ބައިވެރިޔާ ދެކެ އަހަރެން ލޯބިވާކަން ބައިވެރިޔާއަށް އެނގޭނެ ކަމަށް ޤަބޫލުކުރުމަކުން ނުނިމޭނެއެވެ. ބައިވެރިޔާ ކޮށްދޭ ކޮންމެ ކަމަކަށް ޝުކުރުކޮށް ތަޢްރީފްކުރަންވާނެއެވެ. ކަލާ ދެކެ ލޯބިވާކަމަށް ދުލުން ގިނަގިނައިން ބުނަންވާނެއެވެ.
ކިތަންމެ މަދުން ހެޔޮކަމެއް ކޮށްދިންނަމަވެސް ގިނައިން ކޮށްދޭކަމަށް ޤަބޫލުކުރާކަމަށްވެސް ބުނާށެވެ. އެހެނީ މަދުން ހެޔޮ ކަންކަން ކޮށްދޭކަމަށް ބުނެފިނަމަ ގާތީ އެއަށްވުރެވެސް މަދުވުމެވެ. ސަބަބަކީ އޭނާއަށް ކޮށްދެވެނީ މަދުން ކަމަށް ވަރަށް މަދުމީހަކު ނޫނީ ޤަބޫލެއް ނުކުރާނެއެވެ. ޤަބޫލުނުކުރާތަނުގައި ބުނާނީ މިހާގިނައިން ހެޔޮކަންކަން ކޮށްދޭއިރުވެސް ޝުކުރުވެރި ނުވަނީ ކަމަށެވެ.
އަދިކީއްހެއްޔެވެ؟ މިބުނި މޭރުމުން ގިނައިން ހެޔޮ ކަންކަން ކޮށްދޭކަމަށް ބުނުމަކީ ހެޔޮކަންކަން ގިނައިން ކޮށްދިނުމަށް ޝައުޤުވެރިކަން އުފެދޭވެސް ކަމެކެވެ. ހަމަ އެއާއިއެކު ގިނައިން ހެޔޮކަންކަން ކޮށްދޭނަމަ އެކަން ވަރަށް ބޮޑަށް ފާހަގަކުރަންޖެހޭނެއެވެ. ދުލުން ޝުކުރުވެރިވުމުގެ އިތުރުން ޢަމަލުތަކުންވެސް ޝުކުރުވެރިވުން ގިނަކުރަންވާނެއެވެ. މާނައަކީ އޭނާއަށް ހެޔޮކޮށް ހިތުން އިތުރުކުރުމެވެ.
މިމަގުން ކަންކަންކުރާނަމަ ހަމައެކަނި ކޮށްދޭ ހެޔޮ ކަންކަން އިތުރުވާނީއެއް ނޫނެވެ. ދެމަފިރިންގެ ގުޅުންވެސް ދާނީ އިތުރަށް ބަދަހިވަމުންނެވެ. ދެމްފިރިންގެ މެދުގައި ލޯތްބާއި ކުލުނުވެސް ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން