ވިސްނައި ހޭލުންތެރިވެ ސަލާމަތްކަން ހޯދާށެވެ! ފަހުޒަމާނުގެ ޢަލާމާތްތަކުގެ ތެރެއިން ޢިލްމް ނެތިދިއުން މިވަނީ ފެށިފައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ވިސްނައި ހޭލުންތެރިވެ ސަލާމަތްކަން ހޯދާށެވެ! ފަހުޒަމާނުގެ ޢަލާމާތްތަކުގެ ތެރެއިން ޢިލްމް ނެތިދިއުން މިވަނީ ފެށިފައެވެ!

ފަހުޒަމާނުގެ ޢަލާމާތްތަކުގެ ތެރެއިން ފެނިގެންދާނެ އެއްކަމެއްގެ ގޮތުގައި ޙަދީޘްފުޅުކުރައްވަވާފައިވަނީ ޢިލްމް ނެތިދިއުމެވެ. އެކަން މިވަނީ ފެށިފައެވެ. އެކަން ވަރަށް ބޮޑަށް ޢާންމުވެއްޖެއެވެ. 

މީސްތަކުން ޢިލްމީ ގޮތުން މިހައި ބޮޑަށް ކުރިއަރާފދައިވާ ޒަމާނެއްގައި މިހެން ބުނުމުން ބައެއް މީހުން ކަންބޮޑުވާނެއެވެ. ސުވާލު އުފައްދާނެއެވެ. ނަމަވެސް މިބަޔާންކުރަނީ އެކަމުގެ ބައެއް ހެކިތަކެވެ. 

ފުރަތަމަ ކަމަކީ މީސްތަކުން ޢިލްމީ ގޮތުން ކުރިއަރައިދާ ގޮތެވެ. މިޘާލަކަށް އެކިއެކި ފަންނުތަކުގެ ޢިލްމުތަކުން މީސްތަކުން ކުރިއަރަމުންދާއިރު ދީނީ ޢިލްމުން ކުރިއަރައިދަނީ މަދު ބައެކެވެ. ވީމާ ﷲ ތަޢާލާގެ މަގުގައި ޘާބިތުވުމުގެ ޢިލްމް އެމީހުންނަކަށް ނުއެނގެއެވެ. އަދި ކީއްހެއްޔެވެ؟ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނޭ ގިނަމީހުންނަށް ﷲ ތަޢާލާ އާއި އިސްލާމް ދީނާއިމެދު އެއްވެސް ކަމެއް ނުއެނގެއެވެ. އެހެންވެ ﷲ ތަޢާލާ ވޮޑިގެންވާކަމާއި މީސްތަކުން އުޅެން ﷲ ތަޢާލާ އަންގަވާފައިވަނީ އިސްލާމް ދީނަށްކަން އެމީހުންނަށް ނުވެސް އެނގެއެވެ. އެހެންވެ އެކަންކަން ޤަބޫލެއްވެސް ނުކުރެއެވެ. 

ދެންބަލައިލަންވީ އިސްލާމް ދީނުގެ ޢިލްމް އުނގެނިގެންތިބި ގިނަ ޢިލްމުވެރިންގެ ޙާލަތަކަށެވެ. އެމީހުންނަށް ލިބިފައިވާ ޢިލްމަށް ޢަމަލުކުރަނީ މަދުމީހެކެވެ. އިސްލާމް ދީން ފަތުރަން މަސައްކަތްކުރަނީވެސް މަދުމީހެކެވެ. އެންމެ ކުޑަމިނުން ބުނަންޖެހޭ ޙައްޤުބަސް ބުނަން ޖެހޭ ގޮތަށް ބުނަންކެރޭ ޢިލްމުވެރިންވެސް މިދަނީ މަދުވަމުންނެވެ. ވީމާ އެމީހުންނަށް ލިބިފައިވާ ޢިލްމުގެ ސަބަބުން ﷲ ތަޢާލާގެ ދީނަށް ކުރަންޖެހޭ ފައިދާ ކުރާކަމަށް ބުނެވޭކަށް ނެތެވެ. 

މިފަދަ ޒަމާނެއްގައި މުސްލިމުން ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭނެއެވެ. މިވެނި މީހަކު އުޅޭގޮތް އެއީ ރަނގަޅުގޮތްކަމަށް ކަނޑައަޅަންވާނީ އެމީހަކު އިސްލާމް ދީނަށް ޢަމަލުކުރާނަމައެވެ. އެމީހާކުރާ ކަންކަމަށް ބަލައި ވިސްނުމަށްފަހުގައެވެ. އެހެނީ އިސްލާމް ދީނަށް ޢަމަލުކުރުމުގައި ވަކިމީހަކަށް ބަލައިގެން ތިމާ ފޭލްވެއްޖެނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ހަމަ އެމީހެކެވެ. 

މިފަދަ ޒަމާނެއްގައި ސަލާމަތްކަން ހޯދުމަސްޓަކައި ކުރުން އެންމެ މުހިންމު އެއްކަމަކީ ޤުރްއާނުގައި ބަޔާންވެގެންވާ ކަންކަން އަމިއްލައަށް އުނގެނުމެވެ. އެކަންކުރެވޭނީ މާނަކިޔައި އަދި ތަފްސީރުވެސް ކިޔައިގެންނެވެ. ހަމައެއާއިއެކު ޙަދީޘްފުޅުތައް އުނގެނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ޙަދީޘްފުޅުތައް ބަލައިގަންނަންވާނީ މުސްލިމުން އެފޮތްތަކަށް އިތުބާރުކުރާ ފޮތްތަކުންނެވެ. ޝައްކެއް ނެތް މިންވަރަށް ޔަޤީންކުރެވޭ ފޮތްތަކުންނެވެ. 

ފަހުޒަމާނުގައި އިސްލާމް ދީނުގައި ޘާބިތުވެހުރެ އިސްލާމް ދީނަށް ޢަމަލުކުރުންވެގެންދާނީ އަތަށް އަނގުރު އަލިފާންކޮޅެއް ލައިގެން އުޅުންފަދަ ކަމެއްކަމުގައި ޙަދީޘްފުޅުކުރައްވަވާފައި އެވަނީ މިދުވަސް އަހަރެމެންނާއި ބައްދަލުކުރާނެތީއެވެ. އެދުވަސް މިވަނީ ބައްދަލުކޮށްފައެވެ. ސަލާމަތުން ދީނުގައި ޘާބިތުގައި ހުރެވޭނީ މިކަންކަމަށް ވިސްނުމުންނެވެ. 

- މަޢުލޫމާތު: ޝައިޚް އަބޫ ޘައިމިއްޔާގެ ދަރުސަކުން

މިއަދު އޮންލައިން