ﷲ ތަޢާލާ އިބިލީސް އުފައްދަވައި ލެއްވެވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ﷲ ތަޢާލާ އިބިލީސް އުފައްދަވައި ލެއްވެވީ ކީއްވެ؟

ވަރަށް ގިނަ މީހުން ކުރާ ސުވާލެކެވެ. ﷲ ތަޢާލާ އިބިލީސް އުފައްދަވައި ލެއްވެވީ ކީއްވެ؟ މިސުވާލަށް އިތުރުކުރަމުން ގޮސް މީސްތަކުންނަށް ވަސްވާސް ދިނުމުގެ ބާރު އިބިލީހަށް ދެއްވެވީ ކީއްވެގެންތޯވެސް ސުވާލުކުރެއެވެ. މިސުވާލުތަކުގެ ޖަވާބު ބޮޑެތި ބޮޑެތި ޢިލްމުވެރިން ވަނީ ވަރަށް ފުރިހަމައަށް ދެއްވަވައިފައެވެ. 

އިބިލީސް ލައްވަވާފައިވަނީ މީސްތަކުންގެ ތެރެއިން ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ތިބެނީ ކޮން ބައަކުކަން ބެއްލެވުމަށެވެ. ތަޤްވާވެރިކަމުގައި ޘާބިތުވާ ބައަކަށް ސުވަރުގޭގެ މަތިވެރި ދަރަޖަތައް ދެއްވެވުމަށެވެ. މީސްތަކުން އިމްތިޙާން ކުރެއްވެވުމަށެވެ. 

މީސްތަކުންނަށް ބޭނުންވާ ހުރިހާ ނިޢުމަތްތަކެއް ދެއްވަވަނީ ﷲ ތަޢާލާއެވެ. އިބިލީހަށް ކޮށްދެވޭ އެއްވެސް ކަމެއް ނެތެވެ. ނުވެސް އޮންނާނެއެވެ. ﷲ ތަޢާލާ އިންސާނުންނަށް ބޭނުންވާނެ ހުރިހާ ނިޢުމަތްތަކެއް ދެއްވެވުމަށްފަހު މީސްތަކުންނަށް ވަނީ އެމީހުން އުޅެންވީ ގޮތް އަންގަވައިފައެވެ. އެގޮތަށް އުޅުމުން ދެއްވަވާނެ މަތިވެރި ނިޢުމަތްތައްވެސް ވަނީ ބަޔާންކުރައްވަވައިފައެވެ. މިހުރިހާ ކަންކަން ކޮށްދެއްވެވުމުން އިބިލީސް ބުނާ ގޮތަށް ކަންކަން ކުރަންވީ ކީއްކުރަންހެއްޔެވެ؟ 

ހަމަ އެއާއިއެކު ވިސްނައިލާށެވެ! އިބިލީސް ލައްވަވާފައިވީނަމަވެސް އިބިލީހަށް ތިބާ އާއި ކައިރިވެސް ނުވެވޭނެ މަގުވެސް ﷲ ތަޢާލާ ވަނީ ދައްކަވައިފައެވެ. އެއީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ބިރުވެތިވެ، ޝުކުރުވެރިވެ ކިޔަމަންތެރިވުމެވެ. އެއިރުން އިބިލީހަކަށް އެމީހަކާއި ވައިވެސް ނުއެޅެވޭނެއެވެ. ވަސްވާހެއް ނުދެވޭނެއެވެ. 

މަރުވާނެކަމާއި ކައްވަޅުގެ ޢަޛާބާއި ނަރަކައާއި ސުވަރުގެއާއިމެދު ފުންކޮށް ވިސްނުމުގެ ބާރާއި ކުލަދާނަކަން ﷲ ތަޢާލާ ވަނީ ކޮންމެ މީހަކަށްވެސް ދެއްވަވައިފައެވެ. އެކަންކަމަށް ވިސްނާ މީހާ ހުންނާނީ އިބިލީހުގެ ނުރައްކަލުން ސަލާމަތްވެގެންނެވެ. އެކަންކަމަސް ނުވިސްނައި އިބިލިސް ދައްކާ އަވާ މެންދުރަށް ހެއްލިގެންދަނީ އެމީހަކު އަމިއްލައަށެވެ. 

ވީމާ އިބިލީސް އުފައްދަވައި ލެއްވެވުން ކުށްވެރިކޮށް ސުވާލުތައް ކުރިމަތިކުރުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އެކަންކުރާ ބައަކު އެކަން އެކުރަނީ އެމީހުން މިބަޔާންކުރި ކަންކަމަށް ވިސްނަން ބޭނުންނުވެ އިބިލިހުގެ މަގުގައި ތިބެން ބޭނުންވެގެންނެވެ. އެއީ އެމީހެއްގެ އަމިއްލަ އިކްތިޔާރަށް ﷲ ތަޢާލާ ދޫކޮށްލައްވަވާފައިވާ ކަމެކެވެ. 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

މިއަދު އޮންލައިން