ހަރާމް ހަލާލް ވަކިނުވާ، ޙަރާމް ކަންކަން ކުރުމަކީ ފާފައެއް ކަމަކަށް ޤަބޫލުނުކުރެވޭ، ދުލުން ބުނި ނަމަވެސް އަމަލުން ﷲ އަށް ބިރުވެތިނުވާ ޙާލަތަށް މީހާދާ ސަބަބު: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 2ސ
ހަރާމް ހަލާލް ވަކިނުވާ، ޙަރާމް ކަންކަން ކުރުމަކީ ފާފައެއް ކަމަކަށް ޤަބޫލުނުކުރެވޭ، ދުލުން ބުނި ނަމަވެސް އަމަލުން ﷲ އަށް ބިރުވެތިނުވާ ޙާލަތަށް މީހާދާ ސަބަބު: މުފްތީ މެންކް

ﷲ ތަޢާލާ އަހަރެމެންނަށް ސިކުނޑި ދެއްވެވީ ވިސްނުމަށެވެ. ފިކުރުކުރުމަށެވެ. ކުރަން ބޭނުންހައި ކަންކަން އޯކޭކުރާކަށް ނޫނެވެ. އޯކޭވާނީ ހަމައެކަނި ﷲ ތަޢާލާ އޯކޭ ކުރައްވަވާފައިވާ ކަންކަމެވެ. ވީމާ މިދައްކާ ވާހަކައަށް ފުންކޮށް ވިސްނާށެވެ! ވާހަކަ ފަށަމުން ފުރަތަމަވެސް މިބަޔާންކުރަނީ މިސާލެކެވެ. ކޮންމެ މީހެއްގެ ވިސްނުމަށްވެސް ނަގައިހަނެވޭނެވަރުގެ ތިލަ މިޘާލެކެވެ.

ތިބާގެ ސީޕީޔޫ އަކީ އެޗްޕީ ސީޕީޔޫއެކެވެ. ނަމަވެސް އެތެރޭގެ ބައިތައް ބަދަލުވަމުންގޮސް މިހާރު އެތެރޭގައި ހުރީ މުޅިންވެސް އެންއީސީގެ އުފެއްދުންތަކެވެ. ހާޑް، މަދަބޯޑް މިހެންގޮސް ހުރިހާ އެއްޗެއް އެންއީސީވީމާ ތިބާގެ ސީޕީޔޫގެ މައްޗަށް ހިނގާނީ އެޗްޕީގެބާރުހެއްޔެވެ؟ ނޫންނަމަ އެންއީސީގެ ބާރުހެއްޔެވެ؟ 

ތިބާގެ ބޮލުގައި އިނީ ތިބާއަށް ﷲ ތަޢާލާ ދެއްވެވި ސިކުނޑިއެވެ. ނަމަވެސް ތިބާގެ ސކުނޑީގެ ސެލްތަކަކީ ޝައިޠޯނާގެ ސެލްތަކަކަށްވެއްޖެ ނަމަ ތިބާގެ ސިކުނޑީގެ މައްޗަށް ތިބާއަށް އޮންނާނީ ކޮންބާރެއް ހެއްޔެވެ؟ ސިކުނޑީގެ މުޅި ކޮންޓްރޯލް ނަގާނީ ޝައިޠޯނާ ނޫންހެއްޔެވެ؟ 

ރިބާ ކައިއުޅޭ މީހުންގެ ސިކުނޑީގައި ހުންނާނީ ޝައިޠާނާގެ ސެލްތަކެވެ. އެހެނީ އެ ސެލްތައް އުފެދުނީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ރިބާ ކައިގެން ކަމަށްވާތީއެވެ. ސިކުނޑީގައި ޝައިޠާނާގެ ސެލްތައް އުފެދޭ ހިސާބުން ހަރާމް ހަލާލް ވަތްކެއް ނުކުރެވޭނެއެވެ. ޙަރާމް ކަންކަން ކުރުމަކީ ފާފައެއް ކަމަކަށް ޤަބޫލެއް ނުކުރެވޭނެއެވެ. ޤަބޫލުކުރާ ކަމަށް އެމީހަކު ދުލުން ބުނި ނަމަވެސް އެމީހާގެ އަމަލުން އެކަންކަމެއް ނުފެންނާނެއެވެ. 

އެހެނީ ޙަރާމް ކަންކަން އެމީހަކަށް ފެންނާނީ ވަރަށް ކުދިކުދި ކަންކަމުގެ ގޮތުގައެވެ. ނަތީޖާއަކީ ޙަރާމް ކަންކަން ކުރަނެ ބިރު ނުގަތުމެވެ. ޖެހިލުން ނުވުމެވެ. އެފަދަ މީހުންނަށް ފާފަ ކުރުމުން ދެއްވަވާނެ ގަދަފަދަ ޢަޛާބުގެ ބޮޑުކަން ވަޒަން ވެސް ނުކުރެވޭނެއެވެ. ހިތަށް އަރާނީ މިކުރެވޭ ފާފައަކީ އެހައި ބޮޑުކަމެއް ނޫނެވެ. ފަހުން ތައުބާ ވެލުމުން ހުރިހާ ކަމެއް ފޮހެވިގެންދާނެއެވެ. 

މިހިސާބަށް ކަންކަން ދާއިރަށް އެމީހަކު ދޫކޮށްލާފައި ޝައިޠާނާ ދުރަށް ދާނެއެވެ. އެއީ ޝައިޠާނާ ކޮންމެހެން އެމީހަކާއި އަޅައި ނުލި ނަމަވެސް ޕްރޮގްރާމްކޮށްފައިވާ ރޮބޮޓެއް ފަދައިން އެމީހަކު ފާފަކުރުމުގައި ދެމިހުންނާނެތީއެވެ. ޒިނޭ ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ބަނގުރާ ބުއިމާއި މިނޫންވެސް ބޮޑެތި ފާފަތައް އެމީހަކަށް ފެންނާނީ ވަރަށް އާދައިގެ ކަންކަމުގެ ގޮތުގައެވެ. ވީމާ އެފަދަ ފާފަތަކަށް އަރައިގަންނަން އެފަދަ މީހަކު އެއްވެސް ވަރަކަށް ޖެހިލުމެއް ނުވާނެއެވެ. 

ރިބާގެ ވާހަކައިން މިފެށީ މުހިންމު ސަބަބެއް އޮތުމުންނެވެ. ދުނިޔޭގެ ތަނަވަސްކަމަށް ދަހިވެތިކަން ބޮޑުވުމުން ރިބާއަށް ޖެހިލުންވާ މީހުން މަދުވަމުންދާތީއެވެ. ކޮންމެ ގޮތަކުން ނަމަވެސް ފައިސާ ހޯދައިގެން ތަނަވަސްކަން ބޭނުންވާ މީހުން ގިނަވަމުންދާތީއެވެ. ރިބާ ކެއުމަކީ ކިހައިވަރެއްގެ ބޮޑު ފާފައެއް ކަމާއިމެދު ވިސްނައި ބިރުވެތި ނުވާ މީހުން ގިނަވަމުންދާތީއެވެ. 

ވައްކަންކޮށްގެން ނަމަވެސް ފަސާދައިން ނަމަވެސް ނަޒާހަތްތެރި ނޫން ގޮތްގޮތުން ތަކެތި ހޯދައިގެން ބޭނުންކުރާ އެންމެންނަށް ވެސް މެދުވެރިވާނީ ހަމަ މިފަދަ ގޮތްތަކެވެ. އެމީހެއްގެ ހަށިގަނޑުގެ ތެރެއަށް ހަރާމް ތަކެތި ވައްދާ ކޮންމެ މީހެއްގެ ހަށިގަނޑުގައިވެސް އެފެދޭނީ ހަމަ ޝައިޠާނާގެ ސެލްތަކެވެ. އިންސާނާގެ ހަށިގަނޑުގެ ހުރިހާ ކަމެއް ކޮންޓްރޯލް ކުރަނީ ހިތާއި ސިކުނޑިއެވެ. ވީމާ ޝައިޠާނާގެ ސެލްތަކުން ހިތާއި ސިކުނޑި ފުރި އެ ސެލްތަކުގެ ބާރު ހަށިގަނޑަށް ހިނގަން ފެށުމުން އެމީހެއްގެ އަމަލުތައް ހުންނާނީ ޝައިޠާނާގެ މަގުގައެވެ. 

ވީމާ ކިތަންމެ ދަތި ޙާލެއްގައި އުޅެންޖެހުނު ނަމަވެސް، ކިތަންމެ ގިނަ ބޭނުންތަކެއް ނުފުދި ހުރި ނަމަވެސް ޙަރާމް ތަކެތި ބޭނުން ނުކުރާށެވެ. އަބިދަރިންނަށްވެސް ކާން، ބޯން ނުދޭށެވެ. އެއީ ވަރަށް ބިރުހުރި ކަމެކެވެ. 

- މުފްތީ މެންކުގެ ދަރުސަކުން  

 

މިއަދު އޮންލައިން