ބައެއް މީހުންނަށް ދީނީ ދަރުސެއް ބާއްވާކަން އެނގުނަސް، ދަރުސެއް ދެނިކޮށް އަޑުއިވުނަސް މަސައްކަތްކުރަނީ އެތަނަކަށް ނުގޮސް ފަރުޖެއްސޭތޯއެވެ! ކީރިތި ޤުރްއާނުގެ މާނަ، ޚާއްޞަކޮށް ތަފްސީރުގެ އަޑުއިވުނަސް މަސައްކަތްކުރާނީ އަޑުނުއަހައިވޭތޯއެވެ.
އެވަޤުތު ވަރަށް މުހިންމު މަސައްކަތެއް ކުރަން އެބައޮތްކަމަށް، ވަރަށް މުހިންމު ބައްދަލުވުމެއް އެބައޮތްކަމަށް ބުނެ، ނުވަތަ އެނޫންވެސް ބަހަނާއެއް ދައްކައިގެން މަސައްކަތްކުރާނީ އަވަހަށް އެތަނަކުން ދުރަށް ދެވޭތޯއެވެ.
އެހެން އެވާ އެއް ސަބަބަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލު ނުކުރުމުން ދެއްވަވާނެ ޢަޛާބުގެ ވާހަކަ އަޑުއަހަން ޖެހިލުންވަނީއެވެ. އެމީހަކަށް ކުރެވޭކުށްފާފަތަކުގެ ކަންކަން ތިމާއަށް ރަނގަޅަށް އެނގޭތީއެވެ.
އެގޮތަށް ކަންކަން އެކުރެވެނީ ކުރެވެމުން އަންނަ ފާފަތައް ކުރުން ހުއްޓާލައި ފާތަކުން ސަލާމަތްވާން ބޭނުންނުވާތީއެވެ. އަދި ދުވަސްކޮޅަކު ފާފަކުރުމަށްފަހު އިޞްލާޙުވެ ތައުބާވުމުގެ ވިސްނުން ހުންނާތީއެވެ. ޢުމުރުގައި އަދިވެސް ބާކީ ވަރަށް ގިނަ ދުވަސް އެބައޮތްކަމަށް ޤަބޫލުކުރެވޭތީއެވެ.
އެފަދަ މީހުންނަށް ނުއެނގުނުކަމުގައިވީނަމަވެސް އެމީހުންނަށް އެތިބެވެނީ ޝައިޠޯނާގެ ކަސްތޮޅުގައި އެޅި ތާށިވެގެންނެވެ. ޝައިޠޯނާގެ ކަސްތޮޅުގައި އެޅެވި ތާށިވީމާ އެމީހާގެ ކަންކަން ދާނީ ޝައިޠޯނާގެ ބާރުދަށަށެވެ. އެމީހާ ނިންމަންޖެހޭ ކަންކަން ނިންމާނީ އެމީހާއެއް ނޫނެވެ. ޝައިޠޯނާއެވެ.
އެހާލަތަށް މީހާ ވެއްޓިގެންދަނީ ފާފަކުރުމަށާއި އިޞްލާޙްވިޔަ ނުދޭން ޝައިޠޯނާދޭ ވަސްވާސްތަކަށްހެއްލެވޭތީއެވެ. ފާފަ ކުރެވުމުން ތައުބާ ނުވެވޭތީއެވެ.
ވީމާ ޤުރްއާނުގެ މާނައާއި ދަރުސްތަކާއި ހެޔޮ ނަޞޭޙަތުގެ އަޑުއަހަން ޝައުޤުވެރި ނުވެވޭ މީހާއަށް އެހުރެވެނީ ވަރަށް ބިރުވެރި، ނުރައްކާތެރި ޙާލަތެއްގައެވެ! މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. އެފަދަ ގޮތެއް ތިމާއަށް މެދުވެރިވާނަމަ އެކަމުން މިންޖުވާން މަސައްކަތްކުރަންވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން