ރަނގަޅު ބައިވެރިއަކު ދެއްވެވުން އެދި އިސްތިޣްފާރުކުރުން ގިނަކުރަމުންގޮސް ދުވާލަކު އެއްހާސް ފަހަރަށް އިތުރުކުރި މީހަކަށް އެއްފަހަރާ 2 އަނބިންނާ ތަނަވަސްކަން ލިބުނު ގޮތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 31ސ
ރަނގަޅު ބައިވެރިއަކު ދެއްވެވުން އެދި އިސްތިޣްފާރުކުރުން ގިނަކުރަމުންގޮސް ދުވާލަކު އެއްހާސް ފަހަރަށް އިތުރުކުރި މީހަކަށް އެއްފަހަރާ 2 އަނބިންނާ ތަނަވަސްކަން ލިބުނު ގޮތުގެ ވާހަކަ!

"ކޮންމެ ކަމަކަށް ބޭނުންވިނަމަވެސް އިސްތިޣްފާރުކުރުން ގިނަކުރަން ޢިލްމުވެރިން ވިދާޅުވާއަޑު އަހަމެވެ. އަޅުގަނޑަކީ އަމިއްލަ މަސައްކަތުން އެކަށީގެންވާ އާމްދަނީއެއް ލީބޭ މީހަކީމެވެ. ޢުމުރުން 30 އަހަރުން މައްޗަށް ދިއައިރުވެސް ކާމިޔާބު ނުކުރެވި އޮތްކަމަކީ ތަޤްވާވެރި ބައިވެރިއަކު ލިބުމެވެ. ބައިވެރިއަކު ލިބޭތޯވެސް އިސްތިޣްފާރުކުރުމަކީ ކުރަން ރަނގަޅުކަމެއްތޯއެވެ؟" 

އިސްތިޣްފާރުކުރުން ގިނަ ކުރުމުން ޙާޞިލް ނުކުރެވޭނެ ކަމެއް ނެތް ކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ. އަދި އިބްން ޢައްބާސްގެ ބަސްފުޅުގައިވަނީ ކޮންމެ ކަމަކަށް އެދިގެންވެސް އިސްތިޣްފާރުކުރުމަށްވުރެ ފައިދާހުރި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.  

ތިރީގައިވާ ލިޔުމަކީވެސް ރަނގަޅު ބައިވެރިއަކު ދެއްވެވުން އެދި އިސްތިޣްފާރުކުރުން ގިނަކުރި މީހަކަށް ލިބުނު ކާމިޔާބީގެ ވާހަކައެކެވެ. ވިދާޅުވެލައްވާށެވެ.

އަހަރެންނަކީ ވެސް މަތީ ތައުލީމު ޙާޞިލުކޮށްގެންހުރި ޒުވާނަކީމެވެ. އުމުރުން 24 އަހަރުގައި ވަނީ ފުޑް އެންޑް ބެވަރޭޖަސްއިން މާސްޓަރސް ޙާޞިލުކުރެވިފައެވެ. ގިރުވާނުކޮޅަށްޖެހޭ މަސައްކަތެއް ކުރުމުގެ ބަދަލުގައި އަހަރެން ޤަޞްދުކުރީ ގިނަ ފައިސާ ލިބޭނެ މަސައްކަތެއް ކުރުމަށެވެ. އެއީ ފައިސާ ޖަމާކޮށްގެން އަމިއްލަ ރެސްޓޯރަންޓެއް ހިންގުމުގެ އެދުން އަބަދުވެސް ހިތުގައި އޮންނާތީއެވެ.  

އެހެންވެ އަހަރެން ހޯދީ ރެސްޓޯރަންޓް ވެއިޓަރެއްގެ މަސައްކަތެވެ. އެއީ އަހަރެންގެ ޤައުމުގައި ކެއްކުމުގެ ދާއިރާއިން ކުރިއަށް ދިއުމަކީ އެހައި ފަސޭހަކަމެއް ނޫނެވެ. ބަދިގޭ މަސައްކަތު މީހުންގެ ގޮތުގައި މަސައްކަތްކުރަންޖެހޭ މުއްދަތު ދޮގުވުމުންނެވެ. ވީމާ ބޮޑު މުސާރަލިބޭ ބޮޑުކައްކާއެއްގެ ފެންވަރަށް ދެވެން 10 ވަރަކަށް އަހަރުވެސް ނަގައިފާނެތީއެވެ.  

ހަމައެއާއިއެކު ވީހައި އަވަހަކަށް ކައިވެންޏެއް ކުރުމަކީވެސް އަހަރެންގެ ވަރަށް ބޮޑު އުންމީދެކެވެ. ނަމަވެސް އެކީގައި ކިޔެވި ހުރިހާ ކުދިން ކައިވެނިކޮށްނިމުނުއިރުވެސް އަހަރެންނަށް ވަނީ ކައިވެނިކުރެވޭނެ ގޮތްނުވެފައެވެ. ހުރިހާވެސް މައްސަލައަކީ ކިޔަވައިގެންހުރި ނަމަވެސް ކުރާ މަސައްކަތުގެ ދަރަޖަ ދަށްވުމެވެ.  

އަހަރެން އަބަދުވެސް ނަމާދުކުރަމެވެ. އެހެންކަމުން އަވަށުގެ 3 މިސްކިތުގެ އިމާމުންނާއި ވަރަށް ގާތް ގުޅުމެއް އޮންނާތީ މިވާހަކަ ހިއްޞާކުރީމެވެ. ކޮންމެ އިމާމަކުވެސް ބުނީ ފަހުން ލައްވަވަން އޮތް ރަޙްމަތް ބޮޑީކަމަށްވެދާނެ ކަމަށާއި އިސްތިޣްފާރުކުރުން ގިނަކުރުމަށެވެ. އަދި އިސްތިޣްފާރުކުރުން ގިނަކުރުމަކީ އެދޭކަންކަން ޙާޞިލުވުމަށް މަގުފަހިވުމުގެ ތަޅުދަނޑިކަމަށެވެ. 

އެކަމަށް މަސައްކަތްފެށީމެވެ. މަޑުމަޑުން ގިނަކުރަމުން ގޮސް ދުވާލަކު މަދުވެގެން 1000 ފަހަރު އިސްތީޣްފާރުކުރަންފެށިތާ ކުޑަދުވަސްކޮޅެއްގެތެރޭގައި އަހަރެން މަސައްކަތްކުރާ ހޮޓަލުގައި ހުރި ޢަރަބި ޤައުމެއްގެ ފަތުރުވެރިއަކަސް ޚިދުމަތްދޭން ޖެހުނެވެ. ކާވަގުތުގައި އެކި ދުވަސްމަތިން ވާހަކަދައްކައި ގުޅުން ބަދަހިވަމުން ގޮސް ވަރަށް ބޮޑަށް ގުޅުންބަދަހިވިފަހުން އަހަރެންގެ ޒާތީ ކަންކަމުގެ ވާހަކައިން ސުވާލުކުރަން ފެށިއެވެ.  

އެގޮތުން އަހަރެންގެ ޙަޔާތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮބައިތޯ ސުވާލުކުރުމުން ކައިވެނި ނުކުރެވިހުރި ވާހަކަބުނީމެވެ. އޭނާ ބުނީ އެކަމަށް ﷲ މަގެއް ދައްކަވައިދެއްވަވާނެ ކަމަށެވެ. ދުޢާކުރުންމަތީގައި ދެމިހުރުމަށެވެ.  

އޭނާ ޗުއްޓީ ނިންމާފައި އެނބުރި ޤައުމަށްދަމުން ހަދިޔާއަކަށް 2000 ޑޮލަރު ދީފައި ބުނީ 1000 ޑޮލަރު އަހަރެން ބޭނުންކުރުމަށާއި އަނެއް 1000 ޑޮލަރު އޭނާ ބުނަންދެން އަތުގައި ބެހެއްޓުމަށެވެ. ކަމަކަށް ދަތިވެއްޖެ ނަމަ ގުޅާފައި ބުނަން އޭނާގެ ފޯނު ނަމްބަރުވެސް ދިނެވެ.  

އެއިގެ މަހެއްހައި ދުވަސްފަހުން ބުނީ އޭނާގެ ދައުވަތަކަށް އޭނާގެ ޤައުމަށް އައުމަށެވެ. ޓިކެޓް ގަނެ ކަންތައްކުރަން އަތުގައި ބަހައްޓާފައި ހުރި 1000 ޑޮލަރު ބޭނުންކުރުމަށެވެ. އަވަސްއަވަހަށް ވިށާ ނަގައިގެން އަހަރެން ދިއައިމެވެ. ހުންނަން ދެއްކީ އޭނާގެ ގެއެވެ.  

އެގޭގައި ހުންނަތާ 3 ދުވަނަރޭ އެގެއަށް ގިނަ ބައަކު އައިސްއުޅެވެ. ކީއްކުރަންކަމެއް ނުއެނގެއެވެ. އިރުކޮޅަކުން އަހަރެންނަށް ގޮވައި ގެންގޮސް ރަޙްމަތްތެރިވާގެ ގާތުގައި ބައިންދާފައި ވަރަށް ސިއްރުން ބުންޏެވެ. "އެއުޅޭ 3 ކުދިންގެ ތެރޭގައި ކައިވެނިކުރަން ކަމުދާ ސިފަހުރި ކުއްޖަކު އެބަހުރި ހެއްޔެވެ؟ ރަނގަޅަށް ބަލާފައި ބުނާށެވެ! އަޚްލާޤަށް އަހަރެން ގަރަންޓީ ދެމެވެ. އަދި ދިރިއުޅެވޭނެ މަގެއްވެސް ސައްކައިދޭނަމެވެ! އިން ޝާ ﷲ 

ރަޙްމަތްތެރިޔާ ދެއްކި ވާހަކައަށް ބުނާނެ އެއްޗެއްވެސް ނުއެނގި އިނދެފައި ބުނީމެވެ. "3 ކުދިންވެސް ރަނގަޅެވެ. ރަހްމަތްތެރިޔާ ބޭނުންކުއްޖަކާއި ކައިވެނިކޮށްދީފިނަމަ އިންތިހާއަށް ޝުކުރުވެރިވާނަމެވެ." ނަމަވެސް ރަޙްމަތްތެރިޔާ އެގޮތް ޤަބޫލުނުކުރުމުން އެއްވެސް ވަރަކަށް އިތުރަށް ނުވެސް ބަލައިހުރެ ބުނީމެވެ. "މިހާރު މެދުގައި ހުރި ކުއްޖާއެވެ!" އެއިރު 3 ކުދިންވެސް ތިބީ ފުރަގަހަށް އެނބުރިއެވެ. ވީމާ ކުރިމައްޗަށް އަރައި މޫނު ބަލާފައި ވަކިކުއްޖަކު ހޮވައިފިނަމަ އަނެއް ދެކުދިން ދެރަވާނެތީ ބަލަން ބޭނުންނުވީއެވެ.  

ރަޙްމަތްތެރިޔާ ތެދުވެގެން ގޮސް ވާހަކަތަކެއް ދައްކާފައި އައިތަނުން އެއް ކުއްޖަކު ރޯއަޑުވެސް އިވުނެވެ. ނަމަވެސް އެއީ މެދުގައި ހުރި ކުއްޖާ ނޫންކަމުން ކަންބޮޑެއް ނުވެއެވެ.  

އިރުކޮޅަކުން ހަމައެމަޖިލިސްތެރޭގައި އެކުއްޖާގެ ބައްޕަ އަހަރެމެންގެ ކައިވެނި އެމީހުންގެ ޘަޤާފަތާއި އެއްގޮތަށް ކޮށްދީ ނިންމައިފިއެވެ. އަހަރެންނަށް ނުލިބިގެން ކަންބޮޑުވި ކަންތައް އެންމެފުރިހަމަގޮތުގައިވެނިމުނީއެވެ. ﷲ އަށް ޙަމްދުކޮށް ޝުކުރުގެ ސަޖިދަވެސް ކުރީމެވެ.  

ހަމައެވަގުތު ކުއްލިއަކަށް ފެނުނީ ކުރިން ރުއި ކުއްޖާގެ އަތުގައި ހިފައިގެން ރަހްމަތްތެރިޔާ އަންނަތަނެވެ. އައިސް ހަމަ އެމަޖިލީހުގައި އިށީނދެފައި ބުންޏެވެ. މިއީވެސް ހަމަ އަހަރެންގެ ކޮއްކޮއެކެވެ. މީހަކާއި ކައިވެނިވެސް ކުރިއެވެ. މަހެއްހައި ދުވަސްފަހުން ފިރިމީހާގެ ކިބައިން ފެނުނު ކަންތައްތަކެއްގެ ސަބަބުން އެހެރީ ވަރިވެގެންނެވެ. އަހަރެންނަށް ކޮށްދޭ ކަމެއްގެ ގޮތުން ނަމަވެސް ދެވަނަ އަންބަކަށް މިކޮއްކޮ އާއިވެސް ކައިވެނިކުރާށެވެ! ދިރިއުޅުމުގެ ޚަރަދަކީ އަހަރެންގެ މަސްއޫލިއްޔަތެކެވެ.  

ބުނާނެ ބަހެއް ނުއެނގި އެތައް އިރަކު އިނުމަށްފަހު ރުހޭކަން ބޮލުގެ އިޝާރާތުން އަންގައިލުމާއިއެކު ދެވަނަ ކައިވެނިވެސް ހަމަ އެމަޖިލީހުގައި ކުރެވިއްޖެއެވެ. އަހަރެންނަކީ އެއްފަހަރާ ދެއަނބިންގެ ފިރިއަކަށްވެ ނިމުނީއެވެ.  

ކައިވެންޏަށްފަހު މަހެއްހައި ދުވަސްފަހުން ރަޙްމަތްތެރިޔާ އަހަރެމެން ގޮވައިގެން އެނބުރި ޤައުމަށް އައެވެ. ފުރައިގެން ދިއައީ އަވަށުގައި ހުރި އެންމެ ފެންވަރު ރަނގަޅު ފަސްތަރި ހޮޓާތަކުގެ ތެރެއިން އެއް ހޮޓާ އަހަރެންނާއި ދެއަނބިން އަދި ރަހްމަތްތެރިޔާ ޙިއްޞާވާގޮތަށް ގަނެދީފައެވެ. ހިންގާނެ ފައިސާވެސް ދީފައެވެ.  

ކައިވެންޏަށް 10 އަހަރުފުރުނީއެވެ. 2 އަނބިންނަށް 5 ދަރިން ވަނީ ލިބިފައެވެ. ދިރިއުޅެމުން މިގެންދަނީ ނުހަނު އުފަލުގައެވެ. އަދި ކުދިން ލިބި އަހަރެންގެ އަނބިންނަށް އޯގާތެރިކަން ޔަޤީންކުރެވުމުން ރަޙްމަތްތެރިޔާގެ ހިއްޞާވެސް މިހާރުވަނީ އަހަރެމެންނަށް ބަދަލުކޮށްދީފައެވެ!  

މިވާހަކަ އަހަރެން މިހާމަކުރީ އަހަރެންނަށް ލިބުނު ތަނަވަސްކަމުގެ ވާހަކަ ދައްކާކަށް ނޫނެވެ. ހަމައެކަނި ބޭނުމަކީ ކެތްތެރިވެ އިޚްލާޞްތެރިކަމާއިއެކު އިސްތީޣްފާރުކުރުމުން ހީވެސް ނުކުރެވޭހައި މަގުތައް ފަހވެގެންދާކަން ބަޔާންކޮށް އެކަމަށް ހިތްވަރުދިނުމެވެ. އަހަރެންގެ މިވާހަކަކޮޅު ޢިބްރަތަކަށް އަދި ހިތްވަރަކަށް ފުދޭނެ ކަމަށް އުންމީދުކުރަމެވެ.  

- އަހްމަދު ހަރިސް / މެލޭސިޔާ  

މިއަދު އޮންލައިން