ބައެއް މީހުންނަށް ވިސްނެނީ ﷲ ތަޢާލާ ވެރިކަމުގެ ބާރުތައް މީހަކަށް ދެއްވަވައިފިނަމަ އެމީހަކީ ވަރަށް ރަނގަޅު މީހެއްގެ ގޮތުގައެވެ. އެއީ އެވަޤުތު އެބައެއްގެ ތެރޭގައި ހުރި އެންމެ ރަނގަޅު މީހާކަމުގައެވެ. ނަމަވެސް މުޖުރިމުންނަށްވެސް ވެރިކަމުގެ ބާރުތައް ދެއްވަވާކަން ޤުރްއާނުން އެނގެން އެބައޮތެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
"އަދި، ކޮންމެރަށެއްގައި، އެރަށުގެ މުޖުރިމުންނަކީ، ބޮޑުން ކަމުގައި ލެއްވީމެވެ. (އެއީ) އެތާނގައި، އެއުރެން މަކަރުވެރި ރޭވުންތައް ރާވައި އުޅުމަށެވެ. އެއުރެންގެ އަމިއްލަ ނަފްސް ތަކަށް މެނުވީ، އެއުރެން މަކަރު ހަދާ ކަމުގައި ނުވެތެވެ. އަދި އެއުރެންނަކަށް އެކަމެއް ނުވިސްނެއެވެ. " (އަލްޢަންޢާމް: 123)
އަހަރެމެންނަށް އޮތީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ޢަމަލުކުރަން މަސައްކަތްކުރުމެވެ. އެކަންކުރެވޭނީ ކީރިތި ޤުރްއާނަށް ޢަމަލުކޮށްގެންނެވެ. ރަސޫލް ﷺ ގެ ސުންނަތަށް ތަބަޢަވެގެންނެވެ.
ﷲ ގެ އަމުރުފުޅަށް ﷲ ފިޔަވައި އެހެން ހުރިހާ އެއްޗެއް ނެތިފަނާވެގެންދާނެއެވެ. މަލާއިކަތް ބޭކަލުންނާއި އުޑުތައްވެސް ހިމެނޭ ގޮތުންނެވެ. އެއަށްފަހު ވުޖޫދުވާނީ ﷲ ތަޢާލާ ވުޖޫދު ކުރެއްވެވި އެއްޗެކެވެ. ވީމާ އެނގި ޔަޤީންވެގެން މިދަނީ ފަނާވުމެއް ނެތި ދިރިދެމިވޮޑިގެންވާ ފަރާތަކީ އަދި އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވާ ފަރާތަކީ ހަމައެކަނި ﷲ ކަމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މީސްތަކުން މުޅިދުނިޔޭގެ ވެރިއަކު ކަމުގައި މީހަކު ބަލައިގަތްނަމަވެސް އެއީވެސް ހަމަ ﷲ ތަޢާލާގެ އަޅެކެވެ. ހަމަ އެހެން އިންސާނުންފަދަ އިންސާނެކެވެ. މުޅި ދުނިޔޭގެ ވެރިކަމުގައި ހުރި މީހަކު ބުނިނަމަވެސް އަމުރުކުރި ނަމަވެސް ﷲ ތަޢާލާގެ ޙުކުމްފުޅުތައް ދޫނުކުރާށެވެ.
ޤިޔާމަތުގެ މައިދާނުގައި ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވާނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. ﷲ ތަޢާލާގެ އިޛްނަފުޅާއި ނުލައި އެއްވެސް މީހަކަށް އިސްއުފުލައިވެސް ނުލެވޭނެއެވެ. ބަހެއްވެސް ނުބުނެވޭނެއެވެ. ވީމާ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިކަން އަދާކުރާށެވެ. އެދުވަހު އުފަލުގައި ތިބެވޭނީ ހަމައެކަނި ﷲ ތަޢާލާއަށް ކިޔަމަންތެރިވި އަޅުންނަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން