ސޫރަތަކަށް ބަލައިފިނަމަ އެންމެ އަގުބޮޑު ޖަވާހިރަކީ ސޫރަތުލްފާތިޙާ (އަލްޙަމްދު) އެވެ. އާޔަތަކަށް ބަލައިފިނަމަ އެންމެ އަގު ބޮޑު ޖަވާހިރަކީ އާޔަތުލްކުރުސިއެވެ. 

ކީރިތި ޤުރްއާނުގައިވާ އެންމެ މަތިވެރި އާޔަތަކީ އާޔަތުލްކުރްސިކަން ހަޑީޘްފުޅުން އެނގެން އޮތުމުގެ އިތުރުން އެއީ ޝިފާއެކެވެ. ފަރުވާއެކެވެ. ދުވާލާއި ރޭގަނޑު އަދި ނިދީގައި ތިބާއަށް ރައްކައުތެރިކަންދޭ އައްޑަނައެވެ. 

އެއިގެ ތެރެއިން މިދައްކަނީ ނިދާ ވަޤުތުގެ ވާހަކަކަމުން ފާހަގަކުރަން ޖެހޭނެ ކަމަކީ އާޔަތުލްކުރުސި ކިޔަވައިގެން ނިދައިފިމީހަކަށް އޭނާ ނިދީން ހޭލަންދެން އޭނާ ހިމާޔަތްކޮށްދެއްވައި ބަލަހައްޓަވައިދެއްވަވާނެ މަލާއިކަތަކު ލައްވަވައިދެއްވަވާނެ ކަމެވެ. 

ވީމާ މި 3 އާޔަތުގެ ފައިދާތައް އެހެރީ ފެންނާށެވެ! އާޔަތުލްކުރުސި ކިޔައިގެން ނިދީމާ އެމީހަކަށް ﷲ ތަޢާލާ ޙިމާޔަތްކަން ދެއްވަވަތެވެ. އެންމެ ފަހު 2 އާޔަތް ކިޔަވައިފީމަކަށް އެރެއަކަށް އެވަނީ ފުދިފައެވެ. ހަމަޖެހިލައިގެން އަރާމުގައި ނިދާލަންވީ ނޫންހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން