ތިމާ އެދޭ ކަންކަމުގެ ތެރެއިން ނުވެ ހުންނަ ކަންކަމުގެ ޙިސާބު ބަލާފަދައިން ﷲ އަށްޓަކާ ކުރަންޖެހޭ އެކަމަކު ނުކުރެވިހުންނަ ކަންކަމުގެ ހިސާބު ބަލާމީހާ ހުންނާނީ އުފަލުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ތިމާ އެދޭ ކަންކަމުގެ ތެރެއިން ނުވެ ހުންނަ ކަންކަމުގެ ޙިސާބު ބަލާފަދައިން ﷲ އަށްޓަކާ ކުރަންޖެހޭ އެކަމަކު ނުކުރެވިހުންނަ ކަންކަމުގެ ހިސާބު ބަލާމީހާ ހުންނާނީ އުފަލުން!

ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ އަޅުކަން ކުރެވޭނަމަ އޭނާއަށް އެވަނީ ﷲ ތަޢާލާއަށްޓަކައި އަދާކުރަންޖެހޭ ހުރިހާ ހައްޤުތަކެއް އަދާކުރެވި ނިމިފައި ކަމަށެވެ. ނަމަވެސް މިއީ ވަރަށް ނުބައި ވިސްނުމެކެވެ. ރެއާއި ދުވާލު އަހަރެމެން އަޅުކަން ކުރި ނަމަވެސް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތަކަށް ޝުކުރުވެރި ވެވޭނެ ހަމަ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އެއަށްވުރެ މާ ގިނަ ނިޢްމަތްތައް ކޮންމެ ދުވަހަކު ﷲ ތަޢަލާ ދެއްވަވައެވެ. 

ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކާއިމެދު ވިސްނައި ޝުކުރުވެރިވެވެނީ ވަރަށް މަދު މީހަކަށެވެ. ގިނަ ބައަކަށް އަބަދުވެސް ބެލެނީ އެމީހާއަށް ކުރެވޭ ހެޔޮ ކަންކަމުގެއެވެ. އެގޮތަށް ހިސާބު ޖެހުމަކީ މީހާއަށް މަގު އޮޅިގެން ހިނގައިދާނެ ކަމެކެވެ. ޣާފިލުވެވިގެން ހިނގައިދާނެ ކަމެކެވެ. 

ފަރުޟު ނަމާދުތައްކޮށް ރޯދަ ހިފައި އަދި ހުރިހާ ފަރުޟްތަކެއް އަދާކުރެވޭނަމަ އެއީ ވަރަށް ރަނގަޅުކަމެކެވެ. އެފަދަ މީހުންނަކީ ﷲ ތައާލާގެ އަމުރުފުޅުތަކަށް ފުރިހަމައަށް އަމަލުކުރަން މަސައްކަތްކުރާ މީހުންނެވެ. ސުވަރުގެ ހޯދަން ގަދައަޅައި މަސައްކަތްކުރާ މީހުންނެވެ. 

މިފަދަ މީހުންވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް އެބަ އޮވެއެވެ. އެއީ ކަންކަން ކުރެވުނު ގޮތެވެ. އެހެނީ ހުރިހާ ކަމެއް ފުރިހަމައަށް ކުރުމަކީ އިންސާނުންނަށް ކުރެވޭނެ ކަމަކަށް ނުވާތީއެވެ. މިސާލަކަށް ނަމާދު ކުރި ނަމަވެސް އެނަމާދު ކުރެވުނީ އެންމެ ފުރިހަމަ ގޮތުގައިކަން ޔަޤީން ނުކުރެވޭނެތީއެވެ. 

މިފަދަ ހުރިހާ ކަންކަން މިހެން ހުރި ނަމަވެސް ﷲ ތައާލާ އަހަރެމެންނަށް ދެއްވަވާ ނިޢްމަތްތައް ދެއްވަވައެވެ. ރިޒްޤް ދެއްވަވައެވެ. މުދައު ދެއްވަވައެވެ. އަނބިން، ފިރިން ދަރިން ދެއްވަވައެވެ. ބަލިވުމުން ޝިފާ ދެއްވަވައެވެ. ދެލޮލަށް ފެނުމާއި ކަންފަތަށް އަޑުއިވުމާއި މިހެން ގޮސް ހުރިހާ ނިޢްމަތްތަކެއް މިންވަރު ކުރައްވަވައެވެ. 

މިކަމުގައި ބަލަން ޖެހޭނީ ޞަހާބީން ޢަމަލު ކުރެއްވެވި ގޮތަށެވެ. ރެއާއި ދުވާލު އަޅުކަމުގައި އުޅުއްވެވި އިރުވެސް އަބަދުވެސް އުޅުއްވެވީ ކުރެއްވޭ އަޅުކަން މަދުވެގެންނެވެ. އަބަދުވެސް ތިއްބެވީ ކުރެއްވެވި އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވައިފާނެ ކަމުގެ ބިރަށް ވިރިވިރއެވެ. ވީމާ އަހަރެމެން މިއަދު އެފަދަ ހިސާބުތައް ޖަހައި ނިންމައިލާނީ ކިހިނަކުން ހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަޅުކަން ކުރުން ގިނަ ކުރާށެވެ! އަދި ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ފެންވަރުގައި އަޅުކަން ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ޞަޙާބީން ކޮޕީކުރަން މަސައްކަތްކުރާށެވެ! 

އަހަރެމެން ކުރަން ބޭނުން ކަންކަމުގެ ތެރެއިން ޙާޞިލުނުކުރެވި ހުންނަ ކަންކަމާއިމެދު ކޮންމެ ރެއަކާއި ދުވާލެއްގެތެރޭގައި އެތައްފަހަރަކު ވިސްނަމުއެވެ. ކިތަންމެ ކުޑަކަމެއް ޙާޞިލުނުކުރެވި އޮތްނަމަވެސް އެކަމާއިމެދު އިންތިހާއަށް ކަންބޮޑުވަމުއެވެ. އެކަމުގެ ވާހަކަތައް ދައްކަމުއެވެ. 

ސުވާލަކީ ދުވާލަކު އެއްފަހަރު ނުކުރެވޭނަމަ، ހަފްތާއަކު އެއްފަހަރު، ހަފްތާއަކު އެއްފަހަރު ނުކުރެވޭނަމަ މަހަކު އެއްފަހަރު، މަހަކު އެއްފަހަރު ނުކުރެވޭނަމަ އަހަރަކު އެއްފަހަރު ނަމަވެސް ތިބާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތަކާއިމެދު ވިސްނައިލެވޭހެއްޔެވެ؟ އެ ނިޢްމަތްތަކަށް ޝުކުރުވެރިވެ އެކަމުގެ ވާހަކަ ދައްކަމުހެއްޔެވެ؟ ﷲ ތަޢާލާއަށް ޙަމްދުކުރަމުހެއްޔެވެ؟ 

ފުރިހަމަ މުއުމިނަކު ނަމަ މިދެބައި ކުރިއަށް ގެންދާނީ އެކުއެކުގައެވެ. ބޮޑަށް އިސްކަންދޭނީ ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވުމަށެވެ! އެހެނީ ޝުކުރުވެރިވާއަޅުންނަށް ނިޢްމަތްތައް އިތުރުކުރައްވަވާނެކަން އެއީ ﷲ ތަޢާލާގެ ވަޢުދުފުޅެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން