މީސްތަކުންގެ ރުހުމާއި ތާއީދު ހޯދަން މަސައްކަތްކުރަން ފަށާ ހިސާބުން ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހާގެ ޤަދަރުކުޑަވާން ފަށާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއްވެސް މީހަކަށް ދުނިޔޭގައި އުޅޭ އެންމެންގެ ރުހުމާއި ތާއީދެއް ނުހޯދޭނެއެވެ.
ކޮންމެ މީހަކު ދެކެވެސް ރުޅި އައިސް ނަފްރަތުކުރާ ބައަކާއި ރުހި ތާއީދުކުރާ ބައަކު ތިބޭނެއެވެ. ނަފްރަތުކުރާ މީހުން ރުއްސަން ކިތަންމެ ގިނަ މަސައްކަތެއް ކުރި ނަމަވެސް އެކަމެއް ނުވާނެއެވެ. އެމީހުންގެ ރުހުން ހޯދުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
އަހަރެމެން ދުނިޔެއަށް ފޮނުއްވަވާފައި މިވަނީ ދުނިޔޭގައި ދިރިއުޅޭ އެންމެންގެ ރުހުން ހޯދާކަށް ނޫނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ވީމާ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރާށެވެ. ﷲ ތަޢާލާގެ ރުހުވޮޑިގަތުން ލިބިއްޖެނަމަ ދުނިޔޭގައި އުޅޭ އެންމެންގެ ރުހުމާއި ތާއީދުވެސް ލިބިގެންދާނެއެވެ. އިން ޝާ ﷲ
އެކަމަކު ރަނގަޅަށް ހަނދާންކުރާށެވެ! އަހަރެމެން ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވަވާފައި މިވަނީ ﷲ ތަޢާލާ ދުނިޔޭގައި ލެއްވެވި އެންމެހައި މަޚްލޫޤުންނަށް ހެޔޮކޮށް ހިތާށެވެ. އިންސާނުންނާއި ޖަނަވާރާއި ދޫނި ސޫފާސޫފިވެސް ހިމެނޭގޮތުންނެވެ.
އެހެންކަމަށްވާއިރު ކޮންމެ މީހަކުވެސް އަނިދަރިންނަށް، ފިރިންނަށް، މައިންބަފައިންނަށް، ޢާއިލާގެ މީހުންނަށް، ޚާއްޞަކޮށް ރަޙިމުގެ ގުޅުން ބަހައްޓަންޖެހޭ އެންމެންނަށް ހެޔޮކޮށްހިތަންޖެހޭނެ މިންވަރު ހިތްމައްޗަށް ގެންނާށެވެ. މިބަޔާންކުރި މީހުންނަށް ހެޔޮކޮށް ހިތައި ލޯބިހޯދަން މަސައްކަތްކުރުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެންމެ ފަސޭހައިން ހޯދެން އޮތް އެއްމަގެވެ! ގަދައަޅައި މަސައްކަތްކުރަންވީ އެކަމަށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން