ބާރަށް ކުރިއަށްދޭ! މީހަކު ބުނެފާނެ އެއްޗަކަށް ބިރުގަންނަން ނުޖެހި، ޖެހިލުން ނުވެ އުޅެވޭނެ ހަމައެކަނި މަގު މިއޮތީ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ބާރަށް ކުރިއަށްދޭ! މީހަކު ބުނެފާނެ އެއްޗަކަށް ބިރުގަންނަން ނުޖެހި، ޖެހިލުން ނުވެ އުޅެވޭނެ ހަމައެކަނި މަގު މިއޮތީ!: މުފްތީ މެންކް

ތިބާ ﷲ ތަޢާލާއަށް ބިރުވެތިނުވާނަމަ، ﷲ ތަޢާލާ ފިޔަވައި އެހެން ހުރިހާ އެއްޗަކަށް ބިރުގަންނަން ތިބާ ފަށާނެއެވެ! ހަމައެފަދައިން ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިނުވެވޭނަމަ އެހެން މީހުންނާއިމެދު ކަންބޮޑުވާން ފަށާނެއެވެ. 

ތިބާ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އެކަލާނގެ މަގުގައި ޘާބިތުވެ ހުރިނަމަ ﷲ ތަޢާލާ ތިބާގެ ހުރިހާ ބޭނުންތަކަކަށް ފުދޭނެއެވެ. މާނައަކީ ތިބާ ބޭނުންވާ ހުރިހާ ކަމެއް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެތެވެ. ކަމެއް ދިމާވާހައި ފަހަރަކު އެހެންމީހުންގެ ފަހަތުން ދުވާކަށް ނުޖެހޭނެއެވެ. ތިބާގެ ބޭނުންތައް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެކަމުގެ ޔަޤީންކަން ތިބާއަށް އޮންނާނެއެވެ. 

މިޘާލަކަށް ބުނާނަމަ ތިބާ ކަންކަން ކުރަނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. ވަޤުތުޖެހުމުން ތިބާއަށް ކުރެވުނުހައި ފުރިހަމައަކަށް ތިބާ ނަމާދުކުރެއެވެ. ތިބާ ފާފައެއް ނުކުރެއެވެ. ކުރެވުނުހައި ގިނައަކަސް ހެޔޮ ކަންކަން ކުރެއެވެ. އެއިރުން ﷲ ތަޢާލާ ތިބާ އާއިއެކު ވޮޑިގެންވާކަމުގެ ޔަޤީންކަން ތިބާއަށް އޮންނާނެއެވެ. އެހެންކަމަށްވާނަމަ ތިބާ ބިރުގަންނަންވީ ކޮންކަމަކާއި ހެއްޔެވެ؟ ކާކުދެކެހެއްޔެވެ؟ ﷲ ތަޢާލާ ތިބާ އާއިއެކު ވޮޑިގެންވާކަމުގެ ޔަޤީންކަން ތިބާއަށް އޮންނާނެއެވެ. 

އެއިރުން މީހަކު ބުނެފާނެ އެއްޗަކަށް ޖެހިލުމެއް ނުވާނެއެވެ. ބިރެއްވެސް ނުގަންނާނެއެވެ. "އަހަރެން ބިރުގަންނަންވީ ކާކު ދެކެހެއްޔެވެ؟ އަހަރެން އެއްވެސް ފާފައެއް ނުކުރަމެވެ. ކުށެއް ނުކުރަމެވެ." މިބަނަނީ ތިމާ ހުރީ ޙައްޤުމަގުގައިކަން ޔަޤީންކުރެވޭ މީހާ ބިރުގަންނަން ޖެހޭނެ އެއްވެސް ކަމެއް ނުއޮންނާނެ ވާހަކައެވެ. 

ދެން އޮތީ އެއިގެ އަނެއްކޮޅެވެ. ތިމާއަކީ މިވެނި އެވެނި ފާފަތަކެއްކުރާ މީހެކެވެ. ވައްކަންކުރަނީއެވެ. މަކަރުހަދަނީއެވެ. ބައިވެރިޔާއަށްވެސް ކަންކަން އޮޅުވައިލަނީއެވެ. ފާޙިޝް ޢަމަލުތައްވެސް ކުރަނީއެވެ. މަސްތުވާތަކެތި ބޭނުންކުރަނީއެވެ. މިހެންގޮސް ހުރިހާ ބާވަތެއްގެ ފާފަތައް ކުރަނީނަމަ އަބަދުވެސް ހުންނަން ޖެހޭނީ މީހަކަށް އެކަން އެނގިދާނެތީ ނުވަތަ މީހަކު ބުނެފާނެ އެއްޗަކަށް ބިރުންނެވެ. 

ވީމާ ވިސްނައިލާށެވެ! ޤިޔާމަތްވީއެއް ނޫނެވެ. މަރުވީއެއް ނޫނެވެ. ހުރީ ގަދަވެ ސަލާމަތުންނެވެ. މިބުނި ފަދައިން ފާފަތައް ކުރެވޭ މީހާވެސް އަވަހަށް ތައުބާވެ ފާފަތައް ކުރުން ހުއްޓައިލާށެވެ. އެއިރުން އެއްވެސް މީހަކު ދެކެ ބިރުގަނެގެން އުޅޭކަށް ނުޖެހޭނެއެވެ. 

މީހަކު ބުނެފާނެ އެއްޗަކަށް ބިރުގަންނަން ނުޖެހި، ޖެހިލުން ނުވެ އުޅެވޭނެ ހަމައެކަނި މަގު މިބަޔާންކުރީއެވެ! ހަމަޖެހިލައިގެން ހުރެ ބާރަށް މިމަގުން ކުރިއަށްދާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން