ދުޢާކުރުމުގަ ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ދުޢާކުރުމުގަ ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-

ދުޢާއެވެ ބުނުމުން އެއިގެ މާނައަކީ އެއްވެސް މެދުވެރިއަކާއިނުލައި ތިމާ ﷲ ތަޢާލާއަށް ދަންނަވާ ދެންނެވުމެކެވެ. އެގޮތަށް ދެންނެވުމަށް މިކިޔަނީ ދުޢާކުރުމެވެ. ވީމާ ދުޢާކުރާއިރު ތިމާއަށް އެންމެ ފައިދާހުރި ގޮތަށް ދުޢާކުރަން ސަމާލުކަންދޭންޖެހޭނެއެވެ. 

އެއްވެސް މީހަކީ އެމީހާގެ ގައިގައި ވޭންއަޅަން ބޭނުންވާނެ މީހެއްނޫނެވެ. ނަމަވެސް ގައިގައި އަޅާ ކޮންމެ ވޭނަކީ ރަޙްމަތެކެވެ. ޞާލިޙް އަޅުންގެ ގައިގައި ވޭންއަޅާނަމަ އެކަމުގެ ސަބަބުން އޭނާގެ ފާފަތައް ފުއްސަވައި ދެއްވަވާތީއެވެ. ވޭން ނުއަލާނަމަ މި ރަޙްމަތްތަކެއް ނުލިބޭނެއެވެ. 

އެހެންވެ ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ގައިގައިވޭން އެޅުމުން އެވޭން ކުޑަކުރައްވަވައި ދެއްވެވުން އެދި ނުވަތަ ފިއްލަވައި ދެއްވެވުން އެދި ދުޢާކުރާނަމަ ދުޢާކުރަންވާނީ ވޭން ކުޑަކުރައްވަވައިދެއްވެވި ނަމަވެސް ވޭނުގެ ސަބަބުން ދެއްވަވަން އޮތް ރަޙްމަތް ކުޑަ ނުކުރެއްވެވުމަށް އެދުމާއިއެކުގައި ކަމަށެވެ. 

ހަމައެއާއިއެކު އެމީހާގެ މަޤާމް ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިކުރައްވަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރަންވާނެއެވެ. ސުވަރުގެ ދެއްވެވުން އެދި ދުޢާކުރާއިރު ސުވަރުގޭގެ އެންމެ މަތީ ދަރަޖަ، ޖަންނަތުލްފިރުދައުސް ދެއްވެވުން އެދި ދުޢާކުރަންވީ އެ ސަބަބަށްޓަކައެވެ. 

ސުވަރުގެއިން އަހަރެމެންނަށް ދަރަޖަލިބުންވަނީ އަހަރެމެންނަށް ކުރެވޭ ހެޔޮ އަމަލުތަކުގެ މައްޗަށެވެ. އަހަރެމެންގެ ކިބައިގައި ހުންނަ ތަޤްވާވެރިކަމުގެ މައްޗަށެވެ. އެހެންކަމާއިއެކު ދުޢާކުރަންވީ ޖަންނަތުލްފިރުދައުސް ދެއްވެވުން އެދިއެވެ. މަސައްކަތްކުރަންވީ އެންމެ ތަޤްވާވެރި، އެންމެ ގިނައިން ހެޔޮޢަމަލުކުރާ މީހަކު ކަމުގައިވުމަށެވެ. 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން