އެސްފީނާގެ ނުރައްކަލުން ސަލާމަތްވެ ހުންނަން އެދޭމީހާއަށް އެންމެ މުހިންމީ އަމިއްލައަށް ރައްކާތެރިކަން ހޯދުން- މިކިޔައިދެނީ އެކަމަށް ކުރެވެންހުރި ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
އެސްފީނާގެ ނުރައްކަލުން ސަލާމަތްވެ ހުންނަން އެދޭމީހާއަށް އެންމެ މުހިންމީ އަމިއްލައަށް ރައްކާތެރިކަން ހޯދުން- މިކިޔައިދެނީ އެކަމަށް ކުރެވެންހުރި ކަންކަން!

އެސްފީނާއަކީ ބައެއް މީހުން އަމިއްލައަށް ޖެހިގަންނަ އެއްޗެއް ކަމަށްވެސް ބައެއް މީހުން ބުނެފާނެއެވެ. އެހެން ބުނާ މީހުން އެހެން އެބުނަނީވެސް ސަބަބެއް އޮތުމުންނެވެ. މީސްތަކުންގެ ސަމާލުކަން ހޯދަން އަމިއްލައަށް ކަންކަން ކުރެވޭ ގޮތުން އެސްފީނާ ޖެހޭތީއެވެ. މީގެމާނައަކީ އެސްފީނާ ޖެހޭ ކޮންމެ މީހަކަށް އެކަން މެދުވެރިވަނީ އެމީހާގެ ސަބަބުންކަމަށް ބުނުމެއް ނޫނެވެ. ނަމަވެސް އެސްފީނާ ޖެހޭ މީހުންގެ ތެރޭގައި އަމިއްލަ އިހްމާލުން އެކަން މެދުވެރިވާ ބައަކު ހިމެނެއެވެ. ވީމާ މިދައްކަނީ ސަމާލުކަންދޭންޖެހޭނެ ކަންކަމުގެ ވާހަކައެވެ. 

ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ އެސްފީނާއަކީ މީހުންގެ ލޯތަކުން ޖައްސުވާ އެއްޗެއް ކަމަށެވެ. ނަމަވެސް އެސްފީނާގެ ޙަޤީޤަތް މުޅިން ތަފާތެވެ. އެސްފީނާ ލެވެނީ ލޮލަކުން ނޫނެވެ. އެއީ ހަސަދަވެރި ހިތްތަކުން ކުރާކަމެކެވެ. 

އެސްފީނާ ޖެހެނީ ޙަސަދަވެރިކަމުގެ ސަބަބުންނެވެ. ހަސަދަވެރިވުމަކީ ލޮލާއި ގުޅުންހުރި ކަމެއް ނޫނެވެ. ހަސަދަވެރިކަން ގުޅިފައިވަނީ ހިތާއިއެވެ. ހަސަދަވެރިކަން އުފެދެނީ ލޮލުގައެއް ނޫނެވެ. ހިތުގައެވެ. އެސްފީނާލާ މީހުން އެކުރާ ނުބައިކަންބޮޑު އަމަލު އެކުރަނީ އެމީހާ ﷲ ތަޢާލާއަށް ބިރުވެތިވެ ތަޤްވާވެރިވުމަށް ބޭނުންކުރަން ދެއްވެވި ގުނަވަނުންނެވެ. އެގުނަވަނެއް ޠޯހިރުކޮށް ހެޔޮގޮތުގައި ބޭނުން ކުރުމުން މެނުވީ ސުވަރުގެ ލިބެންނެތް ގުނަވަނުންނެވެ. އެސްފީނާލާ މީހުން އެ ނަޖިސްކުރަނީ އެންމެ ޠޯހިރުކޮށް ބާއްވަންޖެހޭ ގުނަވަނެވެ. 

މިސާލަކަށް ވަރަށް ރީތި މީހަކު ތަނެއްގައި ހުރި ނަމަ އެތަނުގައި ތިބި އެންމެންގެ ލޯތަކަށްވެސް އެމީހާ ފެންނާނެއެވެ. އެންމެންނަށް ފެނުނު ނަމަވެސް އެންމެން ހަސަދަވެރިއެއް ނުވެއެވެ. ވީމާ އެންމެން އެސްފީނާއެއް ނުލާނެއެވެ. އެސްފީނާލާނީ ހަސަދަވެރިހިތްތަކުގެ ވެރިންނެވެ. 

އެސްފީނާއިން ސަލާމަތްވުމަށް ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ ދެއްކުންތެރިކަމުން ސަލާމަތްވުމެވެ. މީސްތަކުންގެ ކުރިމައްޗަށް ނުކުންނައިރު އެކަމަށް ސަމާލުކަންދީގެން ހެދުންލުމާއި ގަހަނާއެޅުމެވެ. އެހެން މީހުންގެ ސަމާލުކަން ވީހައި ކުޑަވާނެ ގޮތަކަށް ހުރުމެވެ. އަދި މީސްތަކުންގެ ކުރިމަތީގައި ހަރުދަނާ އަޚްލާޤެއްގެވެރިއަކަށްވުމެވެ. 

ގަހަނާއަޅާށެވެ. ނަމަވެސް އެއީ ހިލޭ މީހުންނަށް ދެއްކުން ހުއްދަވެގެންވާ އެއްޗެއް ނޫނެވެ. ގަހަނާއަޅައި ޒީނަތްތެރިވާންވީ ފިރިމީހާއަށް ދެއްކުމަށެވެ. މަގުމަތީގައި ތިބޭ މީހުންނަށް ދައްކާކަށް ނޫނެވެ. އިސްލާމް ދީނުގައިވާ ގޮތަށް ފޭރާންލާނަމަ މިމައްސަލަ ޙައްލުކުރެވޭނެއެވެ. 

މީސްތަކުންގެ ކުރިމައްޗަށް ނުކުންނަނަމަ ނުކުންނަންވާނީ ކިޔަން ޖެހޭ ޛިކުރުތައް ކިޔައި އެސްފީނާއިން ސަލާމަތްވުމަށް މަސައްކަތްކުރުމަށްފަހުގައެެވެ. ހިތާމައަކީ މިކަންކަމަށް މިއަދު މީސްތަކުން ސަމާލުކަން ނުދޭކަމެވެ. 

ހަނދާންކުރާށެވެ! އެއްވެސް މީހަކަށް ހަސަދަވެރިވެ އެސްފީނާލުމަކީ ބޮޑުފާފައެކެވެ. އެސްފީނާލުމުގެ ސަބަބުން މީހަކަށް ލިބޭ ހުރިހާ ހިތާމައަކާއި ދެރައަކަށް އެސްފީނާލީ މީހާ ޤިޔާމަތް ދުވަހު ޒިންމާއުފުލަން ޖެހޭނެއެވެ. ބަދަލުދޭންޖެހޭނެއެވެ. ވީމާ ޤަޞްދަކާއި ނުލައި ނަމަވެސް މީހަކަށް ހަސަދަލެވިއްޖެނަމަ އެމީހާއަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާކުރަންވާނެ އެވެ. ތައުބާވާންވާނެއެވެ. ތިމާގެ ހިތުން ހަސަދަވެރިކަން ފިލުއްވަވައިދެއްވެވުން އެދި ދުޢާކުރަންވާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން