މަރުވާ ގޮތަކުން މަސްގަނޑު ވަޅު ނުލެވުނަސް ވަޅުލެވުނު މީހަކުފަދައިން ކައްވަޅުގެ ޢަޛާބު ދެއްވަވާނެ! ސަލާމަތެއް ނުވެވޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
މަރުވާ ގޮތަކުން މަސްގަނޑު ވަޅު ނުލެވުނަސް ވަޅުލެވުނު މީހަކުފަދައިން ކައްވަޅުގެ ޢަޛާބު ދެއްވަވާނެ! ސަލާމަތެއް ނުވެވޭނެ!: މުފްތީ މެންކް

ބައެއް މީހުން ކައްވަޅުގެ ޢަޛާބާއިމެދު ޝައްކުކުރެއެވެ. ކަނޑަށް ޣަރަޤުވެ ނުފެންނަ މީހުންނާއި އަނދައިދާ މީހުންނާއި އެކްސިޑެންޓްތަކުގައި ޗިސްޗިސްވެގެންދާ މީހުންނާއި ބޮމުގެ ޙާދިސާތަކުގައި ހަށިގަނޑު ގޮވާމީހުންނާއި މިފަދަ މީސްމީހުންނަށް ކައްވަޅުގައި ޢަޛާބު ދެއްވަވާނެ ގޮތަކާއިމެދު ސުވާލުކުރެއެވެ. 

ކައްވަޅުގައި ޢަޛާބު ލިބޭ ގޮތާއިމެދު ސުވާލުކުރިނަމަވެސް އެއީ އެއްވެސް މީހަކަށް ޖަވާބު ދެވޭނެ ސުވާލެއް ނޫނެވެ. އެހެނީ އެކަން ހިނގާނެ ގޮތް އެނގެން ނެތުމުންނެވެ. އެނގެން އޮތް ވަރަކީ ކައްވަޅުގައި ޢަޛާބު ލިބެންޖެހޭ މީހުންނަށް ލިބޭނެ ކަމެވެ. އެކަން ކީރިތި ޤްރްއާނުން އެނގެން އެބައޮތެވެ. މިބާވަތުގެ ކަންކަމުގައި ކީރިތި ޤްރްއާނާނާއި ޙަދީޘްފުޅުތަކުން ކަޑައެޅިގެން އެގެން ނެތް ފަތުވާއެއް އެއްވެސް މީހަކު ދީގެން ނުވާނެވެ. 

މަރުވުމުން މަސްގަނޑު ވަޅުލަމުއެވެ. އެމަސްގަނޑު ކުނިވެ ހަލާކުވެގެންދެއެވެ. އެހެން ނަމަވެސް ކައްވަޅުގައި ޢަޛާބު ލިބެން ޖެހޭ މީހުންނަށް ދާނީ ހަމަ ޢަޛާބް ލިބެމުންނެވެ. ކުރިން ބުނިފަދައިން އެކަން ﷲ ތަޢާލާ މެދުވެރިކުރައްވަވަނީ ކޮން ގޮތަކަށް ކޮން ސިފައެއްގައިކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. 

މިސާލަކަށް އެކި ސަބަބުތައް މެދުވެރިވެ މަސްގަނޑު ވަޅު ނުލެވޭ މީހުންވެސް ބައިވަރެވެ. އެފަދަ މީހުންނަށްވެސް ކައްވަޅުގެ ޢަޛާބު ލިބެން ޖެހޭނަމަ ޢަޛާބު ދެއްވަވާނެއެވެ. ކައްވަޅުގެ ޢަޛާބު ލިބުމަށް މަސްގަނޑު މުހިންމު ނޫންކަން ކުރިން މިބުނި ވާހަކައިންވެސް އެނގިގެންދެއެވެ. ވީމާ އެންމެ މުހިންމީ ކައްވަޅުގެ ޢަޛާބުން ސަލާމަތް ވެވޭނެ ގޮތަށް އަދި ޤިޔާމަތް ދުވަހުގެ ޢަޛާބުން ސަލާމަތްވެވޭނެ ގޮތަށް ދުނިޔޭގައި އުޅުމެވެ. 

މީސްތަކުންނަށް ޢިބްރަތަކަށްޓަކައި ކައްވަޅުގައި ޢަޛާބު ދެއްވަވާކަމުގެ ހެކިތައް ދައްކަވައެވެ. އެފަދަ ބައެއް ކަންކަން މީސްތަކުންނަށް ދައްކަވަނީ ޢިބްރަތަކަށެވެ. ވިސްނައި ފިކުރުކުރުމަށެވެ. ކައްވަޅުގެ ޢަޛާބުން ސަލާމަތްވުމަށް މަސައްކަތްކުރަން ހިތްވަރަކަށެވެ. ކައްވަޅުގެ ޢަޛާބާއިމެދު ޝައްކުކުރުމެއް ނެތެވެ! އެހެނީ ކައްވަޅުގައި ޢަޛާބު ލިބެމުންދަނިކޮށް ވަނީ ރަސޫލް () އަށް ދައްކަވައިދެއްވަވައިފައެވެ. އެއީ ޙަދީޘްތަކުން ސާބިތުވާ ކަމެކެވެ. 

- މުފްތީ މެންކްގެ ދަރުސަކުން

 

 

މިއަދު އޮންލައިން