ލޯބިވެގެން ކައިވެނިނުކޮށް ތިބޭއިރު ފާފަކުރެވޭތީ ކަންބޮޑުވުމުގެ ބަދަލުގައި ކަންބޮޑުވާންވީ ލޯބިވެގެން ކައިވެނި ނުކޮށް ތިބެވޭތީއެވެ. ލޯބިވެގެން ކައިވެނި ނުކޮށް ތިބުމަކީ ފާފައަކަށްވާތީއެވެ. ކައިވެނިކުރީމާ ލޯބިވެގެން ކައިވެނިނުކޮށް ތިބޭއިރު ފާފަކުރެވުމުގެ މައްސަލަ ޙައްލުވީއެވެ. އަބަދުވެސް ބުނާފަދައިން ކައިވެނިނުކޮށް ލޯބިވެގެން އުޅުމަކީ އިސްލާމްދީނުގައި އޮތްކަމެއް ނޫނެވެ! އޮތީ ކައިވެނިކޮށްގެން ލޯބިވެގެން އުޅުމެވެ. އެއީ ހުޅަނގުގެ ނުބައި ޘަޤާފަތްތަކުގެ ތެރެއިން ގެނެސްގަނެގެން އުޅޭ ނުބައިކަން ބޮޑު ޘަޤާފަތެކެވެ.
ބައެއް ޒުވާނުން ކުރާ ސުވާލެކެވެ! "ޝައިޚް އެވެ! އަޅުގަނޑު މަސައްކަތްކުރަނީ ހަމަ އެންމެ ފާފައެއްވެސް ނުކުރާށެވެ! ނަމަވެސް ލޯބިveރިއަކު ހުރުމުން ބައެއް ކުދިކުދި ފާތައްކުރެވޭތީ ވަރަށް ބޮޑަށް ކަންބޮޑުވެއެވެ. ގިނަގިނައިން ތައުބާވާންޖެހޭތީ ލަދުވެތިވެސް ވަމެވެ! ޙައްލަކީ ކޮބައިހެއްޔެވެ؟"
ޖަވާބަކީ އަވަހަށް ފާފަކުރެވެން ހުރި ދޮރުތައް ބަންދުކުރާށެވެ! އެއީ ކައިވެނިކުރުމެވެ! ކައިވެނިކުރުމުން ހުރިހާ މައްސލަތަކެއް ޙައްލުކުރެވުނީއެވެ. މިހާރު ތިއަ ކަންބޮޑުވާ ހުރިހާ ފާފަތައް ބަދަލުވާނީ ޘަވާބުލިބޭ އަޅުކަމަށެވެ.
މިސާލަކަށް ބާލިޣްވެ ތަޝައްރަފް ފުދިއްޖެ ނަމަ ސުންނަތުގައިވާފަދައިން ކައިވެނިކުރުމަކީ ޘަވާބު ދެއްވަވާ އަޅުކަމެކެވެ. ދެމަފިރިން އެކަކު އަނެކެއްގެ ޙައްޤުތައް އަދާކޮށްގެން ލޯބން ދިރިއުޅުމަކީ ޘަވާބު ދެއްވަވާއަޅުކަމެކެވެ. އެކަކު އަނެކަކަށް ލޯބިކުރުމަކީ ވެސް ޘަވާބު ދެއްވަވާ އަޅުކަމެކެވެ. އެއްދާންކުރުމަކީވެސް އަޅުކަމެކެވެ. މިކަންކަމަކީ ޙަދީޘްފުޅުތަކުން އެނގެންހުރި ކަންކަމެވެ.
އަދިކ ީއްހެއްޔެވެ؟ ދަރިއަކު ލިބިއްޖެ ނަމަ ﷲ އެންގެވިގޮތުގައި ބަލައި ތަރުބިއްޔަތުކުރުމަކީ ޘަވާބު ދެއްވަވާ އަޅުކަމެކެވެ. ނަރަކައިން ސަލާމަތްވެވި ސުވަރުގެ ލިބެންވެސް އޮތް އަޅުކަމެކެވެ.
ދެމަފިރިން އެކަކު އަނެކަކަށް ކޮށްދޭ ކޮންމެ ހެޔޮކަމަކީ އަޅުކަމަކީ ޘަވާބު ދެއްވަވާ އަޅުކަމެކެވެ. އެކަކު އަނެކަކުގެ ބޭނުންތައް ފުއްދައިދިނުމަކީވެސް ޘަވާބު ދެއްވަވާ އަޅުކަމެކެވެ. އަދި ކީއްހެއްޔެވެ؟ އަނބިދަރިންނަށް ކާންދޭ ކޮންމެ ސުވަލަކީވެސް ޞަދަޤާތެކެވެ!
ކޮންމެ އަޅުކަމަމަކީވެސް ޘަވާބު ދެއްވަވާ އަޅުކަމެކެވެ. އަލުކަމުގެ ކުރިއަށް ޘަވާބު ދެއްވަވާ ލައިގެން މިބުނީ ފާފަކުރެވޭތީ އެފާފަތައް އަޅުކަމަކަށް ބަދަލުކުރުމާއި އެއިރުން ޘަވާބު ދެއްވަވާނެކަން ބަޔާންކުރުމަށެވެ.
ދެންއޮތްކަމަކީ ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ނުކުރަން މަސައްކަތްކުރާށެވެ! ފާފައެއް ކުރެވިއްޖެ ނަމަ ތައުބާވުމަށް އަވަސްވެގަންނާށެވެ! ކިތަންމެ ގިނަ ފަހަރު ތައުބާވާން ޖެހުމަކީވެސް ލަދުގަންނަން ޖެހހެންވީ ކަމެއް ނޫނެވެ! އެއީ ﷲ ތަޢާލާ އެންމެ ބޮޑަށް މީސަތަކުންނަށް ލޯބިވެވޮޑިގަންނަވާ ޢަމަލެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން