ދެމަފިރިން އެކަކު އަނެކެއްގެ ކިބައިން ބޭނުންވާ ކަންކަން، ޚާއްޞަކޮށް އެއްދާންކުރުމަށްބަލައިފިނަމަ އޭގައި ވަރަށް ގިނަ ކަންތައްތަކެއް އެކުލެވިގެންވެއެވެ. އެއިގެ ތެރޭގައި އުފާވެރިކަމާ ހިތްހަމަޖެހުން، ދިރިއުޅުމަށް ބޭނުންވާ ހިތްވަރުލިބުން، އަދި އެކަކު އަނެކަކުދެކެވާ ލޯބި އިތުރުވެސް ހިމެނިގެންވެއެވެ.
ވީމާ އެކަން ނުކުރެވޭނަމަ އެކުގައި ދިރިއުޅުންމަތިން ފޫހިވެއެވެ. އުފާވެރިކަން ގެއްލިގެންދެއެވެ. ފޫހިވާންފަށައެވެ. ދެމީހުންގެ މެދުގައި އޮންނަންޖެހޭ ލޯބީގެ ގުޅުން ކުޑަވަމުންގޮސް ކެނޑިގެންދެއެވެ. އަދި ހިތަށް ތަދުވެ އަނިޔާލިބުން ބޮޑުވެގެންދެއެވެ.
މިކަމުގެ ތެރެއިން ނުކުންނަ އެންމެ ނުރައްކައުތެރި މައްސަލައަކީ ޝައިޠޯނާ ދޭ ވަސްވާސްތަކަށް ހެއްލެވި ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަން ކުރަން ފެށެވުމެވެ. މިއީ އެންމެ ގެއްލުންހުރި ކަންތަކެވެ.
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ގިނަފަހަރު އެއްދާންކުރުން ހުއްޓާލެވިފައި އޮންނަނީ ކުއްލިއަކަށް ނޫނެވެ. ދެމީހުންގެ މެދުގައި އޮންނަންޖެހޭ ގުޅުން ކެނޑެމުން ގޮހެވެ. އެހިސާބަށް ކަންކަންދާއިރު ދެމީހުންގެ މެދަކު ލޯތްބެއް ނުއޮވެއެވެ. ދެއްކެނީ ކުނިމޫނެވެ. ޒުވާބުކުރެއެވެ. ބައެއްފަހަރު އަތްވެސް އިސްކުރެވެއެވެ.
މިކަންކަމުގެ ތެރެއިން ގޮސް އެއްދާން ނުކުރާ ޙާލަތަށް ކަންކަން ދިއުމުން މިބުނި ކަންކަން އެތައް ގިުނައަކަށް އިތުރުވެގެންދެއެވެ. މިބަޔާންކުރެވުނު ހުރިހާ މަރިުޙަލާތަކެއްގައިވެސް ކަންކަން ގޯހުން ގޯހަށްގޮސް އެއްމަރުޙަލާއިން އަނެއް މަރުޙަލާއަށް ބަދަލުކުރުވަނީ ހަމަ ޝައިޠޯނާއެވެ. ޝައިޠޯނާގެ ވަސްވާސްތަކެވެ.
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން