ﷲ ގެ ޚާއްޞަ މިތުރަކަށްވުމުގެ ފުރުޞަތު ފިރިހެނުންނަށާއި އަނހެނުންނަށްވެސް އެބައޮތެވެ.!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ﷲ ގެ ޚާއްޞަ މިތުރަކަށްވުމުގެ ފުރުޞަތު ފިރިހެނުންނަށާއި އަނހެނުންނަށްވެސް އެބައޮތެވެ.!: މުފްތީ މެންކް

ފުރަތަމަ ކަމަކަށް ފާހަގަކޮށްލާނަމެވެ. ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާފަދަ ޚާއްޞަ ޙާލަތެއް މެދުވެރިވެގެން ނޫނީ ފިރިހެނުންނަށް އޮތީ މިސްކިތަށް ދިއުމެވެ. އަންހެނުންނަށް އޮތީ ގޭގައި ނަމާދުކުރުމެވެ. ވީމާ އަނހެނުންގެ މިސްކިތަކީ އެކަނބަލުންގެ މުސައްލައެވެ. ވީމާ ފިރިހެނުން މިސްކިތަށް ލޯބިޖެހުމުން ދެއްވަވާ ޘަވާބު އެކަބަލުން، އެކަނބަލުންގެ މުސައްލައަށް ޖެހުމުން އެކަނބަލަކަށް ﷲ ތަޢާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ 

މިވާހަކަ ކުރިއާލައި ހާމަމިކުރީ ޙަދީޘްފުޅުގައި މިސްކިތަސް ލޯބިޖެހުން އޮތުމުން މިސްކިތަށް ލޯބިޖެހުމުގެ ވާހަކަދެއްކީމާ އުޚުތުން ނަމާދުކުރަނީ ގޭގައިކަމަށްވުމުން ސުވާލުއުފައްދާތީއެވެ. ﷲ ތަޢާލާ ވަނީ މިސްކިތަށް ނުގޮސް ގޭގައި އަޅުކަންކުރުމުގެ ލުއިކަން ކަނބަލުންނަށް ދެއްވަވައިފައެވެ. އެއީ އެކަނބަލުންނަށް އޮތް ބޮޑު ރަޙްމަތެކެވެ. 

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ ވީހައި ބޮޑަށް ﷲ ތަޢާލާ އާއި ކުއްތަންވުމެވެ. ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބިފައިވާ އަޅަކުކަމުގައިވުމެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހާގެ ދަރަޖަ އުފުލިގެންވާ މީހަކުކަމުގައިވުމެވެ. 

މިއަދު މިކިޔައިދެނީ އެކަންކަމަށް އެދިގެން ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއްގެ ވާހަކައެވެ. 

އެއީ މިސްކިތްތަކުގެ މިތުރަކަށްވުމެވެ. އެކަންކުރަން ކުރަންޖެހޭ ކަމަކީ ހިތުގައި މިސްކިތަށް ލޯބިއިތުރުކުރުމެވެ. އެމީހެއްގެ ހިތުގައި މިސްކިތަށް ލޯބި އިތުރުވުމުން އެމީހާއަށް ގިނަގިނައިން މިސްކިތަށްދެވޭނެއެވެ. އެހެން މީހުން ޢާންމުކޮށް މިސްކިތަށް ގޮސް ނުއުޅޭ ވަގުތުތަކުގައި މިސްކިތަށް ގޮސް ވަގުތު ހޭދަކުރަން ޝައުޤުވެރިވެވޭނެއެވެ. 

އެއިގެ އިތުރުން ނަމާދަށް ކުރިން މިސްކިތަށް ދިއުން، ޚާއްޞަކޮށް ކުރިން ފަތިސްނަމާދަށް ގޮސް މިސްކިތުގައި ގިނަވަގުތު ހޭދަކުރުމާއި މިސްކިތުގެ ކަންކަން އަމިއްލައަތުން ކުރަން ޝައުޤުވެރިވުމާއި މަގުމަތިންދާއިރުވެސް މިސްކިތެއް ފެނުމުން ހިތަށް އުފާވެރިކަން ލިބުން ފަދަ ކަންކަން މެދުވެރިވާނެއެވެ. 

މިޙާލަތަށް މީހާގެ ކަންކަން ދިއުމުން އެމީހަކީ ﷲ ތައާލާގެ ޚާއްޞަ މިތުރަކަށް ހައްދަވާނެތެވެ. އެމީހަކުދެކެ ލޯބިވެވޮޑިގަތުން އިތުރުވެގެންދާނެއެވެ. އެމީހަކަށް ރަހްމަތުގެ ބެއްލެވުމުން ބައްލަވައިވޮޑިގަންނަވާނެތެވެ. އެމީހާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ 

މީސްތަކުންނޭވެ! މިސްކިތާއި ގުޅުން އުފެއްދުމުން އެމީހަކަށް ދެއްވަވާނެ އެންމެމަތިވެރި ނިޢްމަތަކީ ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާ މީހުންގެތެރޭގައި އެމީހާ ލެއްވެވުމެވެ. އެއީ ބިންމަތީގައި ހުރި ﷲ ތަޢާލާގެ ގެކޮޅުތަކަށް އެމީހާ ލޯބިކުރިކަމަށްޓަކައެވެ. 

ވީމާ މިއީ ޢަރުޝީގެ ހިޔާވަހިކަން ނޫން އެއްވެސް ހިޔާވަހިކަމެއް ލިބންނުވާ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޚާއްޞަ މިތުރަކަށްވެ ޢަރުޝީގެ ހިޔާވަހިކަން ހޯދަން ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން މަސައްކަތްކުރެވިދާނެ މަގެކެވެ! މިސްކިތަށް ލޯބި އިތުރުކުރާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން