ޒަވާޖީ ޙަޔާތަކީ އުފާވެރި ދިރިއުޅުމަކަށް ހަދަން ސަމާލުކަންދޭންޖެހޭ 2 ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޒަވާޖީ ޙަޔާތަކީ އުފާވެރި ދިރިއުޅުމަކަށް ހަދަން ސަމާލުކަންދޭންޖެހޭ 2 ކަމެއް-

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ދިރިއުޅުމުގައި ކުރިމަތިވާ ނުބައި ހުރިހާ ކަމަކަށްވެސް ޚާއްޞަކޮށް ކައިވެނި ރޫޅުމަށްވެސް އެންމެ ބޮޑަށް މަގުފަހިވެގެންދާ އެއްކަމަކީ ޝައިޠޯނާ އުފައްދާ ފިތުނައިގެ ސަބަބުން ރުޅި އިސްކުރެވޭކަމެވެ. އެރުޅީގެ ސަބަބުން ކަންކަމުގެ ހަޤީޤަތްވެސް ނުބަލައި އަމަލުތައް ކުރެވޭކަމެވެ. 

ވީމާ ފުރަތަމަ ކަމަކަށް ރުޅިއައުދެވޭހިނދު އަޢޫޛްކިޔަން އާދަކުރާށެވެ! އަޢޫޛްކިޔުމަކީ ޝައިޠޯނާގެ ފިތުނައާއި ނުބައިކަމުން ތިމާ ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވޭ އާދޭހެކެވެ. ވީމާ އެއާދޭސް ދެންނެވުމުގައި ސާބިތުވާށެވެ! ހިތުގެ އެންމެ އަޑިން އާދޭސް ދަންނަވާށެވެ! 

ދެވަނަކަމަކަށް އަބަދުވެސް ބައިވެރިޔާގެ ރަނގަޅުސިފަތަކުގެ އަގުވަޒަންކުރާ މީހަކަށްވާށެވެ! ކޮންމެ މީހެއްގެ ކިބައިގައިވެސް އުނި ސިފަތައް ހުންނާނެއެވެ. ރަނގަޅު ސިފަތައްވެސް ހުންނާނެއެވެ. މިނެކިރައިލާށެވެ. އިންޞާފުވެރިކަމާއިއެކު ބަލައިފިނަމަ ގިނަ މީހުންގެ ކިބައިގައި ގިނަވާނީ ރަނގަޅު ސިފަތަކެވެ.  

ނިންމާލަމުން ބުނަމެވެ! ކޮންމެ ދެމަފިރިއަކު ވަރިކުރުވަންވެސް ޝައިޠޯނާ މަސައްކަތްކުރުން ހުއްޓައިނުލާނެކަން އަހަރެމެންނަށް އެބަ އެނގެއެވެ. ވީމާ ކުރަންވީ ކަމަކީ ޝައިޠޯނާ އެ މަސައްކަތްކުރުން ހުއްޓައިނުލާނެކަން ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނައްތައިނުލުމެވެ. ހަމަ އެއާއިއެކު ﷲ ތަޢާލާގެ ރަޙްމަތަށް އެދި މެދުނުކެނޑި ދުޢާކުރަމުން ގެންދާށެވެ! 

ދެމީހުން ދުރުވެދާނެ އެއްވެސްކަމެއް މެދުވެރިނުވުމަށް އެދިގެންނާއި ދުވަހެއް ދުވަހަކަށް ހިތުގައި ލޯބި އިތުރުވުން އެދި ދުޢާކުރަމުން ގެންދާށެވެ! ޝައިޠޯނާގެ ފިތުނައިން ސަލާމަތްކުރައްވަވައި ދެއްވެވުން އެދިވެސް ގިނަގިނައިން ދުޢާކުރާށެވެ! 

- ޝައިޚް ޢަބްދުލަމްޖީދު މަޙްމޫދުގެ ދަރުސަކުން

 

މިއަދު އޮންލައިން