ހިތުގައި ތަކުރާރުވާނީ ދުލުގައި ތަކުރާރުވާ އެއްޗެކެވެ. އަދި ދުލުގައި ތަކުރާރުވާނީ ހިތުގައި ތަކުރާރުވާ އެއްޗެކެވެ.
އެ މީހެއްގެ ދުލުގައި ތަކުރާރުވަނީ ލަވަކަމަށް ވަންޏާ، އޭނާގެ ހިތުގައި ތަކުރާރުވާނީ އެ ލަވައެވެ. އަދި އޭނާގެ ހިތުގައި ތަކުރާރުވަނީ ލަވަކަމުގައި ވަންޏާ، އޭނާގެ ދުލުގައި އެ ލަވައެއް ތަކުރާރުވާނެއެވެ.
ހަމަ އެގޮތަށް، އެ މީހެއްގެ ދުލުގައި ތަކުރާރުވަނީ ޤުރުއާން ކަމުގައި ވަންޏާ، އޭނާގެ ހިތުގައި ވެސް ތަކުރާރުވާނީ ޤުރުއާނެވެ. އަދި އޭނާގެ ހިތުގައި ތަކުރާރުވަނީ ޤުރުއާން ކަމަށް ވަންޏާ، އޭނާގެ ދުލުގައި ވެސް އެ ޤުރުއާން ތަކުރާރުވާނެއެވެ.
ބުނާން މި އުޅެނީ، އެއްޗެއް އެ މީހަކު ފުރަތަމަ ތަކުރާރުކުރަނީ ދުލުންނޭއެވެ. އޭގެ ސަބަބުން އޭނާގެ ހިތަށް އެ އެއްޗެއް ނެގޭނޭއެވެ. ދެން ހިތުން ތަކުރާރުކުރާން ފަށާނޭއެވެ. އެއާ އެކު، އޭނާގެ ދުލުން ވެސް ދެން ތަކުރާރުވާނީ ހިތުން ތަކުރާރުކުރާ އެއްޗެކޭއެވެ.
ވުމާއެކު، ހެޔޮ އެއްޗެހި ދުލުން ތަކުރާރުކުރަމާތޯއެވެ! ޒިކުރު ގިނަކުރަމާތޯއެވެ! ޤުރުއާނު ގިނަގަނައިން ކިޔަވަމާތޯއެވެ! ލަވައާއި މިޔުޒިކާއި ބޭކާރު ވާހަކަތަކުން ދުރުވަމާތޯއެވެ! އެހެނީ، ތަކުރާރުކުރި އެއްޗެއް ހިތާއި ދުލުން ތަކުރާރުވޭވޭ ހުންނާނެއެވެ. ހެޔޮ އަޅުންނަކީ އެ މީހެއްގެ ހިތާއި ދުލުން ހެޔޮ އެއްޗެހި ތަކުރާރުވާ މީހުންނެވެ.
- ޝައިޚް ޝަފީޢޫ ޢަބްދުﷲ