ފަސޭހައިން ފާފަކުރެވޭނަމަ ވިސްނާތި! ތަޤްވާވެރިންނަށް ހެޔޮމަގަށް މަގުފަހިކޮށްދެއްވަވާ ފަދައިން ފާފަކުރާ މީހުންނަށް ނުބައިމަގަށްވެސް މަގުފަހިކޮށްދެއްވަވަތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ފަސޭހައިން ފާފަކުރެވޭނަމަ ވިސްނާތި! ތަޤްވާވެރިންނަށް ހެޔޮމަގަށް މަގުފަހިކޮށްދެއްވަވާ ފަދައިން ފާފަކުރާ މީހުންނަށް ނުބައިމަގަށްވެސް މަގުފަހިކޮށްދެއްވަވަތެވެ!

އިންސާނުންނަށް ތަފާތު ދެ ގޮތަކަށް ﷲ ތަޢާލާ މިންވަރުކުރއްވަވައެވެ. ފުރަތަމައީ ﷲ ތަޢާލާއަށް އީމާންވެ، ކިޔަމަންތެރިވެ ﷲ ތަޢާލާ ދެއްވެވި ތަކެތިން ޞަދަޤާތްކުރާނަމަ އެބައިމީހުންނަށް ރުހިވޮޑިގަންނަވައި ތަނަވަސްކަން އިތުރުކޮށްދެއްވަވަތެވެ. ހެޔޮމަގުގައި ކުރިއަށްދާން ފަސޭހަކޮށް ދެއްވަވަތެވެ. ދެވަނައީ ﷲ ތަޢާލާއަށް އުރެދި ނުބައިމަގުން ކުރިއަށްދާ މީހުންނަށް ނުބައިމަގުން ކުރިއަސް ދިއުމަށްވެސް މަގު ފަސޭހަކޮށްދެއްވަވަތެވެ. 

މިވާހަކަތައް އައްލައިލް ސޫރަތުގައިވަނީ މިފަދައިންނެވެ. 

"ފަހެ) މުދަލުން (ހޭދަކޮށް) ﷲ އަށް (ތަޤްވާވެރިވެ، އަދި އެންމެ ހެޔޮބަސް ތެދުކުރިމީހާ ދަންނާށެވެ." (6)

"ފަހެ، ތިމަންރަސްކަލާނގެ ފަސޭހަކަން ހުރިމަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ." (7) 

"އަދި ދަހިވެތިވެ، ﷲ ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ." (9)

"ފަހެ، ތިމަންރަސްކަލާނގެ ދަތިކަންހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ." (10)

"އަދި އެމީހާ) ނަރަކަޔަށް (ވެއްޓޭހިނދު، އެމީހާގެ މުދާ އެމީހާޔަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ." (11) 

ބައެއް މީހުންނަށް ފާފަކުރުމުގެ މަގުފަހިވެފައޮތުމާއި ކުރާ ފާފަތައް ބޭޒާރުނުވާތީ ހީވަނީ އެމީހާއަށް ކުރެވޭ ހެޔޮއަމަލުތައް މަދުނަމަވެސް ﷲ ތަޢާލާ ތިމާއަށް ރުހިވޮޑިގަންނަވަނީ ކަމަށެވެ. އެއީ އެއްގޮތަކަށްވެސް އެގޮތަސް ހިނގާ ކަމެއް ނޫނެވެ. އެކަން މިއާޔަތްތަކުން އެއޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ! 

ފަސޭހައިން ފާފަކުރެވިފައި، ފާފަކުރަން މަގުފަހިވެފައި އޮތްނަމަ ބޮޑަށް ބިރުވެތިވާންވީއެވެ. އެހެނީ އެއީ ތިބާ އެނުބައިމަގުން ދާން ދޫކޮށްލެއްވެވީކަމަށްވެދާނެ ކަމަށްޓަކައެވެ. އެހެންވެއްޖެނަމަ އާޚިރަތް ދުވަހު ތިބާއާއިމެދު ކަންކަން ވެގެންދާނެ ގޮތަކާއިމެދު ވިސްނައިލާށެވެ. ވީމާ ތައުބާވުމަށް އަވަސްވެގަންނާށެވެ. ﷲ ތަޢާލާ ދޫކޮށްލައްވަވާފައިވާ އަޅަކަށް ވެއްޖެ މީހަކަށް ޤިޔާމަތް ދުވަހުގައި އެއްވެސް ސަލާމަތްކަމެއް ނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން