ކިތަންމެ ދަތިޙާލުގަ ދިރިއުޅެންޖެހުނަސް ތިމާގެ އަތުގަ ހިފައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރާ މީހަކާ ވަކިނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ކިތަންމެ ދަތިޙާލުގަ ދިރިއުޅެންޖެހުނަސް ތިމާގެ އަތުގަ ހިފައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރާ މީހަކާ ވަކިނުވާށެވެ!

ދުނިޔޭގެ ދިރިއުޅުމުގައިވެސް އަދި ޒަވާޖީ ޙަޔާތް ދެމެހެއްޓުމުގައި ވެސް ފައިސާގެ މުހިންމުކަން ވަރަށް ބޮޑެވެ. ނަމަވެސް ދުނިޔޭގެ ދިރިއުޅުމުގައިވެސް އަދި ޒަވާޖީޙަޔާތުގައިވެސް އެންމެ މުހިންމު އެއްޗަކީ ފައިސާއެއް ނޫނެވެ. އެންމެ މުހިންމު އެއްޗަކީ ތަޤްވާވެރިކަމެވެ. ތަޤްވާވެރިކަން ގުޅިފައިވަނީ އެމީހަކު ނަމާދުކުރާ މިންވަރަކަށެވެ. ފަރުޟު ނަމާދުތައް ފުރިހަމައަށް އަދާކުރުމުގައި ފަރުވާތެރިވާ މިންވަރަށާއި ސުންނަތް ނަމާދުތައް ކުރުން ގިނަކުރާ މިންވަރެއްގެ މައްޗަށެވެ. އަދި ޙަޔާތުގެ ޙަޤީޤީ ހުރިހާ ކާމިޔާބީތަކެއްވެސް ގުޅިފައިވަނީ ނަމާދުކުރާ މިންވަރުގެ މައްޗަށެވެ. 

އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް ނަމާދުނުކުރާ މީހަކު ދެކެ ލޯބިނުވާށެވެ! ނަމާދުނުކުރާނަމަ އެކަމުން އަންގައިދެނީ އެމީހާގެ ހިތުގައި ﷲ ތަޢާލާއަށް އެއްވެސް ލޯތްބެއް ނެތްކަމެވެ. އާޚިރަތް ދުވަހާއިމެދު ހިތުގައި ބިރުވެރިކަމެއް ނެތްކަމެވެ. ﷲ ތަޢާލާ ދެކެ ލޯބިނުވާ، އާޚިރަތް ދުވަހަށް ބިރުވެތިނުވާ މީހަކު އެހެން އިންސާނަކުދެކެ ލޯބިވާނެ ކަމަށް ޤަބޫލުކުރުމަކީވެސް އެމީހަކަށް ކުރެވޭނެ އެންމެ ބޮޑުކުށެވެ. އެފަދަ މީހަކަށް އިތުބާރުކުރުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު މޮޔަކަންތަކެވެ. 

އަންހެނަކު އޭނާގެ ފިރިމީހާ އާއި ވަކިވުމަށްފަހު ބުނެފައިވެއެވެ. "އަހަރެން އޭނާގެ ކިބައިން ވަކިވީ ފަރުޟު 5 ނަމާދު ފުރިހަމައަށް އަދާނުކުރާތީއެވެ. ރަވާތިބު ސުންނަތާއި ވިތުރި އާއި ތަރާވީހް ނަމާދު ފަދަ ކޮންމެހެން ކުރަންޖެހޭ ސުންނަތް ނަމާދުތައް ކުރަން އާދޭސްކޮށްކޮށް ވަރުބަލިވިއިރުވެސް ނުކުރުމުންނެވެ." 

އެފަދަ ޙާލަތުގައި އެފަދަ މީހަކާއިއެކު ދިރިއުޅެން މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއްނެތެވެ! އެހެނީ އެމީހާއަކީ ތިބާގެ އަތުގައި ހިފައިގެން ތިބާ ގޮވައިގެން ސުވަރުގެ ދިއުމަށް ޝައުޤުވެރިނުވާ މީހަކަށްވާތީއެވެ. ކިތަންމެ ދަތިޙާލުގައި ފުދުންތެރިކަމެއްނެތި ވެސް ދިރިއުޅެން މަސައްކަތްކުރަންވީ ތިމާގެ އަތުގައި ހިފައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރާ މީހަކާއިއެކުގައެވެ. 

ޒަވާޖީ ޙަޔާތުގައި މިއަދު ގިނަ މައްސަލަތަކެއް ކުރިމަތިވެ ކައިވެނިތައް ރޫޅެމުން މިދަނީ ކައިވެނީގެ ކުރިން ބަލަން ކޮންމެހެން ޖެހޭ ކަންކަމަށް އެއްވެސް ވަރަކަށް ނުބަލައި ކައިވެނިކުރެވޭތީއެވެ. އަދި ހަމަ އެހެންމެ ކައިވެނީގެ ފަހުންވެސް ކޮންމެހެން ސަމާލުކަން ދޭންޖެހޭ ކަންކަމަށް ސަމާލުކަން ނުދެވޭތީއެވެ. މިދެ ކަންތަކަށް ސަމާލުކަންދީފިނަމަ އެމީހަކަށް ދުނިޔެއާއި އާޚިރަތްވެސް ކާމިޔާބުކުރެވޭނެއެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން