ދޮރުތައް ބަންދުވެ ނުހުޅުވިގެން އުޅޭ މީހުން ދޮރުތައް ހުޅުވަން މިޢަޒުމްގައި މިމަގުން ޢަމަލުކޮށްފިނަމަ ބަންދުވެފައި ހުރި ދޮރުތައް ހުޅުވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދޮރުތައް ބަންދުވެ ނުހުޅުވިގެން އުޅޭ މީހުން ދޮރުތައް ހުޅުވަން މިޢަޒުމްގައި މިމަގުން ޢަމަލުކޮށްފިނަމަ ބަންދުވެފައި ހުރި ދޮރުތައް ހުޅުވޭނެ! އިން ޝާ ﷲ

ދޮރުތައް ބަންދުވަނީ އަހަރެމެންނަށެވެ. މާނައަކީ ކުރިމަތިވާ ދަތިތަކުން އަރައިގަނެވޭނެ މަގު އަހަރެމެންނަށް ނުއެނގެނީއެވެ. އެހެންވެ ހުރިހާ ދިރުތަކެއް ބަންދުވެފައިވާކަމަށް އަހަރެމެންނަށް ވިސްނެނީއެވެ. އެކަމާއިމެދު ކުޑަކޮށް ވިސްނާލަމާ ހިނގާށެވެ! 

ހުރިހާ ދޮރުތަކެއް ބަންދުވެފައިވީނަމަވެސް ޙައްޤު ގޮތުގައި ﷲ އަށް ވަކީލްކޮށްފިނަމަ ނުކުންނާނެ ދޮރެއް ﷲ ދައްކަވައިދެއްވަވާނެތެވެ! އެކަން ޔަޤީންކުރެވިގެންދާ އެއް ހާދިސާއަކީ ފިރުއަޢުނުގެ ކިބައިން މޫސާގެފާނާއި އެކަލޭގެފާނުގެ އަރިއަހުގައިތިބި މީހުން ސަލާމަތްކުރެއްވެވުމެވެ. 

ފަހަތުގައި ފިރުއަޢުނާއި އޭނާގެ ބިޔަ، ބާރުގަދަ ލަޝްކަރެވެ. ކުރިމަތީގައި މާސިންގާ ފުންކަނޑެވެ. މިހާރުގެ ގޮތުންނަމަ ރެޑްސީ އެވެ. ސަލާމަތުގެ މަގު ދެއްކެވީ އެކަނޑު ދެފަޅިކުރައްވަވައި ކުރިއަށް ދެވޭނެ މަގު ދައްކަވައިގެންނެވެ! 

ދެވަނަ ހާދިސާއަކަށް ބަލައިލަން ބޭނުންނަމަ ބަދުރު ހަނގުރާމައަށް ވިސްނައިލާށެވެ! މުސްލިމުންގެ މަދު މީސްކޮޅު ކުރިމަތިލީ ކޮންފަދަ ވަރުގަދަ، ބައިގިނަ ލަޝްކަރަކާއި ހެއްޔެވެ؟ އެހުރިހާ ހަތިޔާރުތައް ހުއްޓައިމެ، ލަޝްކަރުގެ ޢަދަދު އެހައިގިނައިރުމެ ﷲ ތަޢާލާ މުސްލިމުންނަށް ނަބްރު ދެއްވެވީ އުޑުން މަލާއިކަތުން ފޮނުއްވަވައިގެންނެވެ.  

ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް ވަކީލުކުރާށެވެ! ފުރިހަމަގޮތުގައި ވަކީލުކުރާ މީހާއަށް އެކަމަކުން ސަލާމަތްވެވޭނެ މަގު ﷲ ތަޢާލާ ދައްކަވައި ދެއްވަވާނެތެވެ! ބޭނުންވަނީ ޘާބިތުކަމެވެ! މިއަދު ކަންކަން ޙައްލުނުވެ ޙާލުގައި ޖެހެމުން މިދަނީ، ދޮރުތައް ބަންދުވެ ނުހުޅުވިގެން މިއުޅެނީ އެ ޘާބިތުކަން ނެތުމުންނެވެ! ﷲ ތަޢާލާ އަހަރެމެންނާއިއެކުގައި ވޮޑިގެންނުވާތީއެއް ނޫނެވެ! އަހަރެމެން ﷲ ތަޢާލާ އާއި ދުރުވެގެން އުޅޭތީއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން