މި ދެ ވަގުތުކޮޅު ދަރިންނާއެކު ހޭދަކުރާނަމަ ދަރިންގެ ހިތުގަ ދީނަށް ލޯބިނެތިގެން، ތިމާގެ ތަޤްވާވެރިކަން ކުޑަވާތީ ކަންބޮޑުވާކަށް ނުޖެހޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 2ސ
މި ދެ ވަގުތުކޮޅު ދަރިންނާއެކު ހޭދަކުރާނަމަ ދަރިންގެ ހިތުގަ ދީނަށް ލޯބިނެތިގެން، ތިމާގެ ތަޤްވާވެރިކަން ކުޑަވާތީ ކަންބޮޑުވާކަށް ނުޖެހޭނެ! އިން ޝާ ﷲ

ދަރިން ބޮޑެތިވާއިރު އިސްލާމް ދީނަށް ހުންނަން ޖެހޭ ލޯބި އެކުދިންގެ ހިތްތަކުގައި ނެތުމުން މައިންބަފައިން ހިތާމަކުރެއެވެ. އަދި އެއީ އެމީހުން އެކުދިންގެ ކިބައިން އުންމީދުކުރި ގޮތް ނޫންކަމަށްވެސް ބުނެއެވެ. އަދި ޒަމާން ކުށްވެރިކޮށް މައްސަލަ ނިންމައިލަންވެސް އުޅެއެވެ. ވީމާ ކަމުގެ ޙަޤީޤަތަށް ބަލައިލަމާހެއްޔެވެ؟ 

ދަރިންގެ ހިތުގައި ދީނަށް ލޯބިޖައްސުވުމަށާއި އަދި ތިމާގެ ތަޤްވާވެރިކަން އިތުރުކުރަން އެދޭމީހާ ނަގާލައިގެން ނުވާނެ 2 ވަގުތެއްވެއެވެ. އެއީ ފަޖުރުލީންސުރެ އިރުއެރުމާއި ދެމެދުގައިއެވާ ވަގުތާއި މަޣްރިބް ނަމާދަށް ބަންގިގޮވީންސުރެ ޢިޝާނަމާދުކޮށް ނިމުމާއި ދެމެދުގައިވާ ވަގުތެވެ. މިދެވަގުތު ދަރިންނާއިއެކު އަޅުކަމުގައި ހޭދަކޮށްފިނަމަ އެމީހަކު ވެގެންދާނީ ހުރިހާ ގޮތަކުން ކާމިޔާބު މީހަކަށެވެ. ދެދުނިޔެވެސް ކާމިޔާބުކުރާ މީހަކަށެވެ. އިން ޝާ ﷲ 

ފުރަތަމަ ބަލައިލަންވީ ފަތިސް ވަގުތަށެވެ. ފަތިސްނަމާދު ޖަމާއަތުގައި ކުރުމަށްވުރެ ފައިދާހުރި އެއްވެސް ކަމެއް ނެތްކަމަށް ބުނެވިދާނެއެވެ. މުޅި ދުވަހުގެ ކާމިޔާބީ އެކަމާއި ގުޅިފައިވާތީއެވެ. ދަރިންނާއިއެކު ފަތިސްނަމާދުކުރުމަށްފަހު އެކުދިންނާއިއެކު ޤުރްއާން ކިޔަވަން ނިކަން އިނދެބަލާށެވެ. ނޫންނަމަ އިރުކޮޅަކު ކުދިންނާއިއެކު ޤުރްއާން ކިޔެވުމަށްފަހު އެކުދިން ލައްވައި ފިލާވަޅުތައް ދަސްކުރުވުމުގައި ބައިވެރިވެބަލާށެވެ! ދަރިންނަކީ ހުރިހާ ގޮތަކުންވެސް އެންމެ މޮޅު، އެންމެ ކާމިޔާބު ދަރިންގެ ގޮތުގައި ދާދިއަވަހަށް ފެންނަން ފާށާނެއެވެ. 

ދެން އޮތީ މަޣްރިބް ނަމާދު ވަގުތެވެ. ގިނަބައަކު އެވަގުތު މިހާރު ބޭނުންކުރަމުން ގެންދަނީ އިބިލީހަށް ކުރާކައްކައިދިނުމަށެވެ. އިބިލީސް ރުއްސައި އިބިލީސް އުފާކޮށްދިނުމަށެވެ. 

މަޣްރިބް ނަމާދުވަގުތު ޖެހުމުންވެސް އެންމެ މިހުންމީ ޖަމާޢަތުގައި މަޣްރިބް ނަމާދުކުރުމެވެ. އެއަށްފަހު ޢިޝާ ނަމާދާއި ދެމެދުގައި ލިބޭ 40 ވަރަކަށް މިނިޓުގެ ބޭނުން ހިފަންވީ ޤުރްއާން ކިޔެވުން ފަދަ އަޅުކަމެއް ކުރުމަށެވެ. ދަރިންލައްވައިވެސް ކުރުވަންވީ އެފަދަ ކަންކަމެވެ. 

ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. 

މަޣްރިބް ނަމާދުން ފައިބައިގެން ގެއަށް ވަނުމަށްފަހު ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމަތައް ބަލާ މީހަކަށް ވެގެން ޖަމާޢަތުގައި ޢިޝާ ނަމާދުކުރަން ދަތިތައް ހުންނާނެއެވެ. މިބުނި ފަދަ ޕްރޮގްރާމްތައް ބެލުމުން އެމީހެއްގެ ހިތަށް ވަންނާނީ އެޕްރޮގްރާމްތަކުން ފެނުނު ކަންކަމެވެ. ގިނަ މީހުންގެ ސިކުނޑީގައި އަބަދުވެސް އެންމެ ފަހުން ހަރުލާފައި ހުންނާނީ ތިމާއަށް އެންމެ ފަހުން ފެނުނު ކަންކަމެކެވެ. މަންޒަރުތަކެވެ. އެއީ އިންސާނީ ޠަބީޢަތެވެ. ވީމާ ދާދި ދެންމެ ބެލި ޓީވީ ޕްރޮގްރާމްތަކުން ފެނުނު ކަންކަން ސިކުނޑީގައި ބަހައްޓައިގެން ޢިޝާ ނަމާދުކުރަން އުޅުމުން ފަސޭހައެއް ނުވާނެއެވެ.\ 

މަޣްރިބް ނަމާދާއި ޢިޝާ ނަމާދާއި ދެމެދު އެންމެ ރަނގަޅީ ކީރިތި ޤްރްއާން ކިޔެވުމުގައި ހޭދަކުރުމެވެ. އަހަރެންގެ އަމިއްލަ ތަޖުރިބާއިން ބުނެފާނަމެވެ. މަޣްރިބް ނަމާދާއި ޢިޝާ ނަމާދާއި ދެމެދުގައި ލިބޭ ވަގުތުކޮޅުގެ ބޭނުން އަހަރެން ހިފަނީ ކީރިތި ޤްރްއާން ކިޔެވުމަށެވެ. ހަމަޖެހިލައިގެން އިނދެ ރޭގަނޑު ކިޔަވަންޖެހޭ ސޫރަތްތައް ކިޔަވައިލެވެއެވެ. އެއިރުން ރޭގަނޑު ކިޔަވަންޖެހޭ ގިނަ ސޫރަތްތަކެއް ކިޔެވުނީއެވެ. ޢާންމުކޮށް ގިނަ ބައަކު ކިޔަވައި އުޅޭ ސޫރަތްތައް ކިޔެވުނީއެވެ. މިސޫރަތްތައް ކިޔެވުމުގެ ފައިދާގެ ވާހަކަތައް އަބަދުވެސް މިގެންދަނީ ދައްކަމުންނެވެ. 

ދެ ނަމާދު ދޭތެރޭގައި ޓީވީ ބެލި ނަމަވެސް ބޭކާރު ޕްރޮގްރާމްތައް ބެލުމުގެ ބަދަލުގައި ދީނީ ކޮންމެވެސް ޕްރޮގަރާމެއް ބަލާށެވެ! އެއިރުން ޢިޝާ ނަމާދަށް މީހާ ތާޒާވާނެ އެވެ. ނަމަވެސް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ބަލާނަމަ އެ ތާޒާކަން ނުލިބޭނެ ވާހަކައެވެ. 

ޢިލްމުވެރިންގެ މިފަދަ ވާހަކަފުޅުތަކުން ފިލާވަޅު ލިބިގަންނާށެވެ! ދަރިންގެ ހިތްތަކުގައި އިސްލާމް ދީނަށް ޝައުޤުވެރިކަން އުފެދިގެންދާނީ މައިންބަފައިންގެ އަމަލުތަކުންނެވެ! މައިންބަފައިން ދަރިންނަށް ނަމޫނާ ދެއްކުމުންނެވެ.   

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން