ކޮށަކޮށައިގެން ޤުރްއާން ކިޔަވަނަ ޖެހުނަސް ލަދުނުގަނެ ކިޔަވާށެވެ! ދެއްވަވާ ދަރުމަ ދެގުނަ އިތުރުވެއެވެ! އިންޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 26ސ
ކޮށަކޮށައިގެން ޤުރްއާން ކިޔަވަނަ ޖެހުނަސް ލަދުނުގަނެ ކިޔަވާށެވެ! ދެއްވަވާ ދަރުމަ ދެގުނަ އިތުރުވެއެވެ! އިންޝާ ﷲ

ކީރިތި ޤްރްއާން ފަސޭހަކަމާއެކު ނުކިޔެވޭ މީހުން ބައެއް ފަހަރު ކީރިތި ޤްރްއާން ކިޔަވަން ފަސްޖެހެއެވެ. ޚާއްޞަކޮށް މިސްކިތް ފަދަ ގިނަ ބައަކު ޖަމާވެ ތިބޭ ތަންތަނުގައި ކިޔަވަން ފަސްޖެހެއެވެ. ލަދުގަނެއެވެ. އެއީ ހަމައެއްވެސް ވަރަކަށް ލދުގަންނަން ޖެހެންވީ ކަމެއް ނޫނެވެ. އަޑު މަޑުކުރާށެވެ! އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް ކިޔެވިނަމަވެސް ފުދޭނެއެވެ. އެންމެ ކުޑަމިނުން ދުލާއި ތުންފަތް ޙަރަކާތްކުރުވަމުން ކިޔެވިނަމަވެސް ފުދޭނެއެވެ. 

ކޮށަކޮށައިގެން ނަމަވެސް ކީރިތި ޤުރްއާން ކިޔަވާށެވެ! އެކަމުން ލިބެންހުރި ފައިދާތައް ވަރަށް ގިނައެވެ. ޤިޔާމަތް ދުވަހު ހެކިވެއެވެ. ޝަފާއަތްތެރިވެއެވެ. ފާފަތައް ފުއްސަވައިދެއްވަވައި ސުވަރުގެ ވައްދަވައިދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވައެވެ. ޤުްރްއާނުން އެނގޭ މިންވަރެއް ކިޔަވަމުން ސުވަރުގޭގެ ދަރަޖަތަކަށް އަރައިގެންދިއުމުގެ ފުރުޞަތު ދެއްވަވަތެވެ. 

އަދި ކީއްހެއްޔެވެ؟ ކިޔަވާ މީހާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުއްލަވަތެވެ. ކިޔަވާ ކޮންމެ އަކުރަކަށް 10 ޘަވާބު ދެއްވަވަތެވެ. ޤުރްއާން ކިޔަވާއިރު އެންމެ މަތިވެރިވެގެންވާ މަލާއިކަތުން ވަށައިގެން ތިއްބަވަތެވެ. ހިތުދަސް ހާފިޡުންގެ ޙިމާޔަތުގައި މަލާއިކަތުން ތިއްބަވަތެވެ. 

ކީރިތި ޤުރްއާން އެންމެ ފުރިހަމައަށް ކިޔަވަންނުއެނގޭތީ ލަދުވެތިވުމެއް، ފަސްޖެހުމެއް އެއްވެސް މިންވަރަކަށް އޮވެގެން ނުވާނެއެވެ. އެހެނީ އުނދަގުލުން ކީރިތި ޤްރްއާން ކިޔަވަން މަސައްކަތްކުރާ މީހުންނަށް މާތްﷲ ސަވާބު ދެގުނައަށް އިތުރުކުރައްވަވައެވެ.  

“Verily the one who recites the Quran beautifully, smoothly, and precisely, he will be in the company of the noble and obedient angels. And as for the one who recites with difficulty, stammering or stumbling through its verses, then he will have TWICE that reward.” (Sahih Al-Bukhari)

ކޮށަކޮށައިގެން ކިޔެވުމުން ޘަވާބު އިތުރުވާތީ ކީރިތި ޤްރްއާން ފަރިތަކޮށް ކިޔަވަން ދަސްނުކޮށް ހުރުމެއް ނެތެވެ. އެކި މީހުންނަށް ކަންކަން ކުރިމަތިވާނީ އެކި ގޮތަށެވެ. ވީމާ ސަބަބެއް ދިމާވެގެން ފަރިތަކޮށް ކިޔަވަން ނުއެނގޭ މީހުންވެސް ތިބޭނެއެވެ. 

ކީރިތި ޤްރްއާން ފަރިތަކޮށް ކިޔޭނީ ކީރިތި ޤްރްއާނުގެ އަހުލުވެރިންނަށެވެ. ކީރިތި ޤްރްއާނުގެ އަހުލުވެރިންނަކީ ހާދަހައި މަތިވެރި ޤަދަރެއް މާތްﷲގެ ޙަޟްރަތުން ލިބިގެންވާ ބައެކެވެ.  ކޮންމެ މީހަކަށް ވެސް ކީރިތި ޤުރްއާނުގެ އަހުލުވެރިއަކަށްވެވިދާނެއެވެ. އޮތީ އެމީހަކު އެކަމަށް އެދިގެން މަސައްކަތްކުރިވަރެކެވެ.

ކީރިތި ޤްރްއާން ފަސޭހަކަމާއިއެކު ކިޔަވަން ނުއެނގޭތީ ލަދުން ނުކިޔަވައި ހުއްޓައި މަރު އައިސް ޖެހިއްޖެނަމަ ކުރިމަތިވާނެ ހިތާމަ މާބޮޑެވެ. ޢާޚިރަތް ދުވަހުން ކުރަންޖެހޭނެ ހިތާމަ މާބޮޑެވެ. ވީމާ ނުފަރިތަ ނަމަވެސް ކިޔަވަން މަސައްކަތްކުރާށެވެ. 

ފަހަރެއްގައި މީހަކަށް 15 ވަރަކަށް މިނިޓުން ކިޔެވެނީ އެންމެ ޢާޔަތަށްވެސް ވެދާނެއެވެ. އެއީ ވެސް މައްސަލައެއް ކަމަށް ނުދެކޭށެވެ. ކިޔަވާށެވެ. ހިތްވަރާއިއެކު ކިޔަވަން މަސައްކަތްކުރާށެވެ. އައު ހިތްވަރަކާއިއެކު ފަށައިގަތްއިރު 15 މިނިޓުން އެންމެ އާޔަތެއް ކިޔެވުނު އެތައް ބައަކު މިހާރު ފަސޭހަކަމާއިއެކު އެދަނީ ކިޔަވަމުންނެވެ. އުންމީދު ކުރަންވީ މާތްﷲގެ ރަޙްމަތަށެވެ. ހިތްވަރާއިއެކު މަސައްކަތްކުރުމުން މާތްﷲ ހުރިހާ ކަމެއްވެސް ފަހިކޮށްދެއްވަވާނެކަން ޔަޤީންކޮށްގެން ކުރިއަށް ދިއުމަށް މަސައްކަތްކުރާށެވެ.  

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ތަފާތު ސަބަބުތަކާއިހުރެ ކީރިތި ޤްރްއާން އެހައި ފަރިތަކޮށް ކިޔެވޭ ބައެއް ނޫނެވެ. ސަބަބުތައް ވަރަށް ގިނައެވެ.  އެއިގެ ތެރޭގައި އަމިއްލަ އިހްމާލުވެސް ހިމެނެއެވެ. ހަމައެޢާއިއެކު އެމީހަކަށް އެއްވެސް ބާރެއް ނުފޯރާ ސަބަބުތައްވެސް އެބަކުރިމަތިވެއެވެ. އަޑު މަޚްރަޖުވެސް އެކި މީހުންގެ ހުންނާނީ އެކިވަރަށެވެ.

ތުއްތު އިރުގައި ޤްރްއާން ކިޔަވަން ދަސްވެފައި ނެތުމާއި ކީރިތި ޤްރްއާނާއި އެހައި ރައްޓެހި ނޫން މުޖުތަމައުތަކުގައި ދިރިއުޅެންޖެހުމަކީެސް މެދުވެރިވާ ސަބަބުތަކެވެ. ކުޑައިރު ކިޔަވަން ދަސްކުރި ނަމަވެސް ކޮންމެވެސް ސަބަބުތަކަކާއިހުރެ ކިޔެވުން މެދުކަނޑައިލެވުމާއި އުމުރުން ދުވަސްވާފަހުން އިސްލާމް ވުމަކީވެސް މެދުވެރިވާ ބައެއް ސަބަބެވެ.

ކޮންމެ ޢުމުރެއްގައި ނަމަވެސް ތަޖްވީދު މަގުން ކިޔަވަން މަސައްކަތްކުރާށެވެ! ލަދުނުގަނެ ކްލާސްތަކުގައި ބައިވެރިވާށެވެ! އެދުރުންގެ އެހީތެރިކަންވެސް ހޯދާށެވެ! ކިޔެވުން ފުރިހަމަކުރެވޭނީ ތަޖްވީދުމަގުން ކިޔަވައިގެންނެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން