މީހުންނަށް މާފުނުކޮށް މައްސަލަތައް ކޮނޑުގަޖަހައިގެން އުފުލުމަކީ އަނބިދަރިންނަށް ދެވޭ އެންމެ ބޮޑު އެއް އަނިޔާކަމަށްވާކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
މީހުންނަށް މާފުނުކޮށް މައްސަލަތައް ކޮނޑުގަޖަހައިގެން އުފުލުމަކީ އަނބިދަރިންނަށް ދެވޭ އެންމެ ބޮޑު އެއް އަނިޔާކަމަށްވާކަން އެނގޭތަ؟

ދުނިޔޭގައި ހޭދަކުރާ ކޮންމެ ދުވަހަކުހެން ކޮންމެވެސް މީހެއްގެ ކިބައިން ނުވަތަ ކޮންމެވެސް ބައެއްގެ ކިބައިން ތިމާ ހިތްހަމަނުޖެހޭ ކަންތައްތަކެއް ފެންނާނެއެވެ. އެމީހުންނަށް ކުރެވޭ ކުށްތަކެއްވެސް ފެންނާނެއެވެ. ކަންބޮޑުވާންޖެހޭ އެތައް ކަމެއް ފެންނާނެއެވެ. އެއީ މިއީ ދުނިޔެ ކަމަށްވީތީއެވެ. އެއީ ދުނިޔޭގައި ކަންކަން ހިނގަމުންދާގޮތް ކަމަށްވީތީއެވެ.

އެފަދަ ކަންކަން މަގުމަތިންވެސް ފެންނާނެއެވެ. މެދުވެރިވާނެއެވެ. މަސައްކަތްކުރާ މާޙައުލުންވެސް ފެންނާނެއެވެ. އެކުގައި މަސައްކަތްކުރާ މީހުންނާއި އެކުވެރިންގެ ކިބައިންވެސް ފެންނާނެއެވެ. ދެންމިވާގޮތަކީ ތިބާ އެމީހުންނަސް މާފުނުކުރަނީއެވެ. އެކަންކަން ކޮނޑަށް އަރުވައި ބަރުކުރަނީއެވެ. ބަރުކުރަމުން ގޮސް ގެއަށް ވަދެވޭއިރު ހުންނަނީ މައިބަދައަށް ތެދުކޮށް ނުލެވިފައެވެ. އުނގަނޑަށް ތަދުވެފައެވެ.

ދެންމިވާގޮތަކީ އެޙާލަތުގައި ގޮސް ގެއަށް ވަންނަތަނުން ތިބާގެ އިންތިޒާރުގައި ތިބި ދަރިންނަށާއި އަނބިމީހާއަށް ހިނިތުންވެ ނުލެވޭތަނުގައި ދެއްކެނީ ކުނިމޫނެވެ. އެމީހުން ތިބާއާއި އުފަލުން އިސްތިޤްބާލުކޮށް ތިބާގެ ސަމާލުކަން ހޯދަން މަސައްކަތްކުރިނަމަވެސް ތިބާއަށް ހުރެވެނީ ރުޅިއައުދެވިފައެވެ. ބުނެވެނީ ނުބައިބަސްތަކެވެ. ޢަމަލުކުރެވެނީ ހަރުކަށިކޮށެވެ. 

ނިކަންބުނެބަލާށެވެ! އެއްވެސް ކުށެއް ނެތް އަނބިދަރިންނަށް އެކަންވާނީ ތިބާކުރާ ކިހައި ބޮޑު އަނިޔާއަކަށްހެއްޔެވެ؟ އެއަނިޔާކުރުމުގެ ޙައްޤު ތިބާއަށް ދިނީ ކާކުހެއްޔެވެ؟ އެކަންކަމަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ހެއްޔެވެ؟ 

ހަމަހިލާ އެހެނަކުން ނުވާނެއެވެ! އެއީ ޢަމަލުކުރަން ތިބާއަށް ﷲ ތަޢާލާ އަންގަވާފައިވާ ގޮތެއް ނޫނެވެ. ނަތީޖާއަކަށްވަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ތިބާއަށް ނުލިބުމެވެ. އަނބިދަރިންގެ ނަފްރަތު ތިބާއަށް ލިބެންފެށުމެވެ. އެންމެފަހުންގޮސް އޮންނަނީ ކައިވެނި ރޫޅޭ ޙާލަތަށް ކަންކަން ގޮސްފައެވެ. ތިބާއަށް އެކަން ވިސްނި ކަންކަން އިޞްލާޙްކުރަން މަސައްކަތްފަށާއިރު އޮންނަނީ އެކަން ކާމިޔާބު ނުކުރެވޭނެ ޙާލަތަށް ކަންކަން ގޮސްފައެވެ. 

އާޚިރު ނަތީޖާއަކަށްވެގެންދަނީ މީހުންނަށް މާފުނުކޮށް މައްސަލަތައް ކޮނޑުގަޖަހައިގެން އުފުލަމުން ގެއަށް ވަނުމަކީ އަނބިދަރިންނަށް ދެވޭ އެންމެ ބޮޑު އެއް އަނިޔާކަމަށްވުމުގެ އިތުރުން އެކަމަކީ ތިބާއަށްވެސް ލިބޭ އެންމެ ބޮޑު އަނިޔާކަމަށްވެފައެވެ. ވީމާ މިކަންކަމަށް ހޭލުންތެރިވާށެވެ! އަނބިދަރިންގެ ލޯބި ލިބޭނީވެސް އެއިރުންނެވެ. ތިބާއަށް އުފާވެރިކަން ލިބޭނީވެސް އެއިރުންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން