އަލީ އިހްސާން ފިރާޤް
އިސްލާމްދީނުގެ ވަރަށް ގިނަ ދުޝްމަނުންގެ ވާހަކަތައް ކީރިތި ޤުރުއާނުގައި ބަޔާންވެގެންވެއެވެ. އޭގެ ތެރެއިން މި އުންމަތުގެ ނަބިއްޔާ صلّى اللّـه عليه وسلّم އާއި އިސްލާމްދީނުގެ އެންމެ ބޮޑު އެއް ދުޝްމިނަކީ އަބޫލަހަބެވެ. އަބޫލަހަބުގެ ނަން ސީދާ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފައިވެއެވެ. މުޙައްމަދީ ރިސާލާތުގެ ދުޝްމަނުންގެ ތެރެއިން ކަނޑައެޅިގެން އެމީހެއް ނަން ބަޔާން ކުރައްވައިފައިވާ މީހަކީ އޭނާއެވެ.
އަބޫލަހަބަކީ ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ ބޮޑުބޭބޭފުޅުގެ މަޤާމުގައި ހުރި މީހެކެވެ. ނަމަވެސް އޭނާވީ އިސްލާމްދީނުގެ އެންމެ ކުރީކޮޅުގައި އެދީނުގެ ނޫރު ފޮހެލުމަށްޓަކައި ގަދަ އަޅާ މަސައްކަތް ކުރި މީހުންގެ ތެރެއިންނެވެ. ނަބީކަން ލިބިވަޑައިގެންނެވުމުން ކީރިތި ރަސޫލާ صلّى اللّـه عليه وسلّم މީސްތަކުން އެއްކުރައްވައި، ޞަފާ ފަރުބަދައަށް އަރާވަޑައިގެން އެބައިމީހުންނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ.
[އޭ ބަނޫ ޢަބްދުލްމުއްޠަލިބުގެ މީސްތަކުންނޭވެ. އޭ ބަނޫ ފިހުރާއި، ބަނޫ ލުޢައްޔުވަންހައިގެ މީސްތަކުންނޭވެ. މި ފަރުބަދަ ފަހަތުގައި ތިޔަބައިމީހުންނަށް ޙަމަލަދޭން ހަތިޔާރު އަޅައިގެން ހުރި ދުޝްމަނަކު ހުރިކަމަށް އަހުރެން ޚަބަރުދީފިނަމަ ތިޔަބައިމީހުން އެކަން ޤަބޫލުކުރާނޫހެއްޔެވެ؟] އެބައިމީހުން ޖަވާބު އެރުވިއެވެ. [އާދޭހެވެ. އަޅުގަނޑުމެން ޤަބޫލުކުރާނަމެވެ. ތިޔައީ ތެދުވެރި އަމާނާތްތެރިޔާއެވެ. ކަލޭގެފާނު ދުވަހަކުވެސް އިތުރުފުޅެއް ހައްދަވަނިކޮށް އަޅުގަނޑުމެން އަޑެއް ނާހަމެވެ.]
މިބައިމީހުން މިދެންނެވި ފަދައިން ޖަވާބު ދެއްވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ނަބީކަމުގެ ދައުވަތު އެބައިމީހުންނަށް ހުށައެޅުއްވިއެވެ. ރިސާލަތު ބަޔާންކޮށްދެއްވިއެވެ. މީސްތަކުން އެއަޑު އެހުމުން އެއްކިބާވެ އޭތިމީތި ކިޔަމުން ބައިބަޔަށް އެތަން ދޫކޮށް ދާންފަށައިފިއެވެ. ނަމަވެސް އަބޫލަހަބުގެ ލޭކެކި ހަޅޭލަވައިގެނެއްޖެއެވެ. އޭނާ ބާރު އަޑުން ގޮވައިލިއެވެ. [ހަލާކު ހުއްޓެވެ. އަހަރެމެން މިތަނަށް ތިޔަ އެއްކުރީ ތިޔަ ވާހަކަ ދައްކަން ހެއްޔެވެ؟]
އެދުވަސްވެގެން ދިޔައީ އަބޫލަހަބުގެ ނަސީބުގެ ފަތުގައި ސިއްކަ ޖެހެވިގެން ދިޔަ ދުވަސްކަމުގައެވެ. އޭނާއާއި އޭނާގެ އަންހެނުންގެ ވާހަކަ ބަޔާން ކުރައްވާ ސޫރަތެއް ބާވައިލެއްވިއެވެ. އެއީ ސޫރަތުލް މަސަދުއެވެ. އެ ސޫރަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ވާހަކަތަކެވެ.
تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ ﴿١﴾ مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ ﴿٢﴾ سَيَصْلَىٰ نَارًا ذَاتَ لَهَبٍ ﴿٣﴾ وَامْرَأَتُهُ حَمَّالَةَ الْحَطَبِ ﴿٤﴾ فِي جِيدِهَا حَبْلٌ مِّن مَّسَدٍ ﴿٥﴾
މާނައީ: [أبولهب ގެ ދެއަތް ގެއްލި ހަލާކުވެދާށިއެވެ! (އެބަހީ: أبولهب އަށް ހަލާކު ހުށްޓެވެ.) އަދި އޭނާ ގެއްލި ހަލާކުވެއްޖެއެވެ. އޭނާގެ މުދަލާއި، އޭނާ ހޯދާފައިވާ ތަކެތި އޭނާޔަކަށް (އެއްވެސް ކަމެއް) ފުއްދައެއް ނުދިނެވެ. ހުޅުގަނޑުގެ ވެރި ނަރަކަޔަށް، ނިކަންހުރެ އޭނާ ވަންނާނެތެވެ. އަދި ދަރު އުފުލަމުން ހިނގާ (އެބަހީ: ދެބައޮޑުވަމުންހިނގާ) އޭނާގެ އަނބިކަނބުލޭގެވެސްމެއެވެ. ކިފުޅިން އަޅާފައިވާ ވަލެއް، އެކަނބުލޭގެ ކަރުގައިވެއެވެ.]
އިސްލާމްދީނުގެ ނޫރު ފާޅުވުމަށްފަހު ބާރަ ވަރަކަށް އަހަރު އަބޫލަހަބު ދުނިޔޭގައި ހުއްޓެވެ. މި މުއްދަތުގެ ތެރޭގައި މައްކާގެ ނުފޫޒުގަދަ ޝަޙްޞިއްޔަތުންކަމުގައިވާ ހަމްޒަތުގެފާނާއި ޢުމަރުގެފާނު އިސްލާމްވެވަޑައިގެންނެވިއެވެ. ނަމަވެސް އަބޫލަހަބުގެ ހިތްވަނީ އީމާންކަމުން ދުރުވެގެންނެވެ. އެކަން އެހެން ނުވާންވީ ސަބަބެއްނެތެވެ. އަރަހުށި މާތްﷲ ވަނީ އޭނާއަކީ ނަރަކަވަންތަވެރިއެއްކަން ޞަރީޙުކޮށް ބަޔާން ކުރައްވައިފައެވެ. އޭނާ އެ މުއްދަތުގެ ތެރޭގައި އިސްލާމްވިނަމަ ޤުރްއާނުގެ ޞައްޙަ ކަމާމެދު ސުވާލު އުފެދުނީހެވެ.
އަބޫލަހަބަކީ، ޢަބްދުލްމުއްޠަލިބުގެފާނުގެ ދަރިކަލެކެވެ. އޭނާގެ އަސްލު ނަމަކީ ޢަބްދުލްޢުއްޒާއެވެ. އިސްލާމްދީން އައުމުގެ ކުރިން އޭނާ މާތް ރަސޫލާ صلّى اللّـه عليه وسلّم ދެކެ އިންތިހާއަށް ލޯބިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ތުއްޕުޅުއިރު ކިރުފޮދު އެރުވުމަށްޓަކައި އަބޫލަހަބު އޭނާގެ އަޅެއްކަމުގައިވާ ޘުވައިބާ މިނިވަންކުރިއެވެ. އަބޫލަހަބު އޭނާގެ ދެ ފިރިހެން ދަރީން ކާވެނިކޮށް ދިނީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދެ އަންހެން ބޭފުޅުންކަމުގައިވާ އުއްމުކުލްޘޫމުގެފާނާއި، ރުޤައްޔަތުގެފާނާއެވެ. އޭރު އެދެކަނބަލުންނަކީ ތުއްޕުޅު ދެބޭފުޅުންނަށްވާތީ ތިއްބެވީ މާތް ރަސޫލާގެ ގެކޮޅުގައެވެ. ނަމަވެސް އަބޫލަހަބާ ދެކޮޅަށް ޤުރްއާނުގެ ސޫރަތެއް ބާވައިލެއްވުމުން، އޭނާ ރުޅިއައިސްގެން އެ ދެ ކާވެނި ރޫޅައިލިއެވެ.
އަބޫލަހަބުގެ އަނބި އުއްމު ޖަމީލުގެ އަސްލު ނަމަކީ އަރުވާއެވެ. މީނާއަކީ އަބޫސުފްޔާނުގެ އުޚުތެކެވެ. އިސްލާމްދީން ފެށުނުކޮޅުގައި އަބޫސުފްޔާނަކީވެސް އެދީނުގެ އަދާވާތްތެރިންގެ ތެރޭގައި ހިމެނޭއެކެކެވެ. އުއްމު ޖަމީލަކީވެސް އޭނާގެ ފިރިމީހާ އަބޫލަހަބު ފަދައިން އިސްލާމްދީނަށާއި އެދީނުގެ ނަބިއްޔާއާ ދެކޮޅުވެރިކަން ބޮޑު މީހެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ވަޑައިގަންނަވާ މަގުތަކަށް ކުނިބުންޏާއި، ކަށިގަސްތަކުގެ ކަށި އެޅުމަކީ އުއްމު ޖަމީލު ގެ ޚާއްޞަ އުފަލެކެވެ.
ހިޖްރައިން ދެވަނަ އަހަރު ކުރެވުނު މަޝްހޫރު ބަދުރު ހަނގުރާމައިގައި އަބޫލަހަބަށް ބައިވެރިއެއްނުވެވުނެވެ. ނަމަވެސް އޭނާގެ ބަދަލުގައި މީހަކު ހަނގުރާމަ ކުރުމަށް ފޮނުވިއެވެ. އޭނާގެ ބަދަލުގައި ފޮނުވީ އަބޫޖަހުލުގެ އަޚެކެވެ. އޭނާވަނީ 4000 ދިރުހަމަށް އަބޫލަހަބަށް ދަރައިފައެވެ. އަބޫލަހަބުވަނީ އޭނާގެ ދަރަނި ފިލުވައިދާނެކަމަށް ވަޢުދުވެފައެވެ. ކޮންމެއަކަށް ބަދުރު ހަނގުރާމައިގައި އެންމެ ފުރިހަމަ ކާމިޔާބު ލިބުނީ މުސްލިމުންނަށެވެ. ބަދުރު ހަނގުރާމައިގެ ކާމިޔާބީގެ ޚަބަރު މައްކާއަށް ލިބުނު ދުވަސްވަރު އަބޫލަހަބަށް ވަރަށް ނުބައި ޒާތެއްގެ ބައްޔެއް ޖެހުނެވެ. އޭނާ މަރުވީ މިދެންނެވި ބަލީގައެވެ. އެކަނިމާއެކަނި ގޭގައި އޮއްވައެވެ. އޭނާ މަރުވެ އޭނާގެ ހަށިގަނޑު ކުނިވާންފެށުމުން ގޭކައިރި އަވައްޓެރީން އަބޫލަހަބުގެ ދަރީންނަށް ބުންޏެވެ.
[ތިމާމެންގެ ބައްޕަ ގޭގައި މަރުވެ، ކުނިވެގެންދާއިރު އޭނާ ވަޅުނުލާ ތިޔަހެން ތިބުމަކީ ވަރަށް ލަދުވެތި ކަމެކެވެ.]
ދެން އަބޫލަހަބުގެ ދަރިން، އަޅުން ލައްވައި އޭނާ ވަޅުލުމުގެ ކަންތައް ކުރިއެވެ. އޭނާއާ ގާތްވާން ނުކެރިގެން ހިނަވަން ފެންޖެހީވެސް ދުރުގައި ތިބިގެންނެވެ. ވަޅެއްކޮނެފައި އެވަޅަށް ވައްޓައިލީ ދަނޑިޔަކުން ކޮއްޕަމުންނެވެ. ދެން ދުރުގައި ތިބެގެން ވަޅަށް ގާއުކައި ފޮރުވައިލީއެވެ.
އަބޫ ލަހަބުގެ ދަރީންކުރެ އިސްލާމްދީން ޤަބޫލުކުރި އެއްބޭފުޅަކީ އޭނާގެ ދޮށީ ދަރިކަލުން އުތުބާއެވެ. އޭނާ އިސްލާމްދީން ގަބޫލުކުރެއްވީ މައްކާ ފަތަޙަ ކުރެއްވުމަށްފަހުގައެވެ. އޭނާއަށް، ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ވަރަށް ހެޔޮފުޅުކޮށް ހިއްތެވިއެވެ. އޭނާގެ ޙަޔާތްޕުޅު ހޭދަކުރެވީ ރަނގަޅު މުސްލިމެއްގެ ގޮތުގައެވެ.
އަބޫލަހަބުގެ ދުއްރާ އޭ ކިޔުނު އަންހެން ބޭފުޅަކުވެސް އިސްލާމްވެވަޑައިގެންނެވިއެވެ. އެކަމަނާވަނީ ބައެއް ޙަދީޘްތައްވެސް ރިވާ ކުރައްވައިފައެވެ. އެކަމަނާގެ އަރިހުން އިމާމު އަޙްމަދު އޭނާގެ މުސްނަދުގައި ރިވާކުރައްވާފައިވެއެވެ. މީހަކު ތެދުވެ ރަސޫލާ صلّى اللّـه عليه وسلّم އާ ސުވާލުކުރެއްވިއެވެ. [މީސްތަކުން ކުރެ އެންމެ ރަނގަޅު މީހަކީ ކޮބައިތޯއެވެ؟] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [އެއީ އެންމެ ޢިލްމުވެރި މީހާއާއި، އެންމެ ބޮޑަށް މާތްالله އަށް ބިރުވެތިވާ މީހާއާއި، އެންމެ ގިނައިން ހެޔޮކަންތައްތަކަށް އަމުރުކޮށް އަދި އެންމެ ގިނައިން ނުބައިކަންތައްތައް މަނާކުރާ މީހާއާއި، އެންމެ ގިނައިން ގާތްތިމާގެކަމުގެ ގުޅުން ގާއިމުކުރާ މީހާއެވެ.]
އަސްލި ލިޔުއްވީ: އަބޫ ޠާރިޤު ޙިޖާޒީ
ދިވެހިބަހަށް ތަރުޖަމާކުރީ: ޢަލީ އިޙްސާން ފިރާޤު