އިސްލާމީ އުދަރެހުންގެ އަލިގަދަ ތަރިތަކުގެ ތެރެއިން އިބްނު ތައިމިއްޔާ

ކިޔުމަށް ހޭދަވާނީ 13މ 55ސ
އިސްލާމީ އުދަރެހުންގެ އަލިގަދަ ތަރިތަކުގެ ތެރެއިން އިބްނު ތައިމިއްޔާ

- އަލީ އިހްސާން ފިރާޤް

ابن تيميَّة رحمه اللّـه އަކީ އިސްލާމީ އުދަރެހުން އުދަވި ވަރުގަދަ ޝަޚްޞިއްޔަތުންގެ ތެރޭގައި ހިމެނޭ އާދަޔާ ޚިލާފު މޮޅު ޢިލްމުވެރިއެކެވެ. އެކަލޭގެފާނަކީ މޮޅު ފިޤުހުވެރިއެކެވެ. މުޙައްދިޘެކެވެ. ޤުރްއާން ތަފްސީރު ކުރެއްވި މުފައްސިރެކެވެ. މުޖުތަހިދެކެވެ. ފިލޯސޮފަރެއްމެއެވެ. އެކަލޭގެފާނަކީ 7 ވަނަ ޤަރުނާއި 8 ވަނަ ޤަރުނުގައި އުފެދުނު އެންމެ މޮޅެތި އިސްލާމީ ޢިލްމުވެރިންގެ ތެރެއިން ޢިލްމުވެރިއެކެވެ.

އުފެންވެވަޑައިގެންނެވުމާއި ބޮޑުފުޅުވުން

އެކަލޭގެފާނުގެ އަސްލު ނަންފުޅަކީ تقي الدين أبو العباس أحمد بن شهاب الدين أبي المحاسن عبد الحليم އެވެ. އެކަލޭގެފާނުގެ ބަފައިކަލުން شهاب الدين އަކީ ޙަންބަލީ މަޒުހަބުގެ ޢިލްމުވެރިއެކެވެ. ابن تيميَّة رحمه اللّـه ގެ މައިކަނބަލުންގެ ނަންފުޅަކީ سِتُّ النِّعَمِ بِنْتُ عَبْدِ الرَّحْمَن އެވެ. ابن تيميَّة رحمه اللّـه އުފަންވެވަޑައިގަތީ  حران ގައެވެ. ހިޖުރައިން 661 ވަނަ އަހަރުގެ  ربيع الأول މަހުގެ ދިހަވަނަ ދުވަހުގައެވެ. ބައެއް ރިވާޔަތްތަކުގައި 12 ވަނަ ދުވަސްކަމަށްވެސް އައިސްފައިވެއެވެ.

ابن تيميَّة رحمه اللّـه އެކަލޭގެފާނުގެ އުމުރުފުޅުން ހަތް އަހަރުވަންދެން حران ގައި އުޅުއްވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ ބަފައިކަލުން އެކަލޭގެފާނު ދިމިޝްޤަށް ގެންދެވިއެވެ. އެއީ އެކަލޭގެފާނަށް ރަނގަޅު ތަރްބިއްޔަތަކާއި ތަޢުލީމެއް ދެއްވުމަށްޓަކައެވެ. ދީލަތިފުޅުކަމުގެ މަބުދައުން ابن تيميَّة رحمه اللّـه އަށް ލިބިވަޑައިގެންފައިވަނީ ނުހަނު ސާފު ފިތުރަތެކެވެ. އެކަލޭގެފާނު ނުހަނު ތުއްޕުޅުއިރު، އިޚްލާޞްތެރިކަމާއި ތޫނުފިލިކަން އެކަލޭގެފާނުގެ ގައިކޮޅުގައިވަނީ އަށަގެންފައެވެ. އެންމެހައި ރިވެތި ސުލޫކުތަކާއި އަޚުލާޤުން އެކަލޭގެފާނުގެ ހަށިކޮޅުވަނީ ޒީނަތްވެފައެވެ.

ޒުވާން ދުވަސްވަރު

ابن تيميَّة رحمه اللّـه ގެ ޒުވާން ދުވަސްވަރުގެ ޙާދިޘާއެކެވެ. އެއްފަހަރަކު އެކަލޭގެފާނު ލައިބްރަރީއަށް ވަޑައިގަންނަވަނިކޮށް ޔަހޫދީއަކާ މަގުމަތިން ބައްދަލުވެވަޑައިގެންނެވިއެވެ. އޭނާ އެކަލޭގެފާނު ހުއްޓުވައިފައި މައްސަލަތަކަކާ ބެހޭ ގޮތުން ސުވާލުތަކެއް ކުރިއެވެ. އޭނާގެ ސުވާލުތަކަށް ابن تيميَّة رحمه اللّـه ޖަވާބުދެއްވިލެއް ފުރިހަމަކަމުން އޭނާ ޙައިރާންވިއެވެ. އެކަލޭގެފާނާ މެދު ވަރަށް ގަޔާވިއެވެ. އެގޮތަށް އެ ޔަހޫދީމީހާއާ ދިމާވާން ފެށުމުން ابن تيميَّة رحمه اللّـه އޭނާ ހުރި ޢަޤީދާއަކީ ރަނގަޅުނޫން ޢަޤީދާއެއްކަން ބަޔާންކޮށްދީ އޮޅުން ފިލުއްވައި ދެއްވަމުން ގެންދެވިއެވެ. އެންމެފަހުން އެ ޔަހޫދީމީހާވެސް އިސްލާމްދީނުގެ ތަރަހައިގެ ތެރެއަށް ވަދެއްޖެއެވެ.

ابن تيميَّة رحمه اللّـه އެކަލޭގެފާނުގެ ޒުވާން ދުވަސްވަރު ހޭދަކުރެއްވީ ޤުރްއާނުގެ އަހުލުވެރިއެއްގެ ގޮތުގައެވެ. ޤުރްއާނުގެ ޢިލްމު އުނގެނިވަޑައިގެންނެވުމާއި ޤުރްއާން ހިތްޕުޅުން ދަސްކުރެއްވުމުގައެވެ. ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނު ވަރަށް ޒުވާން އުމުރުފުޅެއްގައި ޤުރްއާން ހިތްޕުޅުން ދަސްފުޅު ކުރައްވައިފިއެވެ. އެއަށްފަހު އިސްލާމީ ފިޤުޙާއި ޙަދީޘް ޢިލްމު ދަސްފުޅު ކުރެއްވުމުގައި މަޝްޣޫލުވެވަޑައިގެންނެވިއެވެ. 

އެކަލޭގެފާނުވަނީ ޙަދީޘް ޢިލްމުގެ ބޮޑެތި ފޮތްތައް ދަސްފުޅު ކުރައްވައިފައެވެ. އޭގެ ތެރޭގައި އިމާމު އަޙްމަދުގެ މުސްނަދު އާއި ޞަޙީޙު ބުޚާރީ އާއި މުސްލުމު އާއި ޖާމިއުއްތިރުމިޒީ އާއި ސުނަނު އަބީދާއޫދާއި ސުނަނު އިބްނު މާޖާ އާ މިނޫންވެސް ޙަދީޘް ޢިލްމުގެ ފަންނުގެ މުހިންމު ފޮތްތައް އެކަލޭގެފާނު ދަސްފުޅު ކުރެއްވިއެވެ.

އިސްލާމީ ޢިލްމުގެ ފޮތްތަކުގެ ތެރެއިން ابن تيميَّة رحمه اللّـه ދަސްފުޅު ނުކުރައްވާ ފޮތެއް އޮތުމަކީ ނާދިރުކަމެކެވެ. އެއިން ކޮންމެ ފޮތެއް ފަރުވާތެރިކަމާއެކު ވިދާޅުވެ ދަސްފުޅު ކުރައްވައި ސިކުނޑިފުޅުގައި ޚަޒާނާ ކުރައްވައެވެ. އެކަލޭގެފާނުގެ ތޫނު ވިސްނުންފުޅާއި ހިތުދަސްކުރުމުގެ ބާރުފުޅުގެ ސަބަބުން ދަސްފުޅު ކުރައްވާ ހުރިހާ އެއްޗެއް ކަހަލަގޮތަކަށް ހަނދުމަފުޅުގައި ހަރުލައިފައި ހުރެއެވެ. އެކަލޭގެފާނުގެ ހަށިކޮޅުގައި ހިނގާ ލޭފޮދަކީވެސް ޢިލްމާއެކުވެފައިވާ ލޭފޮދެއް ކަހަލައެވެ. އެހާވެސް ޢިލްމާ އެކަލޭގެފާނު ރައްޓެހިފުޅެވެ.

އަޅުކަން ކުރެއްވުން

ދުވާލާއި ރޭގަނޑު އަރަހުށި މާތްﷲ އަށް އަޅުކަން ކުރެއްވުމަކީ ابن تيميَّة رحمه اللّـه ގެ ޚާއްޞަ އުފާފުޅެކެވެ. ޚާއްޞަ ޝައުޤުވެރިކަމެއް ބެހެއްޓެވިކަމެވެ. ޢިލްމީ މަސައްކަތުން އަވަދިވެވަޑައިގެން ހުންނަވާނަމަ އެކަލޭގެފާނުގެ ހުރިވާ ވަޤުތެއް ހުސްކުރައްވައިފައިވަނީ އަޅުކަން ކުރެއްވުމަށެވެ. މުދަލާ ފައިސާ އާއި ޢާއިލާއަކީ އެކަލޭގެފާނު މާތްﷲ އަށް އަޅުކަން ކުރެއްވުމުން ދުރުހެލިކުރުވާ ކަމެއް ކަމުގައެއްނުވެއެވެ.

ރޭގަނޑުގެ ވަޤުތުގައި މީސްތަކުންނާއި އެކަހެރިވެވަޑައިގެން މާތްﷲ އަށް އަޅުކަން ކުރެއްވުމަށް ހުސްކުރައްވައެވެ. ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވެ ރޭއަޅުކަން ކުރައްވައެވެ. ފަތިސްވުމުން މީސްތަކުންނާއެކު ފަތިސްނަމާދުފުޅު ކުރައްވައެވެ. ނަމާދުފުޅު ކުރައްވާއިރު ހުޝޫޢާތްތެރިކަމުގެ ބޮޑުކަމާއި މާތްﷲ އަށް ބިރުވެތިވެވަޑައިގަންނަވާލެއް ބޮޑުކަމުން އެކަލޭގެފާނުގެ އަތްފައިންޕުޅު ތުރުތުރު އަޅައިގެންދެއެވެ. ޤުރްއާން ކިޔަވާ ވިދާޅުވަމުން ގެންދަވާނީ ރަސޫލާ ޤުރްއާން ކިޔަވާ ވިދާޅުވާ ކަމަށް ރިވާވެގެންވާ އެންމެ ޞައްޙަ ގޮތަށެވެ. ރުކޫޢު އާއި ސަޖިދަވެސް ކުރައްވަނީ ނަމާދުގައި އެކަން ކުރަން އައިސްފައިވާ އެންމެ ފުރިހަމައަކަށެވެ.

ابن تيميَّة رحمه اللّـه ނަމާދުފުޅުން އަވަދިވެވަޑައިގެން އެކަލޭގެފާނާއެކުގައިވާ މީސްތަކުންނާއެކު މާތްﷲ އަށް ޙަމްދުކޮށް ތަސްބީޙަ ދެންނެވުމުގައި މަޝްޣޫލުވެވަޑައިގަންނަވައެވެ. އެކަލޭގެފާނު ފަތިސްނަމާދުން އަވަދިވެވަޑައިގެން މި ޒިކުރު ކުރައްވައެވެ. اللهُمَّ أنت السَّلام ومِنك السَّلام، تَبَارَكْتَ يا ذا الجَلال والإكْرَام. { رواه مسلم} އެއަށްފަހު الحمد لله މި ކަލިމަ 33 ފަހަރު سبحان الله 33 ފަހަރު،  الله اكبر 33 ފަހަރު ވިދާޅުވެ، لا إله إلا الله އެއްފަހަރު ވިދާޅުވެ ސަތޭކަ ހަމަކުރައްވައެވެ.

އެއަށްފަހު މި ދުޢާ ކުރައްވައެވެ. [رَبِّ أَعِنِّي وَلاَ تُعِنْ عَلَىَّ وَانْصُرْنِي وَلاَ تَنْصُرْ عَلَىَّ وَامْكُرْ لِي وَلاَ تَمْكُرْ عَلَىَّ وَاهْدِنِي وَيَسِّرِ الْهُدَى لِي وَانْصُرْنِي عَلَى مَنْ بَغَى عَلَىَّ رَبِّ اجْعَلْنِي لَكَ شَكَّارًا لَكَ ذَكَّارًا لَكَ رَهَّابًا لَكَ مُطِيعًا إِلَيْكَ مُخْبِتًا إِلَيْكَ أَوَّاهًا مُنِيبًا رَبِّ تَقَبَّلْ تَوْبَتِي وَاغْسِلْ حَوْبَتِي وَأَجِبْ دَعْوَتِي وَاهْدِ قَلْبِي وَسَدِّدْ لِسَانِي وَثَبِّتْ حُجَّتِي وَاسْلُلْ سَخِيمَةَ قَلْبِي ]‏ 

 

ابن تيميَّة رحمه اللّـه ދުޢާފުޅު ފައްޓަވަނީ މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ޞަލަވާތް ވިދާޅުވެފައެވެ. ދުޢާފުޅު ނިންމަވަނީވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ޞަލަވާތް ވިދާޅުވެފައެވެ. އެއަށްފަހު އަލުން ޒިކުރުކުރެއްވުމާގެން މަސްޣޫލުވެވަޑައިގަންނަވައެވެ. އެއަށްފަހު ޟުޙާ ނަމާދު ކުރައްވައެވެ.

އެކަލޭގެފާނަށް މަގުމަތީން ގޯސްކަމެއް ކުރާ ބަޔަކު ފެނިވަޑައިގެންފިނަމަ އެބަޔަކަށް ނެސޭހަތްދެއްވައި ހަމަމަގަށް އަޅުވައެވެ. އެކަމެއް އިސްލާހު ކުރައްވައެވެ. ޖަނާޒާއެއްގެ ކަންތައް ހިނގާނަމަ އަވަސްއަވަހަށް އެތަނަކަށް ވަޑައިގެން އެކަމުގައި ބައިވެރިވެވަޑައިގަންނަވައެވެ. އެއަށްފަހު މިސްކިތަށް ވަޑައިގެން  ފަތުވާދެއްވުމުގައި ނުވަތަ މީސްތަކުންގެ ބޭނުން ފުއްދެވުމުގައި މެންދުރު ނަމާދުވެއްޖެއުމަށް ދާންދެން އިންނަވައެވެ. އެއަށްފަހު ޖަމާއަތުގައި މެންދުރު ނަމާދު ކުރައްވައެވެ.

އެކަލޭގެފާނުގެ ޙަލަޤާތަކަކީ ވަކި ފަންތިއެއްގެ ވަކި ގިންތިއެއްގެ ބަޔަކަށް ޚާއްޞަ ޙަލަޤާތަކެއް ނޫންނެވެ. އަޑުއަހާ ބައިވެރިވުމަށް ހަމަ ކޮންމެ މީހަކަށްވެސް ފުރުސަތު އޮންނަ ޙަލަޤާތަކެވެ. އެކަލޭގެފާނުގެ މުޅިދުވަސް ހޭދަކުރައްވަނީ މިފަދަ ގޮތަކަށެވެ. އަޅުކަންކުރެއްވުމާއި، މީސްތަކުންނަށް ފަތުވާދެއްވުމާއި، މީސްތަކުންގެ ބޭނުންތައް ފުއްދަވައިދެއްވުމުގައެވެ.  އެއަށްފަހު މަޣުރިބު ނަމާދުފުޅު ކުރައްވައިގެން އެކަލޭގެފާނުގެ ދަރިވަރުންކުރެ ދަރިވަރަކު ލައްވައި އެކަލޭގެފާނު ލިޔުއްވައިފައިވާ ފޮތްތަކުންގެ ތެރެއިން ފޮތެއް ކިޔުއްވައެވެ. އެއަށްފަހު އެ ފޮތުގެ ބައިތައް އިތުރަށް ދަރިވަރުންނަށް އޮޅުއްފިލުއްވައިދެއްވައެވެ.

ޢިޝާނަމާދާ ހަމައަށް މިކަންތައް މިގޮތަށް ކުރިއަށް ގެންދިޔުމަށްފަހު، ޢިޝާނަމާދަށްފަހުވެސް އެކަންތައް އެގޮތަށް ކުރިއަށް ގެންދެއެވެ. އެކަލޭގެފާނު ދުވާލާއި ރޭގަނޑު ގަޑީގައި  އަރަހުށި މާތްﷲ ހަނދުމަކޮށް ޒިކުރުކުރައްވައި އަސްތަޣުފާރު ކުރެއްވުންމަތީ ދެހުންނަވައެވެ.

ޚުލުޤުފުޅު

ابن تيميَّة رحمه اللّـه އަކީ ވަރަށް ޒުހުދުވެރި ބޭކަލެކެވެ. އެކަލޭގެފާނަށް ޤުރްއާން އުނގަންނަވައިދެއްވި މުދައްރިސު ވިދާޅުވެފައިވެއެވެ. [ ابن تيميَّة ގެ ބަފައިކަލުން އެކަލޭގެފާނު ވަރަށް ކުޑަ އިރު އަހަރެން ގާތު ސާޅީސް ދިރުހަމު ދެއްވައިފައި ވިދާޅުވިއެވެ. އޭނާ ބަރާބަރަށް ޤުރްއާން ކިޔަވަމުން ގެންދާނަމަ ކޮންމެ މަހަކު ސާޅީސް ދިރުހަމު ދެއްވާނެ ކަމަށް ވިދާޅުވާށެވެ. އޭރު އޭނާ އިތުރަށް ފަރުވާތެރިކަމާއެކު ޤުރްއާން ކިޔަވަފާނެއެވެ. ޤުރްއާން ކިޔެވުމަށް އިތުރަށް ހިތްވަރުކޮށްފާނެއެވެ.] 

ابن تيميَّة رحمه اللّـه އަށް އެކަލޭގެފާނުގެ މުދައްރިސު އެ ދިރުހަމުތައް ދެއްވުމުން އެކަން ޤަބޫލުފުޅެއް ނުކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [އޭ އުސްތާޛުއެވެ. ޤުރްއާން ކިޔެވުމުގެ ބަދަލުގައި އެއްވެސް ފައިސާއެއް ނުނެގުމަށް އަޅުގަނޑު މާތްﷲ އަށް ވަޢުދުވީމެވެ.]

ابن تيميَّة رحمه اللّـه ވަރަށް ބޮޑަށްވަނީ ދުނިޔޭގެ ޒީނަތާއި އޭގެ ހެއްލުންތަކުން ދުރުހެލިވެވަޑައިގެންނެވެ. އެކަލޭގެފާނަކީ ވަރަށް ދީލަތިފުޅު ބޭކަލެކެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި ހުރި ހުރިހާ އެއްޗެއް ހުސްވެއްޖައުމަށް ދާންދެން އެކަލޭގެފާނު ފަޤީރުންނާއި މިސްކީނުންނަށް ޞަދަޤާތް ކުރައްވާ ހައްދަވައެވެ.

އެއްދުވަހަކު އެކަލޭގެފާނު މަޖިލިސެއްގައި އިންނަވަނިކޮށް ނިކަމެތި މީހަކު އައެވެ. އޭނާ ހުރީ ބޮލުގައި އޮޅާލާނެ ފަގުޑުއަކަށް ބޭނުންވެފައެވެ. އެކަން ابن تيميَّة رحمه اللّـه އަށް އެނގިވަޑައިގެން ވަގުތުން އެކަލޭގެފާނުގެ އިސްތަށިފުޅުގައިވާ ފަގުޑި ނިއުޅުވައިލައްވައި ދެބައި ކުރައްވައި އެއްބައި އޭނާއަށް ދެއްވިއެވެ. އަނެއްބައި އެކަލޭގެފާނު ބޭނުންފުޅު ކުރެއްވިއެވެ.

އެކަލޭގެފާނުގެ އަރިހަށް މީހަކު ސުވާލެއް ކުރުމަށް އައިސްފިނަމަ އެކަލޭގެފާނު އެމީހަކާ ބައްދަލު ކުރައްވަނީ އުފާވެރި މޫނަކާއިގެންނެވެ. އޭނާ އެ ސުވާލުކޮށް ނިމިގެން ތެދުވެގެން އެނބުރި ދަންދެން އެއްވެސް ފޫހިފުޅުކަމެއްނެތި ހުންނަވައެވެ. މިކަމުގައި އަންހެނެއް ފިރިހެނެއް، ކުޑަކުއްޖެއް ޒުވާނެއް، ފަޤީރެއް ނިކަމެއްޗެއް އިސްތިސްނާއެއް ނުކުރައްވައެވެ.

އަވަހާރަވުން

ابن تيميَّة رحمه اللّـه ގެ ޙަޔާތްޕުޅުގައި އެކަލެގެފާނު އެތައް ފަހަރު ހައްޔަރުކުރެވި ޖަލަށް ލެވުނެވެ. އޭގެ އެންމެ ބޮޑު އެއްސަބަބަކީ އެޒަމާނުގައި އުޅުނު ބައެއް ޢިލްމުވެރިންނާއި ގާޒީން އެކަލޭގެފާނަށް ޙަސަދަވެރިވުމެވެ. އެކަލޭގެފާނު މިފަނާވަނިވި ދުނިޔެއާ އަލްވަދާއު ވިދާޅުވީވެސް ޖަލުގައި ހުންނަވަނިކޮށެވެ. އެކަލޭގެފާނު އަވަހާރަވީ 22 ޛުލްޤައިދާ ހިޖުރައިން 728 ވަނަ އަހަރުގެ ތެރޭގައި ދިމިޝްޤުގައެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅަކީ 67 އަހަރުފުޅެވެ.

އެކަލޭގެފާނުގެ ޖަނާޒާގައި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވިކަމަށް ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނުގެ ޖަނާޒާގައި 500،000 ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް މުއައްރިޚުން ބަޔާން ކުރައްވައެވެ. މުއައްރިޚުން ބަޔާން ކުރައްވާ ގޮތުގައި އިމާމު އަޙްމަދު ފިޔަވައި އެންމެ ގިނަ ބަޔަކު އެބޭކަލެއްގެ ޖަނާޒާގައި ބައިވެރިވިކަމަށް ތާރީޚު ހެކިދޭ ބޭކަލަކީ ابن تيميَّة رحمه اللّـه އެވެ. 

ابن تيميَّة رحمه اللّـه ގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދުފުޅު ކުރެއްވީ އެކަލޭގެފާނުގެ އަޚު زين الدين عبد الرحمن އެވެ. އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދު ކުރެވުނީ އެދުވަހުގެ މެންދުރުގެ ވަގުތުގައެވެ. ނަމަވެސް ކުރިންދެންނެވި ފަދައިން މީހުން ގިނަކަމުން ފަސްދާނުލެވުނީ ޢަޞްރު ވަގުތު ދާދި ގާތްވެފައި ވަނިކޮށެވެ. އެކަލޭގެފާނު ފަސްދާނުވެޑުވިފައިވަނީ އެކަލޭގެފާނުގެ އަޚް شرف الدين عبد اللّـه ގެ އަރިހުގައެވެ.

މިއަދު އޮންލައިން