ދަމުނަމާދުކުރަން ބޭނުންވެ ނުހޭލެވޭ މީހުންނަށް އެކަމަށް ޔަޤީން ޙައްލު! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދަމުނަމާދުކުރަން ބޭނުންވެ ނުހޭލެވޭ މީހުންނަށް އެކަމަށް ޔަޤީން ޙައްލު! އިން ޝާ ﷲ

ނިދީގެ ކަންކަން އެކިމީހުންނަށް ހުންނާނީ އެކިގޮތަށެވެ. ބައެއް މީހުންނަށް ކިރިޔާ ސޯނާގެ އަޑުއިވުނަސް ވަރަށް ފަސޭހައިން ހޭލެއެވެ. އަނެއްބައަކަށް ކިތަންމެ ވަރަކަށް ސޯނާވިނަމަވެސް ނުހޭލެވި އެބަދެއެވެ. އަހަރެމެންނަށް އޮތީ ހޭލަން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރުމެވެ. 

ދަމުނަމާދުކުރަން ބޭނުންވި ނަމަވެސް ބައެއް މީހުން ނުކުރެވޭ ސަބަބެއްކަމުގައި ވެފައި އޮންނަނީ ދަންވަރު 2 ގެ ފަހުން ހޭލައިގެން ނޫނީ ދަމުނަމާދުކުރުމުގެ ޤަޞްދު އޮންނަމިންވަރު ބޮޑުކަމެވެ. ނަމަވެސް ނިދުމަށްފަހު އެ ވަގުތު ނުހޭލެވެތީ ނުކުރެވެނީ އެވެ. 

މިފަދަ ކަންކަން މެދުވެރިވެދާނެކަމަށްޓަކައި އޮތީ ނިދުމަށްފަހު ދަމުނަމާދު ކުރަން ނުހޭލެވޭ ނަމަ ޢިޝާ ނަމާދަށްފަހު ނިދުމުގެ ކުރިން ދަމު ނަމާދުކޮށްގެން ނިދުމެވެ. ނިދުމަށްފަހު ނުހޭލެވޭނެ މީހުންނަށް ޢިޝާ ނަމާދަށްފަހު ދަމުނަމާދު ކުރެވިދާނެއެވެ. އަދި އެއިގެފަހުން ނިދުމުގެ ކުރިން ދަމު ނަމާދުކޮށްގެންވެސް ނިދިދާނެއެވެ.   

ދަމުނަމާދު ކުރުން އެންމެ ރަނގަޅީ ރޭގަނޑުން ބައެއްގައި ނިދުމަށްފަހު ހޭލައިގެންނެވެ. ނަމަވެސް  ނިދުމަށްފަހު ހޭނުލެވިދާނެ ކަމަށް ޤަބޫލުކުރެވޭނަމަ ޢިޝާ ނަމާދުކުރުމަށްފަހު ކޮންމެ ވަގުތަކު ވެސް ދަމު ނަމާދު ކުރެވިދާނެއިރު އެންމެ މުހިންމީ ދަމުނަމާދުކޮށްގެން ނިދުމެވެ. 

މައްސަލައަށް އޮތް އެންމެ ރަނގަޅު އެއް ޙައްލަކީ ޢިޝާ ނަމާދަށްފަހު ވިތުރީގެ 2 ރަކްޢަތް ނަމަވެސް ކޮށްގެން އަވަހަށް ނިދައި ފަތިސް ނަމާދުގެކުރިން ހޭލައި ދަމުނަމާދާއި ވިތުރީގެ ފަހު 1 ރަކްޢަތް ކުރުމެވެ. ތަކުރާރުކޮށް ބުނަމެވެ. ނިދުން އަވަސްކުރާށެވެ! ޢިޝާނަމާދަށްފަހު ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރަން ނޫނީ ހޭލައި ނުހުންނާށެވެ. 

ހަމަ އެއާއިއެކު ވުޟޫކޮށްގެން ނިދުމާއި ނިދުމުގެކުރިން އާޔަތުލްކުރުސި ކިޔަވައި އަދި ނިދުމުގެކުރިން ކިޔަންޖެހޭ ޛިކުރުތައް ކިޔައިގެން ނިދާށެވެ. ގަޑި ނުވަތަ ފޯނު ސޯނާވެސް ކުރާށެވެ. އެއިރުން ތިބާ އެދޭފަދައިން ތިބާއަށް ހޭލެވޭނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން