ކިތަންމެ ފަޤީރަސް ﷲ އަށް ބިރުވެތިވުމުން ތަނަވަސްކަމާ ފުރިހަމަ ބައިވެރިއަކު ލިބިދާނެކަން ޔަޤިންކޮށްލެވޭނެ ޢިބްރަތްތެރި ހާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 9ސ
ކިތަންމެ ފަޤީރަސް ﷲ އަށް ބިރުވެތިވުމުން ތަނަވަސްކަމާ ފުރިހަމަ ބައިވެރިއަކު ލިބިދާނެކަން ޔަޤިންކޮށްލެވޭނެ ޢިބްރަތްތެރި ހާދިސާއެއްގެ ވާހަކަ-

"އަޅުގަނޑު މަސައްކަތްކުރަނީ ވަރަށް ގިނަ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ޚިދުމަތްދޭންޖެހޭ ވަޒީފާއެއްގައެވެ. ޚިދުމަތް ހޯދަން އަންނަ ވަރަށް ރީތި ކުދިންނާއި ބައްދަލުވެއެވެ. އެކަމަކު އިސް ތިރިކުރަންޖެހޭތީ ރަނގަޅަށް ބަލައިލަންވެސް ނުކެރެއެވެ. މިޙާލަތުގައިވެސް ހަމަ އޮތީ އިސް ތިރިކޮށްގެން ހުރުންތޯއެވެ؟"

ޒުވާނާއެވެ! ވަޒީފާގެ ގޮތުން ކޮންމެހެން ބަލަންޖެހޭ ވަރަށްވުރެ ބޮޑަށް ނުބަލާށެވެ! ނުބަލަން އަންގަވާފައިވަނީ ތިބާއަށް އެންމެ ފުރިހަމަ ބައިވެރިޔާ ދެއްވެވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ޙަޤީޤީ ފައިދާކުރާނީ އެކަލާނގެ އެންގެވިގޮތަށް ޢަމަލުކުރުމުންނެވެ.

ތިރީގައިއެވާ ކައިވެނީގެ ވާހަކަ ނިކަން ކިޔައިލަބަލާށެވެ! ހިތްވަރުލިބޭނެއެވެ. އިން ޝާ ﷲ

ﷲ ތަޢާލާޢަށް ފުރިހަމަ ގޮތުގައި ބިރުވެތިވާނަމަ އެކަމުގެ ފައިދާ އާޚިރަތްދުވަހުގެ އިތުރުން މިދުނިޔޭގައިވެސް ދަނީ ޙާޞިލުކުރެވެމުންނެވެ. އެކަމުގެ ހެކިތައް ދުނިޔޭގެ ކަންކޮޅުތަކުން އަބަދުވެސް ދަނީ ފެންނަމުންނެވެ. ނުފެނިގެން އުޅެނީ ދެލޮލަށް ފެނުން ދެއްވެވުމުންވެސް އަމިއްލައަށް ކަނުވެގަނެގެން އުޅޭ މީހުންނަށެވެ. 

މިކިޔައިދެނީ މީގެ ދެތިން އަހަރުކުރިން މިޞުރުގައި ހިނގައިދިއަ ކަމެއްގެވާހަކައެވެ. ގިނަ ބައެއްގެ ސަމާލުކަން އަމާޒުވި ޢިބްރަތުން ފުރިގެންވާ ކައިވެންޏެއްގެ ވާހަކައެކެވެ. ފިސާރި ރަނގަޅަށް ސަމާލުކަން ދީގެން ކަނުލައި އަޑުއަހާށެވެ! 

އެއީ ވަރަށް ފަޤީރު ޒުވާނެކެވެ. ދިރިއުޅެން ކުރާ މަސައްކަތަކީ ފިހާރައަކަށްދާ މީހުންނަށް ކަންކަން ފަސޭހަކޮށްދިނުމެވެ. ޒުވާނާ މަސައްކަތްކުރާ ފިހާރައަކީ ވަރަށް ގިނަ އަންހެން ކުދިންވެސް ބާޒާރުކުރަން ގޮސްއުޅޭ ފިހާރައަކަށްވުމުން ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ އަންހެން ކުދިންނާއި މުޢާމަލާތުކުރަން ޒުވާނާއަށް ޖެހެއެވެ. 

ފިހާރައަށް ގޮސް އުޅޭ ބައެއް މުއްސަނދި އަންހެން ކުދިން ޒުވާނާގެ އަޚްލާޤަށް ބަލައި ކޮފީއަށް، ކެއުމަށްދާންވެސް ދައުވަތުދެއެވެ. ނަމަވެސް ޒުވާނާ ކޮންމެވެސް ބަހަނާއެއް ދައްކާފައި އެކަންކަމުން ސަލާމަތްވެއެވެ. 

ދުވަސްކޮޅެއްވީތަނާ އެކަމުގެ ސަބަބުން ޒުވާނާއަށް އުނދަގޫތަކެއް ވާން ފެށިއެވެ. ހަޤީޤަތަކީ އުމުރުގެ ގޮތުން އޭނާވެސް ކައިވެންޏެއް ކުރަން ބޭނުންވުމެވެ. ނަމަވެސް ލިބޭ މުސާރަ ކުޑަކަމާއި އަނބިމީހާ ގޮވައިގެން ދިރިއުޅޭނެ ތަނެއްވެސް ނެތުމުން ކައިވެންޏެއް ކުރެވޭކަށްވެސް ނެތުމެވެ. 

ކެތްތެރިވެވޭވަރަށްވުރެ މިކަންކަން ބޮޑުވުމުން އިމާމަކާއި ބައްދަލުކޮށް އޭނާގެ ހާލުގެ ވާހަކަ ކިޔައިދިނެވެ. އިމާމް ދެއްވީ ވަރަށް ކުރު ޖަވާބެކެވެ. "ﷲ ތަޢާލާއަށް ބިރުވެތިވާށެވެ." އިތުރު ތަފްޞީލެއް ނުދެއްވުމުން ސުވާލުކުރުމުން ވެސް ދެއްވީ ހަމަ އެ ޖަވާބެވެ. 

ޒުވާނާއަށް ކަންތައްތަކެއް ވިސްނުނެވެ. ކެތްތެރިކަން އިތުރުކުރަން އިތުރަށް މަސައްކަތްކުރަން ފެށިއެވެ. މަސައްކަތުގައި އިތުރަށް ފަރުވާތެރިވާން ފެށިއެވެ. ބެލުންތައް ތރިރިކުރިއެވެ. މުޢާމަލާތުކުރުމުގައި ހަރުދަނާކަން އިތުރުކޮށް ތެދުވެރިކަން އެންމެ ކުރިއަށް ނެރުނެވެ. ކިތަންމެ ބުރަކޮށް އުޅެން ޖެހުނު ނަމަވެސް ފަރުޟު ނަމާދުތަކަށް ސަމާލުކަން އިތުރުކުރިއެވެ. 

އޭނާގެ މިބަދަލާއިއެކު ފިހާރައަށް ކަސްޓަމަރުން އިތުރުވާން ފެށިއެވެ. އެހެން ފިހާރަތަކުގެ މުވައްޒިފުން ފަދައިން ކަސްޓަމަރުންނަށް ކަޅި ނުއަޅާތީ އާއި ވިޔަފާރިކުރުމުގައި އެހީތެރިކަން އިތުރުވުމާއި މުދަލުގެ ހަޤީޤަތްވެސް ފޮރުވުމެއް ނެތި ކިޔައިދޭތީ ކަސްޓަމަރުންގެ އިތުބާރު ބޮޑުވެގެންދިއުމުންނެވެ. 

ދުވަސްކޮޅެއްފަހުން ފިހާރައިގެ ވެރިމީހާ ގެއެއް އަޅަން ފެށިއެވެ. ގެއެޅުމުގެ މަސައްކަތް ޙަވާލުކުރީ ފިހާރައިގައި ވަޒީފާއަދާކުރާ ޒުވާނާ އާއިއެވެ. ޒުވާނާ ގާތު ބުނީ ވެރިމީހާގެ އަންހެން ދަރިފުޅު ބޭނުންވާ ގޮތަށް ގޭގެ މަސައްކަތްތައްކޮށް ނިންމުމަށެވެ. އަދި ދަރިފުޅުގާތު ބުނީ ޒުވާނާގެ ވިސްނުން ވަރަށް ރަނގަޅުވާނެ ކަމަށާއި  ދެކުދިން މަޝްވަރާކޮށްގެން ދެކުދިންނަށް ކަމުދާ ގޮތަކަށް ގޭގެ ހުރިހާކަމެއް ނިންމައި ފަރުނީޗަރުވެސް ވެއްދުމަށެވެ.   

ދެކުދިންކުރެ ކުއްޖަކަށް އޭނާ ކުރަން އުޅެނީ ކޮންކަމެއްކަން ނުއަންގައެވެ. ވެރިމީހާ ގެންދިއައީ ދެ ދުވަހު ދެކުދިންނާއި ވާހަކަ ދައްކައި ކަންކަން ކުރިއަށްދަނީ ދެކުދިން މަޝްވަރާކޮށްގެންކަން ޔަޤީންކުރަމުންނެވެ. 

ގެއަޅައި ހުރިހާ ކަމެއް ނިމުމުން ދެ ކުދިންގެ ޚިޔާލާއި އެއްގޮތަށް ފަރުނީޗަރުވެސް ވައްދައި ހުރިހާ ކަމެއް ތަރުތީބުކުރުމަށްފަހު އެއް ދުވަހަކު ގެ ހުޅުވުމުގެ ނަމުގައި ބޮޑު ރަސްމިއްޔާތެއް ބޭއްވިއެވެ. އެ ރަސްމިއްޔާތުވެގެންދިއައީ ހުރިހާ ކަމެއް ވެނިމުނު ރަސްމިއްޔާތަށެވެ. ފިހާރައިގައި ވަޒީފާ އަދާކުރާ ޒުވާނާ އާއި ވެރިމީހާގެ ދަރިފުޅާއި ކައިވެނި ކުރެވި ގެވެސް ދެކުދިންނާއި ހަވާލުކުރުމުގެ ރަސްމިއްޔާތަށް ވެގެން ދިއައީ އެވެ. 

ކަންދިމާވި ގޮތުން ކައިވެނިކޮށްދޭން ގެނެސްފައި ހުރި ޝައިޚަކީ މީގެ 2 އަހަރު ކުރިން ޒުވާނާ ލަފާ ހޯދަން ދިއަ ޝައިޚެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމަށް ނަޞޭޙަތްތެރިވި ޝައިޚެވެ. ޒުވާނާ ހޭލުންތެރިކުރުވި ޝައިޚެވެ. 

ކައިވެންޏަށްފަހު ޒުވާނާ ޝައިޚާއި ސުވާލުކުރިއެވެ. އޭނާ އެއިގެ 2 އަހަރުކުރިން ޝައިޚާއި ބައްދަލުކުރި ހަނދާން ޝައިޚް އެބަހުރިތޯއެވެ. ކުޑަކޮށް މަޑުކޮށްލެއްވުމަށްފަހު ޖަވާބުގައި ޝައިޚް ވިދާޅުވީ ވަރަށް ރަނގަޅަށް ހަނދުމަފުޅު އެބަހުރި ކަމަށެވެ. ތިއައީ ކައިވެންޏެއް ކުރަން ބޭނުން ކަމަށާއި ނަމަވެސް ކައިވެނި ކުރެވޭނެ ފެންވަރު ނެތުމުން ހަދަންވީ ގޮތުގެ ލަފާ ހޯދި ޒުވާނާ ނޫންހެއްޔެވެ؟ ޖަވާބުގައި ޒުވާނާ އާނއެކެވެ. ބުނުމުން ޝައިޚް އެދުވަހުވެސް ވިދާޅުވީ ﷲ ތަޢާލާއަށް ބިރުވެތިވުމަށެވެ. އަދި ކުރިއަށްވުރެ ބޮޑަށް ބިރުވެތިވުމަށެވެ. ﷲ ތަޢާލާ ނިޢްމަތެއް މިންވަރުފުޅު ކުރައްވަވައިފި ނަމަ އޮތީ ޝުކުރުވެރިވުން ކަމަށާއި ޝުކުރުވެރިވުމަކީ ﷲ ތަޢާލާއަށް ބިރުވެތިވުން އިތުރުކުރުން ކަމަށެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

މިއަދު އޮންލައިން