ތިބާ އެމީހަކު ދެކެ އެހާ ލޯބިނުވިޔަސް ތިބާދެކެ ލޯބިވާ މީހާއަށް މާފުނުކޮށްފިނަމަ ވެއްޓޭނެ އަނދަވަޅު ވަރަށް ފުންވާނެ! ވަރަށް ހޫނުވެސްވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ތިބާ އެމީހަކު ދެކެ އެހާ ލޯބިނުވިޔަސް ތިބާދެކެ ލޯބިވާ މީހާއަށް މާފުނުކޮށްފިނަމަ ވެއްޓޭނެ އަނދަވަޅު ވަރަށް ފުންވާނެ! ވަރަށް ހޫނުވެސްވާނެ!

ނިކަން ބުނެބަލާށެވެ! މިތަނުގަ މިތިބަ އެތައް ހާސް މީހުންގެ ތެރެއިން ހަމަ އެކަކުވެސް އެމީހަކަށް ކުރެވިފައިވާ ކުށަކާއި ގުޅިގެން މީހެއްގެ ކިބައިން މާފަށް އެދުމުން އެމީހާ މާފުނުކޮށްފިނަމަ އެމީހަކަށް ކުރެވޭނީ ކޮންކަހަލަ އިޙްޞާޞްތަކެއް ހެއްޔެވެ؟ ދެރަވާނީހެއްޔެވެ؟ ނޫނީ އުފާކުރާނީހެއްޔެވެ؟ ހިތަށް އަސަރެއް ނުކުރާނެ ހެއްޔެވެ؟ އާޚިރަތް ދުވަހު ދިމާވެދާނެ ގޮތަކަށް ކަންބޮޑުނުވާނަން ހެއްޔެވެ؟ 

މީހަކު މާފަށް އެދުމުން މާފުކުރަން ފަސްޖެހޭ މީހުން މިކަންކަމަށް ވިސްނާލައިފިނަމަ އެހެން މީހަކު މާފަށް އެދުމުން ތިމާ މާފުނުކޮށްފިނަމަ ކުރާނެ އަސަރު އިޙްޞާޞްކުރެވޭނެއެވެ. 

މިޙާލަތުގައި ދެމަފިރިން އެކަކު އަނެކަކަށް މާފުކުރުމުގެ މުހިންމުކަން ފާހަގަކޮށްލާނަމެވެ. މާފުކުރަންޖެހޭ ޙާލަތުގައި މާފުނުކުރީމާ ތިމާއަށް ލިބޭނީ އުފާވެރިކަން ކަމަށް ހީވެސް ނުކުރާށެވެ! އެކަމަށް ހިތާމަކުރަންޖެހުން ވަރަށް އަސަރުހުރި ގޮތަކަށް އެމީހަކާއި ބައްދަލުކުރާނެއެވެ. ބައްދަލުކުރާނީ ކޮން ސިފައެއްގައި ކޮން ގޮތަކަށްކަމެއް ނުވެސް އެނގޭނެއެވެ. 

އަބަދުވެސް މިބުނަނީ އަހަރެމެންކުރެ ކޮންމެ މީހަކީވެސް ކޮންމެވެސް ބާވަތެއްގެ ކުށްތަކެއް ކުރެވޭނެ މީހެއް ކަމަށެވެ. އެކަމުން ޚުދު އަހަރެންވެސް އިސްތިސްނާއެއް ނުވެއެވެ. އަހަރެން އިސްތިސްނާވާނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންނަކީވެސް ހަމަ އެހެން އެންމެން ފަދަ އިންސާނެކެވެ. 

ވީމާ ކިތަންމެ ބޮޑު ކުށެއް ކޮށްފައިވީ މީހަކު ނަމަވެސް ތިބާގެ ކިބައިން މާފަށް އެދިއްޖެނަމަ މާފުކުރަން އަވަސްވެގަންނާށެވެ! ޚާއްޞަކޮށް ދެމަފިރިން އެކަކު އަނެކަކަށް މާފުކުރަން އަވަސްވެގަންނަންވާނެއެވެ. ނޫންނަމަ ވެއްޓިގެން އެދަނީ ފުން އަނދަވަޅަކަށެވެ. އެކަން މެދުވެރިވާ ގޮތްވެސް ބުނެދޭނަމެވެ. 

ތިބާދެކެ ނުހަނު ލޯބިވާ އަނބިމީހާއަކީވެސް އިންސާނަކަށްވީތީ ކުށެއްކުރެވުނީއެވެ. މާފަށް އެދުމުން ތިބާ މާފުނުކޮށް އޭނާއާއި ވަކިވީއެވެ. ދެން ތިބާ ކައިވެނިކުރީ ތިބާ އެމީހަކުދެކެ ވަރަށް ލޯބިވާ އަނހެނަކާއިއެވެ. އޭނާއާއިއެކު ދިރިއުޅެނިކޮށް ތިބާއަށް ކުށެއްކުރެވުނީއެވެ. މާފަށް އެދެން ތިބާއަށް ޖެހުނީއެވެ. އެހިނދު މާފުކުރަން ދެކޮޅު ހަދައި އޭނާ ތިބާއާއި ވަކިވީއެވެ. 

ނިކަންބުނެބަލާށެވެ! އެޙާލަތުގައި ތިބާއަށް އަސަރުކުރާނެ ހެއްޔެވެ؟ ހިތަށް ތަދުވާނެހެއްޔެވެ؟ ހިތްދަތިކަމުގައި އުޅެން ނުޖެހޭނެ ހެއްޔެވެ؟ ހަމައެކަކުވެސް އަތްހިތްލާފައި ތެދުވެ ނޫންކަމަށް ބުނެބަލާށެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިކަންކަމަށް ވިސްނާށެވެ! މާފުކުރުމުގައި ދީލަތިމީހަކަށްވާށެވެ! ޚާއްޞަކޮށް ދެމަފިރިން އެކަކު އަނެކަކަށް މާފުކުރުމުގައި ދީލަތިކަން އިތުރުކުރާށެވެ! އެއިރުން ދިރިއުޅުމުގެ ހުރިހާ ކަންކަމުގައިވެސް ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން