ބައެއް މީހުން ބުނަނީ ކީރިތި ޤުރްއާނުން ތަންކޮޅެއް ކިޔަވައިލާނެ ވަޤުތު ނުވާކަމަށެވެ. އެއީ އެމީހުން ކުރަން ހުންނަ މަސައްކަތްތައް ގިނަކަމުންނެވެ. އާމްދަނީ އިތުރުކުރަން މަސައްކަތްކުރަން ހަދައިގެންނެވެ.
އެފަދަ ގިނަ މީހުންނަސް ދުވަސް ނިމިގެންދާއިރުވެސް އޮންނަނީ އެމީހަކު އެދުވަހު ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞލުނުކުރެވިފައެވެ. އެއްވެސް ކަމެއް، ނުވަތަ ޙާޞިލްުކުރަން އެންމެ ބޮޑަށް ބޭނުންވި ކަންކަން ޙާޞިލުނުކުރެވެނީސް ދުވަސް ނިމިފައެވެ.
މިހެންމިވަނީ ކީއްވެގެން ހެއްޔެވެ؟ އެއީ ތިބާގެ ވަޤުތުގައި ﷲ ތަޢާލާ ބަރަކާތް ނުލައްވަވާތީއެވެ. ﷲ ތަޢާލާ ބަރަކާތް ނުލައްވަވައިފިނަމަ 24 ގަޑިއިރު ތެޅިފޮޅުނަސް ކާމިޔާބުކުރެވޭނެ ކަމެއް ނުއޮންނާނެއެވެ.
ވީމާ އަހުރެންގެ ނަޞޭޙަތަކީ ހަމަޖެހިލައިގެން އިނދެ ކޮންމެ ދުވަހަކުވެސް ޤުރްއާނުން މިނަވަރެއް ކިޔެވުމެވެ. ޚާއްޞަކޮށް ޤުރްއާން ކިޔެވުމުން ދުވަސްފަށަން ސަމާލުކަންދޭށެވެ. އެއަށްފަހު މަސައްކަތުގައި އުޅެމުންވެސް ހުސްވަޤުތުކޮޅެއް ލިބޭއިރަށް ކިތަންމެ ކުރު ސޫރަތެއް ނަމަވެސް ނުވަތަ އާޔަތެއް ނަމަވެސް ކިޔަވާށެވެ. ތިބާގެ ވަޤުތުގައިވެސް އަދި ކުރަން އުޅޭ ކަންކަމުގައިވެސް ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ
--އަބޫ ޘައިމިއްޔާގެ ދަރުސަކުން