ބުރަކޮށް މަސައްކަތްކުރާ ބައްޕައިންނަށް ޚާއްޞަ: ދަރިންގެ ލޯބި ލިބޭނީ ގަނެދޭ އަގުބޮޑުތަކެތިން ނޫންކަމާ އަޅައިލުމާ ލޯބިދީގެންކަން ސުންނަތުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 32ސ
ބުރަކޮށް މަސައްކަތްކުރާ ބައްޕައިންނަށް ޚާއްޞަ: ދަރިންގެ ލޯބި ލިބޭނީ ގަނެދޭ އަގުބޮޑުތަކެތިން ނޫންކަމާ އަޅައިލުމާ ލޯބިދީގެންކަން ސުންނަތުން-

ފައިސާއަށް ހުރިހާ އެއްޗެއް ގަނެވޭ ޒަމާން ނަމަވެސް ފައިސާއިން ނުގަނެވޭނެ ކަންކަންވެސް ހުރެއެވެ. އެއިގެ ތެރެއިން އެއްކަމަކީ ދަރިންގެ ލޯތްބެވެ. އެހެނަސް މިއަދު ވަރަށް ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ދަރިންނަށް ބޭނުންވާ ކޮންމެ އެއްޗެއް ގަނެދީ ކުދިންގެ ހިތް ފުރައިލުމުން އެއީ އެންމެ ރަނގަޅު ގޮތުގައި ދަރިން ބެލުނީ ކަމަށެވެ. ދަރިންގެ ލޯބިލިބޭނެ ކަމަށެވެ. 

ނަމަވެސް އެއީ މުޅިން ކުށްހީއެކެވެ. އަދި އިސްލާމް ދީނުގައި އެކަން އޮތްގޮތް ވަރަށް ތަފާތެވެ. ދަރިންނަށް ބޭނުންވާ ތަކެތި ހޯދައިދިނުމަކުން ނުފުދެއެވެ. އެއީ ބާޒާރުން ލިބެންހުރި އެންމެ އަގުބޮޑުތަކެތިނަމަވެސް މެއެވެ. 

ދަރިންނަށް އެންމެ ބޮޑަށް ބޭނުންވަނީ މައިންބަފައިންގެ، ކާފަ މާމައިންގެ ލޯތްބެވެ. ކުދިންގެ ހިތްތައް ފުރާލަދޭންޖެހެނީ ލޯބިންނެވެ. އަޅައިލުމުންނެވެ. ރަސޫލް () ސުންނަތުން މިކަން ވަރަށް ވަރަށް ރަނގަޅަށް ފެންނަން އެބައޮތެވެ. 

އިބްރާހީމްގެފާނު އާލާސްކަންފުޅާ އުޅުއްވެވި ދުވަސްވަރު ވެސް ގަދަވެ ސަލާމަތުން ހުންނެވިއިރުވެސް ކިތަންމެ ގިނަ ކަންކަން ކުރައްވަވަން ހުއްޓައިވެސް ގަނޑުވަރަށް ވަޑައިގެން ރަސޫލް އިބްރާހީމްގެފާނަށް ޚިދުމަތް ކުރެއްވެވިއެވެ. ލޯބި ދެއްވެވިއެވެ.

ވީއިރު ދަރިންނަށް ލޯބިދޭނެ ވަގުތު، އަޅައިލުންދީ ޚިދުމަތްކުރާނެ ވަގުތު ބިޒީކަމުން ނުވަނީކަމަށް ބުނެގެން ފުއްދައިލެވޭނީ ކިހިނަކުން ހެއްޔެވެ؟ ބައްޕަގެ ހަމައެކަނި ޒިންމާއަކީ ޚަރަދުކުރުން ކަމަށާއި ދަރިން ބެލުމަކީ މަންމަގެ އެކަނި ޒިންމާއެއްކަމަށް ހަދައި ނިންމައިލެވޭނީ ކިހިނަކުން ހެއްޔެވެ؟ 

ރަސޫލް () ގެ ދަރިކަނބަލުން ފާޠިމަތުގެފާނުގެ ދެދަރިކަލުން ކަމަށްވާ ޙަސަންގެފާނަށާއި ޙުސައިންގެފާނަށްވެސް ލޯބި ދެއްވެވިއެވެ. އަޅައިލުން ދެއްވެވިއެވެ. ދެދަރިކަލުންނާއިއެކު ކުޅިވަރުކުޅުއްވަވައި ހެއްދެވިއެވެ. އަދި މަގުމަތިން ބައްދަލުވެވަޑައިގަންނަވާ ކުޑަކުދިންނާއި ސަމަސާކުރައްވަވައި އެކުދިން ކުޅޭ ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގެން އެކުދިންނާއިއެކު ކުޅިވަރުކުޅުއްވަވައި ހެއްދެވިއެވެ.

މިކަންކަމުން އެނގެންދަނީ ދަރިން ނަމަވެސް ކާފަދަރިންނަމަވެސް އަދި އެހެން މީހުންގެ ކުދިންނަމަވެސް އެކުދިންނަށް ލޯތްބާއިި އަޅައިލުން ދިނުމަކީ އަދި އެކުދިންނާއިއެކު ވަގުތުހޭދަކޮށް ކުޅިވަރުކުޅެ ހެދުމަކީ ސުންނަތަށް އަމަލުކުރުމުގެތެރެއިންވެސް ކުރަންޖެހޭ ކަންކަންކަމެވެ. ވީއިރު އެކަންކަން ނުކޮށް ހަމައެކަނި ޚަރަދުކުރުމަކުން އެއީ ދަރިންނާއި އަޅައިލެވުނީ ކަމަށް ބެލެވޭކަށް ނެތެވެ. ސުންނަތުގައި މިފަދައިން އޮތުމުން ކުދިންނަށް ލޯބިދީ އަޅާލައި ކުދިންނާއިއެކު ކުޅިވަރުކުޅެ އެކުދިންނަށް އުފާކޮށްދިނުން މިވަނީ ސުންނަތުގެ ތެރެއިންނެވެ. ޘަވާބު ލިބޭނެ އަޅުކަމެއްގެ ގޮތުގައެވެ. 

ދަރިންނަށް ކިތަންމެވަރަކަށް ޚަރަދުކުރިނަަމަވެސް އެކުދިންގެ ލޯތްބެއްވެސް ހަމައެކަނި ޚަރަދުކުރުމަކުން ނުހޯދޭނެއެވެ. އެކަން އެނގިގެންދަނީ ހަމައެކަނި ޚަރަދުކުރާ މައިންބަފައިން  އެމީހުންނަށް ދަރިންގެ ލޯތްބާއި އަޅައިލުން ބޭނުންވާ ދުވަހު ދަރިންގެ ކިބައިން އަޅައިލުމާއި ލޯބިނުލިބޭތީއެވެ. ލިބޭ އާމްދަނީ މަދުވުމުން ދަރިންނަށް ކުރެވޭ ޚަރަދު ކިތަންމެ މަދުވި ނަމަވެސް މައިންބަފައިންނަށް އަޅައިލުމާއި ލޯބި ބޭނުންވާ ދުވަހު ދަރިންގެ ކިބައިން އެކަންކަން ލިބޭތީއެވެ. ލިބޭމިންވަރު އިތުރުވާތީއެވެ. މިކަންކަމަކީ މިހާރު ކުރެވެމުންދާ ދިރާސާތަކުންވެސް އގެމުންދާ ކަންކަމެވެ. 

"އެހެން މީހުންނަށް ރަޙުމް ނުކުރާ މީހަކަށް ރަޙުމް ނުލިބޭނެ" ކަމަށް ކުރައްވަވާފައިވާ ޙަދީޘްފުޅުން މިކަންކަން ޔަޤީންކުރެވިގެންދެއެވެ. މިފަދައިން ހަދީޘްފުޅު ކުރެއްވެވީ 10 ދަރިން ތިބެމެ އެއިން އެއްވެސް ދަރިއަކަށް ބޮސްނުދޭކަމަށް ޞަޙާބީއަކު ދެންނެވި ހިނދުގައެވެ. ވީމާ ވަރަށް ސާފުކޮށް އެނގިގެންމިދަނީ ދަރިންގެ ކިބައިން ރަޙުމާއި ކުލުނު ބޭނުންވާނަމަ ދަރިންނަށް ރަޙުމްކުރަންޖެހޭ ކަމެވެ. ލޯބިދޭންޖެހޭ ކަމެވެ. 

ހަމައެއާއިއެކު ދަރިންނަށް ހެޔޮދުޢާކުރަންވީ ހަމައެކަނި މިސްކިތުގައި އިނދެގެނެއްވެސް ނޫނެވެ. ރަސޫލް () ވަނީ އުނގުޅުގައި ދެބޭފުޅުން ބައިތިއްބަވައިގެން އިންނަވައި އެދެބޭފުޅުންނަށް  ﷲ ތަޢާލާގެ ޙަޟްރަތުން ރަހްމަތަށާއި ލޯތްބަށް އެދިވަޑައިގެން ދުޢާކުރައްވަވައިފައެވެ. 

ވީމާ މިއީވެސް ހަމަ ކުރަންޖެހޭ ކަންކަމެވެ. 

މިހުރިހާ ވާހަތައް އަޑުއަހާފައި ބުނެފާނެއެވެ. ކިތަންމެ ލޯބިން ދަރިން ގެންގުޅުނު ނަމަވެސް އެކުދިން ބޮޑުވުމުން ކަންކަން ކުރަނީ ކުރާނެ ގޮތަކަށެވެ. އަޅައިވެސްނުލައެވެ. އެގޮތަށްވެސް މެދުވެރިވެދާނެއެވެ. ޔަޤީންކުރަންވީ ސުންނަތަށް ޢަމަލުކުރުމުން އެކަމުގެ ޘަވާބާއި އެމީހަކަށް ﷲ ތަޢާލާ ދެއްވަވާނެކަމެވެ. ވީމާ ދަރިން ކަންކަން ކޮށްފާނެ ގޮތަކާއިމެދު ކަންބޮޑުވުމުގެ އޮތީ ބޭނުމެއް ހެއްޔެވެ؟ 

 -އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން