ކޮންމެ މީހަކުވެސް އެމީހާގެ ޢުމުރު ހަމަވުމުން މަރުވާނެއެވެ. އެހެންވެ ބައެއް ޒުވާނުން ކައިނިކޮށް ދަރިއަކު ލިބޭތަނާހެން އެބަ މަރުވެއެވެ. އެހައި ލޯބިން ހޯދި ދަރިފުޅު އަބަދުގެ އަބަދަށް ދޫކޮށްލާފައި އެބަ ދާންޖެހެއެވެ. އެޙާލަތުގައި އެކަންވާނީ އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތާމައަކަށެވެ. ނަމަވެސް ދިރިތިބި މީހުންނަށް އެއީ ލިބޭ ވަރަށް އަގުހުރި ފުރުޞަތެކެވެ.
މިގޮތަށް ވިސްނައިލާށެވެ!
އެކުވެރިއަކު ނުވަތަ އެނޫންވެސް މީހަކު މަރުވިއިރު ކުޑަ ދަރިފުޅަކު ދޫކޮށްފައި ދިއަ ނަމަ އެއީ ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ޙާޞިލުކުރަން ތިބާއަށް ލިބޭނެ ފުރުޞަތަކަށް ހެދިދާނެއެވެ. އެފުރުޞަތު ނަގައިނުލާށެވެ!
އެހެނީ ޔަތީމް ކުއްޖަކަށް އެހީތެރިވެދީ ޔަތީމް ކުއްޖަކު ހެޔޮ ގޮތުގައި ބަލަހައްޓައިފި މީހާ ސުވަރުގޭގައިވާހުށީ ރަސޫލް (ﷺ)ގެ އެންމެ އަރިއަހުގައިކަން ޙަދީޘުން އެނގެން އެބައޮތެވެ.
ރަސޫލް (ﷺ) އަތްޕުޅުގެ ދެއިނގިލިފުޅު ދައްކަވާލައްވައި ޙަދީޘްފުޅު ކުރައްވަވާފައި ވަނީ އެމީހަކު ސުވަރުގޭގައި ވާހުށީ ތިމަންކަލޭގެފާނާއި މިހައި އަރިއަހުގައި ކަމަށެވެ. (ޞަޙީޙް ބުޚާރީ)
‘The Prophet (saw) said, “The one who cares for an orphan and myself will be together in Paradise like this,“and he (saw) held his two fingers together to illustrate’. [Bukhari]
މިޙަދީޘްފުޅަށް ބަލައިފިނަމަ ކުއްޖާ އޭނާގެ މައިމީހާގެ ގާތުގައި ބަހައްޓައިގެން ނަމަވެސް ކުއްޖާއަށް ބޭނުންވާ އެހީތެރިކަންފޯރުކޮށްދީ ބަލަހައްޓައިދީފިނަމަ އެ ނިޢްމަތް އެމީހަކަށް ދެއްވަވާނެތެވެ. އިން ޝާ ﷲ
ކުއްޖާއަށް އެންމެ ފައިދާހުރި ގޮތަކަށްވާނީވެސް މައިމިހާގެ ގާތުގައި ބެހެއްޓުމެވެ. މައިވަންތަކަމުގެ ލޯބިލިބިގެން ބޮޑުވާ ކުއްޖަކަށްވުމެވެ. ވީމާ ޙަދީޘްފުޅަށް ޢަމަލުކުރުމުގެ ބޭނުމުގައި ކުދިން މައިންބަފައިންނާއި ވަކިކުރާކަށް ނުޖެހެއެވެ. މައިމީހާއަށް ބެލެހެއްޓެން ނެތިގެން ޙަވާލުކުރުމުން މެނުވީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން