އިބިލީސް އަބޫޖަހުލުގެ އެންމެ ގާތް މިތުރަށް ހެދިގެން އުޅެފަވެސް ކޮޅުކެހިދީފަ ކޮއްޕާ ބިންމައްޗަށް ވައްޓާލި ބާރުކަމުން ފުނޑުފުނޑުނުވީ ކިރިޔާ! ތިބާއަށް ހަދާނީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އިބިލީސް އަބޫޖަހުލުގެ އެންމެ ގާތް މިތުރަށް ހެދިގެން އުޅެފަވެސް ކޮޅުކެހިދީފަ ކޮއްޕާ ބިންމައްޗަށް ވައްޓާލި ބާރުކަމުން ފުނޑުފުނޑުނުވީ ކިރިޔާ! ތިބާއަށް ހަދާނީ ކިހިނެއް؟

އެންމެހައި އިންސާނުންގެތެރެއިންވެސް އަބޫޖަހުލަކީ އިބިލީހުގެ އެންމެ ބޮޑު އެއް މިތުރެވެ. އަބޫޖަހުލަކީ އިބިލީސް ބުނިހައިކަންކަން ކުރަމުން އައި މީހަަށްވާތީއެވެ. އިބިލީސް ބުނުމުންވެސް އެހެން މީހުންނަށް ކުރަން ނުކެރުނު ވަރަށް ގިނަ ކަންކަން ކުރަމުން އައި މީހެކެވެ. އެއިރު ދުނިޔޭގައި ހުރި އިބިލީހުގެ އެންމެ ގާތް ބައިވެރިޔާއެވެ.

ބަދުރު ހަނގުރާމައިގެ ދުވަހު އިންސާނެއްގެ ސިފައިގައި އައިސް ހަނގުރާމަކުރަން އިބިލީސް ހިތްވަރު ދިނެވެ. އަދި މުޝްރިކުންނަށް ކާމިޔާބުލިބޭނެކަމަށްބުނެ ޔަޤީންކަން ދީ ހިތްވަރުދިނުމުގެ އިތުރުން ފަސޭހަކަމާއިއެކު ހަނގުރާމަ ކާމިޔާބުކުރެވޭނެ އުކުޅުތައް ބުނެދޭނެ ކަމަށްވެސް ބުންޏެވެ. ނމަވެސް އުޑުން މަލާއިކަތުން ފައިބައިވަޑައިގަންނަވާތަން ފެނުމުން ފިލަން ދުއްވައިގަތެވެ. 

އެވަގުތު އަބޫޖަހުލު އިބިލީސް ހުއްޓުވާފައި އޭނާ ވީ ވައުދުތައް ހަނދާންކޮށްދިނުމުން އަބޫޖަހުލު ކޮށްޕައިި ބިންމައްޗަށް ވައްޓައިލި ބާރުމިނުން އަބޫޖަހުލު ފުނޑުފުނޑު ނުވީ ކިރިޔާއެވެ. އަބޫޖަހުލަށް އެ ގެއްލުން ދީފައި އިބިލީސް ޖައްވުގެ ތެރެއަށް އަރައިގެން ދިއައީއެވެ. 

މިއީ އިބިލީސް އޭނާގެ އެންމެ ގާތް ބައިވެރިޔާ އާއިމެދު ކަންތައްކުރިގޮތެވެ. އިބިލީސް ބުނާހައިކަމެއް ކުރަމުން ގެންދާއިރު އެހެންމީހުންނަށް އިބިލީސް ކަންތައްތައް ކުރާނެ ގޮތް ހިތަށް ނިކަން ގެނެސްބަލާށެވެ.  ނަރަކައަށް ވައްދައި ހަލާކުކޮށްލުން ނޫންކަމެއް ނުކުރާނެކަން ޔަޤީން ނޫން ހެއްޔެވެ؟ 

މީސްތަކުން މިއަދު އިބިލީސް ބުނާހައިކަމެއް ކުރަމުން ގެންދާއިރު އިބިލީހަކީ މީސްތަކުންގެ މައްޗަށް ހުރި އެންމެ ބޮޑުވެގެންވާ ޢަދާވާތްތެރިޔާކަން މިވަނީ ހަނދާންނައްތާލައިފައެވެ. މިހައިވަރަށް އިބިލީހުގެ ބަސްތަކަށް ގެއްލެނިވެގެން އުޅެމުންދާއިރު އިބިލީހުގެ ހުރި ނުބައި މަކަރުވެރިކަމަށް ވިސްނައިނުލާކަމީ އެންމެ ހިތާމަހުރި ކަންތަކެވެ. 

މީސްތަކުންނޭވެ! ހޭލުންތެރިވާށެވެ! އަދިވެސް ވަގުތު އެބައޮތެވެ! ތައުބާވުމަށް އަވަސްވެގަންނާށެވެ. އިބިލީހުގެ ހީލަތްތެރިކަމުން ސަލާމަތްވެ ތިމާގެ ނަފުސް ނަރަކައިން ސަލާމަތްކުރަން އަވަހަށް މަސައްކަތްފަށާށެވެ. ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ތައުބާވުމަށް އަވަސްވެގަންނާށެވެ! ތައުބާވާއިރަށް ﷲ ތަޢާލާ އެކަން ޤަބޫލުފުޅުކުރައްވަވާނެތެވެ! ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ 

 -ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން