އުފާވެރި މަރެއްލިބި އާޚިރަތް ކާމިޔާބުވުން އޮތީ ދުނިޔޭގަ ހުރެ އެންމެ ބޮޑު ދަރަނި ﷲ އަށް ދޭން ކެރުނު މީހަކަށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
އުފާވެރި މަރެއްލިބި އާޚިރަތް ކާމިޔާބުވުން އޮތީ ދުނިޔޭގަ ހުރެ އެންމެ ބޮޑު ދަރަނި ﷲ އަށް ދޭން ކެރުނު މީހަކަށެވެ!: މުފްތީ މެންކް

އަހަރެމެންގެ ފޯނުތަކަށް މިއަދު ލިބޭ އެންމެ ހިތާމަވެރި މެސެޖަކީ އެންމެ ގާތް ކޮންމެވެސް މީހަކު ކުއްލި ގޮތަކަށް މަރުވި ކަމުގެ މެސެޖެކެވެ. ވިސްނަންވީ މާދަމާ އެހެން މީހުންގެ ފޯނުތަކަށް ދާނީ ތިމާ އެފަދަ ގޮތަކަށް ދުނިޔެ ދޫކުރިކަމުގެ މެސެޖުކަމަށްވެދާނެ ކަމާއިމެދުގައެވެ. 

ކޮންމެ މީހަކަށްވެސް އެންމެ މުހިންމު ކަމަކީ އާޚިރަތް ދުވަހަށް ތައްޔާރުވުމެވެ. އަހަރެމެން ހީކުރަނީ އަހަރެމެންނަށް އެކަމަށް ތައްޔާރުވެވޭ ކަމަށެވެ. ނަމަވެސް ޙަޤީޤަތުގައި އާޚިރަތް ދުވަހަށް ތައްޔާރުވެވެނީ ވަރަށް މަދު މީހަކަށެވެ! 

އާޚިރަތް ދުވަހަށް ތައްޔާރުވާން އެދޭމީހާ ކުރަން އޮތް ފުރަތަމަ ކަމަކީ ކީރިތި ޤުރްއާނުގައިވާ އެއްޗެއް އެނގުމެވެ. ދުނިޔޭގައި އެތައް ބައިވަރު އަހަރުތަކެއްވަންދެން ދިރިއުޅުމަސްފަހު މަރުވެ ކައްވަޅަށްދާއިރުވެސް ކީރިތި ޤުރްއާނުގައިވާ އެއްޗެއް ނުއެނގޭ މީހާ އެކަމަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ! އެހެނީ ކޮންމެ މީހެއްގެ މައްޗަށްވެސް އޮތް އެންމެ ބޮޑު އެއް ވާޖިބަކީ އެމީހާގެ ވެރި ރައްބު އަންގްވާފައިވާ އެންގުން އެނގުންކަމުގައިވާތީއެވެ. 

މީހުން ކީރިތި ޤުރްއާން ކިޔަވާތީ ތިމާވެސް ކިޔަވައިލުމަކުން އަދި ނުފުދޭނެއެވެ. އެންމެ މުހިންމު ކަމަކީ އެއިގައިވާ އެއްޗެއް އެމީހަކަށް ފުރިހަމައަށް އެނގުމެވެ. އެކަން ޙާޞިލުކުރެވޭނީ ކީރިތި ޤުރްއާނުގެ މާނަ އޮޅުންފިލައިގެންނެވެ. 

ކަންކުރަންއޮތީ މިފަދައިން ނަމަވެސް ގިނަ ބައަކަށް ކީރިތި ޤުރްއާނުގައިވާ އެއްޗެއް އޮޅުންފިލުވައިލުމަށް ވަގުތުވާކަމަކަށް ނުވެއެވެ. އަބަދުވެސް އުޅެނީ ބުރިބުރިއަށް ގެ ނުއެޅިގެންނެވެ. ފައިސާ އިތުރުނުކުރެވިގެންނެވެ. ކުރަންވީ ކަމަކީ ދުނިޔަވީ ކަންކަންކުރުމަށް ލޯނު ނެގުމެއް ނޫނެވެ. ކުރަންވީކަމަކީ ﷲ ތަޢާލާ ވަޙީޚުރައްވަވާފައިވާ ފަދައިން ﷲ ތަޢާލާއަށް ލޯނުދިނުމެވެ. 

"ހެޔޮވެގެންވާ ދަރަންޏަކުން ﷲ އަށް ދަރަނި ދޭހުށީ (އެބަހީ: ﷲއަށްޓަކައި ހޭދަކުރާހުށީ) ކާކުހެއްޔެވެ؟ ފަހެ ގިނަވެގެންވާ ގުނަތަކަކަށް ﷲ އެދަރަނީގެ ހެޔޮ ޖަޒާ އިތުރުކޮށް ދެއްވަވާނެތެވެ. ރިޒްޤް ދަތިކުރައްވަވަނީ އަދި ރިޒްޤް ތަނަވަސްކުރައްވަވަނީވެސް ﷲ އެވެ. އަދި ތިއަބައިމީހުން އެނބުރި ރުޖޫޢަވާހުށީ ހަމަ އެކަލާނގެ ޙަޟްރަތަށެވެ. (އަލްބަޤަރާ: 245)

މިއާޔަތުގައި ބަޔާންކުރައްވަވާފައިއެވާ ﷲ ތަޢާލާއަށް ދަރަނިދިނުމަކީ ހެޔޮ ޢަމަލުތައްކުރުން ގިނަކުރުމެވެ. ހެޔޮ ޢަލުތައް ކުރުމުން އެމީހަކަށް ﷲ ތަޢާލާ މިންވަރުކުރައްވަވާ އަދަދަކަށް އެ ޢަމަލުތަކަށް ﷲ ތަޢާލާ ޖަޒާ އިތުރުކުރައްވަވައި ދެއްވަވާނެތެވެ. 

މިއާޔަތަށް އަމަލުނުކޮށް ދުނިޔޭގައި ބޮޑެތި ގަނޑުވަރުތައް އަލަން އުޅުމުންވާ ގޮތަކީ އެއަޅާ ގަނޑުވަރުތައް އަލައި ނިމޭތަނުން ނުވަތަ އަޅައި ނުނިމެނީސް މަރުވަނީއެވެ. އާޚިރަތަށް ދާންޖެހެނީ ހުސްއަތާއެވެ! އާޚިރަތް ދުވަހު ފައިދާއެއް ކުރާނީ ހެޔޮ އަމަލުތައް ކުރުން ގިނަކޮށް އާޚިރަތް ދުވަހަށްޓަކައި ގަނޑުވަރެއް ބިނާކުރެވުނު މީހަކަށެވެ. 

ޚުލާޞާއަކީ އާޚިރަތް ޙާޞިލުކުރެވެން އޮތީ ކީރިތި ޤުރުއާނުގައިވާ އެއްޗެއް އެނގިގެންކަމެވެ. އަދި އާޚިރަތް ކާމިޔާބުވުން އޮތީ އެންމެ ބޮޑު ދަރަނި ﷲ އަށް ދޭން ކެރުނު މީހަކަށްކަމެވެ. އުފާވެރި މަރެއްވެސް ލިބުންއޮތީ އެމީހަކަކަށް ކަމެވެ. 

ޤިޔާމަތް ދުވަސް އަންނާނެކަމަށް ޤަބޫލުނުކުރި އެތައް ބިލިއަން، ޓްރިލިއަން މީހުންނަށް މިހާރުވެސް އެވަނީ ޤިޔާމަތްދުވަސް އައިސް ބައްދަލުކޮށްފައެވެ. އެއީ ކޮންފަދަ މޮޔަބައެއް ހެއްޔެވެ؟ ޤިޔާމަތް ދުވަސް އަންނާނެކަމަށް ޤަބޫލުކޮށް ޢަމަލުކުރި މީހުން މަރުވާނީވެސް އުފާވެރިކަންމަތީގައެވެ. އެއީ އެމީހުންގެ ފުރާނަ ހިއްޕަވާ ވަގުތު މަލާއިކަތުން އޭނާއަށް އުފާވެރިކަމުގެ ޚަބަރު ދެއްވަވާނެތީއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން