ކޮންމެ މީހަކަށް ވެސް އެންމެ ބޭނުން ނިޢުމަތަކީ ކޮބައިކަމާ އެނިޢްމަތް ދެއްވެވުން އެދި ދުޢާކުރަން ގިނަ ބައަކު މިތިބީ ހަނދާންވެސް ނެތިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ކޮންމެ މީހަކަށް ވެސް އެންމެ ބޭނުން ނިޢުމަތަކީ ކޮބައިކަމާ އެނިޢްމަތް ދެއްވެވުން އެދި ދުޢާކުރަން ގިނަ ބައަކު މިތިބީ ހަނދާންވެސް ނެތިފަ!

ދުނިޔޭގެ އެދުންތަކަށް ދަހިވެތިކަން ބޮޑުވީވަރުން މިއަދު އެންމެ ގިނަބައަކު ނިޢްމަތުގެ ގޮތުގައި އެންމެ ބޮޑަށް ބޭނުންވެގެން މިއުޅެނީ ތަނަވަސްކަން، މަތީ މަޤާމްތައް، ޢިއްޒަތާއި ޝަރަފް، އެންމެ އަގު ބޮޑު ކާރު، އެންމެ ރީތި ގެ، އެއްވެސް ބައްޔެއް ނުވުން ފަދަ ކަންކަމެވެ. އެހެންވެ އެންމެ ގިނަބައަކަށް ދުޢާކުރެވެނީވެސް މިފަދަ އެތައް ބައިވަރު ކަންކަމަށް އެދިއެވެ.  

އިންސާނުންނަކީ ﷲ ތަޢާލާގެ ޙަޟްރަތުން އަބަދުވެސް ގިނަ ކަންތައްތަކަކަށް އެދެން ޖެހިފައިވާ ބައެކެވެ. އެދެމުންވެސް ދާ ބައެކެވެ. ނަމަވެސް އެދޭ ކަންތައްތަކުގެ ތެރެއިން މިދުނިޔޭގައި ފުރިހަމަ ވަނީ މަދު ކަމެއް ކަމަށްވެސް ބުނެވިދާނެއެވެ. އެހެން އެވަނީ ލިސްޓު ދިގުވުމުންނެވެ. އަދި ލިސްޓުގައި ހުންނަ ބައެއް ކަންކަމަކީ އެކަމެއް ޙާޞިލުވުމުން އަހަރެމެންނަށް ގެއްލުން ހުރި ކަންކަން ކަމުގައިވާތީއެވެ.  

ކަން މިހެން އޮތް ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އިޚްލާޞްތެރިކަމާއިއެކު އެދިއްޖެ ހަމަ އެއްވެސް މީހަކަށް ނުދެއްވަވައި ދޫކޮށް ނުލައްވަވާނެ ނިޢްމަތެއް ވެއެވެ. އަޅެ ނިކަން ވިސްނައިލަބަލާށެވެ! އެއީ ކޮން ނިޢްމަތެއްކަން އެނގޭތޯއެވެ!  

އެ ނިޢްމަތަކީ ހިދާޔަތު ދެއްކެވުމެވެ. ތެދުމަގު ދެއްކެވުމެވެ. ތެދުމަގު ދެއްކެވުމަށް އެދި އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާގެ ޙަޟްރަތުގައި އެދިއްޖެ ކޮންމެ މީހަކަށް އެ ނިޢްމަތް މިންވަރު ކުރައްވަވާނެތެވެ. އެއީ ހަމަ ޒައްރެއްގެ މިންވަރަށްވެސް ޝައްކުކުރަންޖެހޭ ކަމެއް ނޫނެވެ! އެއީ ﷲ ތަޢާލާގެ ވަޢުދު ބަސްފުޅެކެވެ. ވީމާ އިތުރަށް ވިސްނާކަށްވެސް ނުޖެހޭނެއެވެ.  

މީސްތަކުންނޭވެ! އިންސާނަކަށް އެންމެ މުހިންމުވާނީ، އަދި އެންމެ ފައިދާކުރާނެ ކަމަކަށްވާނީ ތެދުމަގު ފެނުމެވެ. ހިދާޔަތު ލިބުމެވެ. އެ މަތިވެރި ނީޢްމަތް ލިބިއްޖެ ނަމަ ހުރިހާ ނިޢްމަތްތަކައް ލިބުނީއެވެ. ފުދި އިތުރުވީއެވެ. އެހެންކަމާއިއެކުވެސް އިޚްލާޞްތެރިކަމާއިއެކު ތެދުމަގު ދައްކަވައި ދެއްވެވުން އެދެވެނީ ވަރަށް މަދު މީހަކަށެވެ. އަބަދުހެން އެދިދަންނަވަމުން ގެންދެވެނީ ދުނިޔަވީ ބޭނުންތަކުންނެވެ!  

އެންމެ ރަނގަޅެވެ. ނިކަން ބުނެބަލާށެވެ! ދުނިޔެއިން ތިބާ އެދުނު ހުރިހާ ނިޢްމަތްތަކެއް ﷲ ތަޢާލާ ދެއްވެވީއެވެ. މުއްސަނދިކަމާއި އާރާއި ބާރާއި މިހެންގޮސް ހުރިހާ ކަމެއް ލިބުނީއެވެ. ނަމަވެސް ތެދުމަގު ނުހިފުނީއެވެ. ހިދާޔަތު ނުލިބުނީ އެވެ. ދެން ވާނީ ކިހިނަކުން ހެއްޔެވެ؟ ފިރުއަޢުނާއި ޤާރޫނަށް ވީގޮތް ނޫން ހެއްޔެވެ؟ އެކަމުން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ވީމާ ކޮންމެ މީހަކީވެސް ގިނަގިނައިން ތެދުމަގު ދެއްކެވުން އެދި ދުޢާކުރާ މީހަކަށް ވާން އެބަ ޖެހެއެވެ.

 

އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން