ހަށިގަނޑުގަ އަޅާވޭނާ ހިތްދަތިކަން އިންތިހާއަށް ކުރިމަތިވާ ވަޤުތު ޢަމަލުކުރަންޖެހޭނެ ގޮތުގެ ވަރަށް ފުރިހަމަ ނަމޫނާ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ހަށިގަނޑުގަ އަޅާވޭނާ ހިތްދަތިކަން އިންތިހާއަށް ކުރިމަތިވާ ވަޤުތު ޢަމަލުކުރަންޖެހޭނެ ގޮތުގެ ވަރަށް ފުރިހަމަ ނަމޫނާ ފިލާވަޅެއް!

ހާސްވެ ކަންބޮޑުވާ، ހިތްދަތިވާޙާލު، ވިސްނާނުލައި ބުނެވޭ ޝަކުވާގެ ބަސްތަކުގެ ސަބަބުން ހަލާކުވެގެންދާ މީހުން މަދެއްނޫނެވެ. އެހެން އެކަން އެވަނީ އެބަސް ކޮންމެ ގޮތަކަށް ބުނިކަމުގައިވީނަމަވެސް ޝަކުވާ އެކުރެވެނީ ހަމަ ﷲ ތަޢާލާގެ މިންވަރުފުޅަށް ކަމުގައި ވާތީއެވެ.

ވީމާ ކޮންމެ ޙާލަތެއް ކުރިމަތިވި ނަމަވެސް އެއީ ތިބާގެ ވެރި ރައްބު މިންވަރުކުރެއްވެވި ނިޢްމަތެއްކަމަށް ވިސްނައި އެކަން ޤަބޫލުކޮށް ޝުކުރުގެ ބަހެއް ނޫނީ ނުބުނާށެވެ! 

ކުޑަކުޑަ ވާހަކައެއް ކިޔައިދޭނަމެވެ. ބޭކަލަކު ދަތުރެއްގެމަތީގައި އުޅުއްވަނިކޮށް ދިމާވި ކަމެއްގެ ސަބަބުން އެއްފައިންޕުޅު ބުރިކޮށްލަން ޖެހުނެވެ. އެޒަމާނުގައި ކަންކަން ހުންނަގޮތުން އެކަން ކުރަންޖެހުނީ ހޭވެސް ނުނައްތައެވެ. އެކަމުގެ ތެރޭގައި ހޭފުޅު ނެތުނެވެ. 

ހޭފުޅު އެރުމުން ބައްލަވައިލެއްވުމުން ފެނިވަދައިގަތީ އެއްދަރިކަލެކެވެ. ދެވަނަ ދަރިކަލުން ކޮބައިތޯ ސުވާލުކުރެއްވުމުން ޖަވާބުދެއްވަން ދެން ތިއްބެވި ބޭކަލުން ފަސްޖެހިވަޑައިގަތެވެ. ވިދާޅުވިއެވެ! "ކަލޭމެން އަނގައިން ނުބުނެ ތިއަ ތިބެނީ ކީއްވެގެންހެއްޔެވެ؟" 

ދެން އެބޭކަލުން ދެންނެވިއެވެ. "ކަލޭގެފާނުގެ އަރިހަށް ވަޑައިގަންނަވަނިކޮށް ދަތުރުމަތީގައި އަހުން ވެއްޓިވަޑައިގެން އަވަހާރަވެއްޖެއެވެ. ކަލޭގެފާނު އޮންނެވި ޙާލުކޮޅުގެ ސަބަބުން ދަންނަވަން ޖެހުލުންވީއެވެ." 

ޖަވާބުގައި ވިދާޅުވިއެވެ. "މައްސަލައަކީ ކޮބައިހެއްޔެވެ؟ ފައި ބުރިކޮށްލަން ޖެހުނީވެސް މިންވަރުފުޅުންނެވެ. ދަރިކަލުން ނިޔާވީވެސް ހަމަ މިންވަރުފުޅުންނެވެ. ދެން ޝުކުރުވެރިނުވަ ކަންބޮޑުވާންވީ ހެއްޔެވެ؟ ދަރިފުޅު ވަޅުނުލާނަމަ އަވަހަށް ދަރިފުޅު ދައްކާށެވެ. ވަޅުލަން އެންމެ ޙައްޤުކަންބޮޑީވެސް ތިމަންކަލޭގެފާނަށެވެ." 

އެބޭކަލުންނަށް ޖެހިވަޑައިގަތީ ދަރިކަލުން ދައްކާށެވެ. ދެއްކުމުން އެޙާލުކޮޅުގައި، އެވޭނުގައި ހުންނަވައިގެންވެސް ކަންބޮޑުވެވަޑައިގަތުމެއް ނެތި ދަރިކަލުންގެ ޖަނާޒާގެ ކަންކަން ފުރިހަމަކުރެއްވެވިއެވެ. މިހިރީ ޢިބްރަތް ޙާޞިލުކުރަންޖެހޭނެ ކަންކަމެވެ. 

ކުރިމަތިވާ ޙާލަތަކާއި ގުޅިގެން ބުނެވޭ އެންމެ ބަހެއްގެ ސަބަބުން މުޅިން އެހެން ދުނިޔެއަކަށްވެސް ދެވިދާނެއެވެ. މީހާގެ ޙާލަތުވެސް ބަދަލުވެގެންހިނގައިދާނެއެވެ. އަދި އެބަހަކީ ތައުބާވާންޖެހޭ ކުފުރުގެ ބަހަކަށްވެސް ވެދާނެއެވެ. ވީމާ ކޮންމެފަދަ ޙާލަތެއް ކުރިމަތިވެފައިވީނަމަވެސް ކޮންމެ ބަހެއްވެސް ބުނަންވާނީ ވަރަށް ވިސްނުންތެރިކަމާއިއެކުގައެވެ. 

އެންމެ ގިނަބައަކަށް ނިޢްމަތްތައް ގެއްލިގެންދަނީ ޝުކުރުވެރިނުވެވުމުންނެވެ. އެއިގެ ތެރޭގައި އުފާވެރިކަމާއި ތަނަވަސްކަން މިންވަރުކުރެއްވެވުމުން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ނިޢްމަތްތަކުގެ ބޭނުން ނުހިފުންވެސް ހިމެނެއެވެ. ނިކަމެތިކަން ލިބި ކެތްތެރިވާންޖެހޭ ޙާލަތުގައި ކެތްތެރި ނުވެވުންވެސް ހިމެނެއެވެ. 

މިދެ ކަމަކީވެސް ހަމަ ޝުކުރުވެރިނުވެވުމެވެ. ޝުކުރުވެރިވާ އަޅުންނަށް ނިޢްމަތްތައް އިތުރުކުރައްވަވައިދެއްވަވާނެކަން އެއީ ވަޙީ ބަސްފުޅުން އެނގި ޔަޤީންވާން އޮތް ކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން