ދަރަންޏެއް އަދާކުރެވެން ނެތްމީހާއަށް ދަރަނި މާފުކުރުމަކުން ތިބާއަށް މަދެއް ނުވާނެ! ދާނީ އިތުރުވަމުން! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ދަރަންޏެއް އަދާކުރެވެން ނެތްމީހާއަށް ދަރަނި މާފުކުރުމަކުން ތިބާއަށް މަދެއް ނުވާނެ! ދާނީ އިތުރުވަމުން! އިން ޝާ ﷲ: މުފްތީ މެންކް

ދަރަނީގެ މައްސަލައިގެ ދެ ޙާލަތެއް ކުރިމަތިވެއެވެ. އެއް ޙާލަތަކީ ދަރަނިވެރިވެރިޔާ ބަނގުރޫޓުވެ ދަރަނި އަދާކުރެވެން ނެތުމެވެ. އެ ޙާލަތުގައި ތިބާގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ އޭނާއަށް މާފުކުރާށެވެ! އެއިރުން ތިބާއަށް ﷲ ތަޢާލާ ދެއްވަވާނެ ނިޢްމަތްތައް މާގިނަވާނެއެވެ. 

ދުނިޔޭގައި މީހަކަށް ކުރިމަތިވެފައިވާ ތަކްލީފަކުން ސަލާމަތްކޮށްދީފިނަމަ، އެކަމުގައި އެހީތެރިވެއްޖެނަމަ އެމީހަކަށް އެހީތެރިވެވޮޑިގަތުންމަތީގައި ﷲ ތަޢާލާ ދެމިވޮޑިގެންވާނެތެވެ. އެމީހަކަށް ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން ލިބިއްޖެނަމަ އެމީހަކަށް ދަތިވާނީ ކޮންކަމެއް ހެއްޔެވެ؟ 

ތަނަވަސް މީހުންގެ ތެރެއިން ދަރަނި މާފުކުރާ މީހުންނަށް ބަލާށެވެ. ދަރަނި މާފުކުރީތީ އޭނާއަށް އެއްވެސް އުނިކަމެއް ނުލިބޭނެއެވެ. މުދަލަކުން މަދެއްނުވާނެއެވެ. ދާނީ ގިނަވަމުންނެވެ. އެއީ އޭނާއަށް ﷲ ތަޢާލާ ނިޢުމަތްތައް އިތުރުކުރައްވަވާތީއެވެ. 

ދެން އޮތީ ދެވަނަ ޙާލަތެވެ. ތަނަވަސްކަން ނެތުމުން ދަރަނި މާފުކުރެވެން ނެތީ އެވެ. އެހާލަތުގައި ދަރަނި މާފުނުކުރުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް އެވާހަކަދައްކައި އޭނާ ފަޟީޙަތްކުރަމުން ނުހިނގާށެވެ. އެއީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމެއް ނޫނެވެ. މީހެއްގެ ޢައިބު ފޮރުވައިދީފި މީހެއްގެ ޢައިބު ﷲ ތަޢާލާ ޤިޔާމަތް ދުވަހު ފޮރުއްވަވައިދެއްވަވާނެތެވެ. ވީމާ ލިބެން އޮތް އެ ބޮޑު ނިޢުމަތް ދޫކޮށްނުލާށެވެ.   

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން