ފާފަކުރެވުނަސް ސުވަރުގެއާ ދިމާއަށް ދެވޭނެ މަގުގަ ސާބިތުވީމަ ސުވަރުގެ ވައްދަވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ފާފަކުރެވުނަސް ސުވަރުގެއާ ދިމާއަށް ދެވޭނެ މަގުގަ ސާބިތުވީމަ ސުވަރުގެ ވައްދަވާނެތެވެ! އިން ޝާ ﷲ

މުސްލިމުން ކޮންމެ ކަމެއް ކުރަން ފެށިނަމަވެސް ފަށަން އޮތީ ބިސްމިﷲ ކިޔައިގެންނެވެ. ބިސްމިﷲ ކިޔައިގެން ކޮންމެ ކަމެއް ކުރަން ފަށަންޖެހޭ ސަބަބަކީ ﷲ ތަޢާލާއީ އެންމެ ދީލަތިވަންތަ، އޯގާތެރިވަންތަ، ރަޙްމާންވަންތަ، އަދި ރަޙީމްވަންތަ ރަސްކަލާނގެކަން ހިތް މައްޗަށް ގެނެސް އެކަމަށް އީމާންވުމަށެވެ.

އެކަންކަމަށް ފުރިހަމައަށް އީމާންވެގެން ހުންނަ މީހަކަށް އެއްވެސް ކަމެއްގައި މާޔޫސްވާކަށް ނުޖެހޭނެއެވެ. ކޮންމެ ނީޢްމަތެއް ވެސް މިންވަރު ކުރައްވަވަނީ ﷲ ތަޢާލާ ކަމާއި އެއީވެސް އިމްތިޙާނެއްކަން ޔަޤީން ކުރެވޭނެއެވެ. އަދި ހަމަ އެފަދައިން ކޮންމެ މުޞީބާތެއްވެސް ކުރިމަތި ކުރައްވަވަނީ ﷲ ތަޢާލާ ކަމާއި އެއީވެސް އިމްތިޙާނެއްކަން ޔަޤީން ކުރެވޭނެއެވެ.

ސުވަރުގެ ބޭނުން މީހުން ބިރުގަންނަންވީ ފާފަކުރެވޭތީއެއް ނޫނެވެ. ތައުބާ ނުވެވޭތީއެވެ. ފާފަކުރެވޭތީ ހިތާމަނުކުރެވޭތީއެވެ. ފާފަކުރެވޭތީ ކަންބޮޑުނުވެވޭތީއެވެ. ފާފަކުރެވުނު ނަމަވެސް ބިރުވެތިވެ ދެރަވެ ހިތާމަކޮށް ތައުބާވެވޭނަމަ އެމީހާއަށް އެހުރެވެނީ ﷲ ތަޢާލާގެ މަގުގައެވެ.

ﷲ ތަޢާލާ އާއި ކުއްތަންވުމަށް މީހަކު އެންމެ ފިޔަވަޅެއް އަޅައިފިނަމަ އެމީހަކާއި ގާތްވެވޮޑިގަތުމަށް ﷲ ތަޢާލާ 99 ފިޔަވަޅު އަޅުއްވަވައެވެ. ވީމާ ކުއްތަންވުމަށް އަވަސްވެ ނުގަނެ ހުންނަ ހުރުމަކީ އެމީހެއްގެ ހުރި ކަންނެތްކަމާއި ޖާހިލުކަމާއި މޮޔަކަމާއި ނުކުޅެދުންތެރިކަން ބޮޑުކަމެވެ. އެނޫން އެއްވެސް ސަބަބެއް ނޫނެވެ.

ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަން ނިކަން ދެކިބަލާށެވެ! ފާފަކުރެވެމުން ގޮސް އުޑާއި ބިމާއި ދެމެދު ފުރޭވަރަށް ގިނަ ފާފަތައް ކުރެވި ލިޔެވިފައިވީނަމަވެސް ތިބާއަކީ ﷲ ތަޢަލާއަށް ޝަރީކު ނުކުރާ މީހަކު ކަމުގައިވާނަމަ، އެ ފާފަތަކުން ތައުބާވުމަށް ތިބާ މަސައްކަތްކޮށްފައިވާނަމަ އެ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެކަން ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފއެވެ. އެއީ އެކަލާނގެއަށް އެއްވެސް ބޮޑުކަމެއް ނޫނެވެ. އެކަން ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައި އަނގަވައިދެއްވަވައިފައެވެ.

އެހެންކަމަށްވާއިރު ﷲ ތަޢާލާ ފާފަ ނުފުއްސަވައިފާނެތީ ކަންބޮޑުވެ ބިރުގަތުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ޝައްކު ކުރުމުގެ އެއްވެސް ބޭނުމެއް ނެތެއް ނޫންހެއްޔެވެ؟ ﷲ ތަޢާލާ ގަންދީ ބުނަމެވެ. އެފަދަ ވަސްވާސްތަކަކީ ޝައިޠާނާގެ ކިބައިން ލިބެމުންދާ ވަސްވާސްތަކެވެ. އެފަދަ ވަސްވާސްތައް ޤަބޫލުނުކުރާށެވެ! ކުރެވިފައިވާ ފާފަތައް ކިތަންމެ ގިނަ ނަމަވެސް އަވަހަށް ތައުބާވާވާށެވެ! ފާފަތައް ފުއްސަވައިދެއްވެވުން އެދި އަވަހަށް މަސައްކަތް ކުރަން ފަށާށެވެ!

އަހަރެމެން ކޮންމެ ކަމެއް ކުރަން ފަށަމުންވެސް މިކިޔަނީ بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِއެވެ. ﷲ ތަޢާލާގެ ނަންފުޅުން ފަށަމުން ދެން ދެއްވަވާފައިވާ ދެ ނަންފުޅާއިމެދު ވިސްނައިލާށެވެ. "އައްރަޙްމާން" ގެ މާނައިގައި އެންމެހައި މީސްތަކުންނަށް ރަޙްމްކުރައްވަވާ ރަޙީމްވަންތަ ރަސްކަލާގެ ހިމެނިގެންދެއެވެ. "އައްރަހިމް"ގެ މާނަ ޚާއްޞަ ކުރައްވަވާފައިވަނީ ﷲ ތަޢާލާއަށް އީމާންވީ މީހުންނަށެވެ. އީމާންވީ މީހުންނަށް އިތުރަށް ރަޙްމް ކުރައްވަވާ ރަޙީމްވަންތަ ރަސްކަލާނގެކަން ބަޔާން ކުރެއްވެވުމަށެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން