މަދުވެދާނެތީ ޖެހިލުންނުވެ، ﷲ ގެ މަގުގަ ހޭދަކުރެވޭތީ އުފަލުންހުރެ ހޭދަކުރާމީހުންނަށް ބޮޑުތަނުން ތަނަވަސްކަން އިތުރުވާނެ!: އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
މަދުވެދާނެތީ ޖެހިލުންނުވެ، ﷲ ގެ މަގުގަ ހޭދަކުރެވޭތީ އުފަލުންހުރެ ހޭދަކުރާމީހުންނަށް  ބޮޑުތަނުން ތަނަވަސްކަން އިތުރުވާނެ!: އިން ޝާ ﷲ: މުފްތީ މެންކް

އެންމެން ވެސް ބިރު ގަނެއެވެ. އެކި މީހުން އެކި ކަންކަމަށެވެ! އެކި މިންވަރަށެވެ! ބައެއް މީހުން އަނދިރިވުމުން ބިރުގަނެއެވެ. ޖިންނި ފުރޭތަ ދެކެ ބިރުގެންފާނެއެވެ. އަނެއްބައަކު މީހަކު ދީފާނެ ބޮޑު ގެއްލުމަކަށް ބިރުގެންފާނެއެވެ. މިހެންގޮސް ތަފާތު ކަންކަމަށް މީހުން ބިރުގަނެއެވެ. 

މިފަދަ ހުރިހާ ބިރުތަކުގެ ތެރެއިން ވެސް އެންމެ ގެއްލުންހުރި ބިރަކީ ކޮބައިކަމާއިމެދު ވިސްނަނީ މަދު މީހެކެވެ. އެހެންކަމުން މިރޭ ބަހެއް ބުނެވޭތޯ މި މަސައްކަތްކުރަނީ އެބިރާއިމެދުގައެވެ. 

ބައެއް މީހުން ﷲ ތަޢާލާގެ މަގުގައި ހޭދަކުރެއެވެ.  ނަމަވެސް އެކަން ކުރަނީވެސް އެކަމުގެ ސަބަބުން ފަޤީރުވެދާނެ ކަމުގެ ބިރުވެރިކަމުގައި ތިބެއެވެ.  ﷲ ތަޢާލާގެ މަގުގައި ހޭދަކުރާ ތަކެއްޗަކީ ތިމާގެ އަތުން ބީވެގެންދާ މުދައު ނުވަތަ ފައިސާ ކަމަށް ހީކޮށް އެކަމުގެ ބިރުގައެވެ. އެގޮތަށް އެކަންކަމަށް ބިރުވެތިވާ މީހުންނަށް ގާތީ ހަމަ އެގޮތް މެދުވެރިވުމެވެ. ވީމާ މާލީ ގޮތުން ބަލައިފިނަމަ ތިމާއަށް އެންމެ ބޮޑަށް ގެއްލުންހުރި ބިރަކީ އެއީ ނޫންހެއްޔެވެ؟ 

އެހެން ނުހަދާށެވެ! ޞަދަޤާތެއް ކުރާއިރު އެއީ ތިމާގެ އަތުން ބީވެގެންދާ އެއްޗެއް ކަމަށް އެއްގޮގަތަކަށްވެސް ޤަބޫލު ނުކުރާށެވެ. އެއީ ތިބާއަށް ގެއްލިގެންދާ އެއްޗެއް ނޫނެވެ. އަބަދުވެސް ޔަޤީންކުރަންވީ ﷲ ގެ މަގުގައި ހޭދަކޮށްފި ނަމަ ހޭދަކުރި ޖީބަށް އެނބުރި ވަންނާނީ އެތައް ގުނައެއް އިތުރުވެގެން ކަމެވެ. އެއީ ކީރިތި ޤުރްއާނުން ޔަޤީންކަން ލިބެން އޮތް ކަމެކެވެ. ވީމާ ޝައްކުކޮށް ކަންބޮޑުވާންވީ އެއްވެސް ސަބަބެއް ނެތެވެ. 

ޞަދަޤާތްކުރުމަށްފަހު ތިމާ ކުރާ ހެޔޮ އަމަލުތައް އިޝްތިހާރުކޮށް އިސްރާފު ނުކުރާށެވެ! އެކަން ބާއްވަންވާނީ ތިމާ އާއި ﷲ ތަޢަލާ ޢާއި ދެމެދުގައެވެ. އެއަތުން ކުރާ ޞަދަޤާތް އަނެއް އަތަށް ވެސް ސިއްރުކުރަން ﷲ ތަޢާލާ އަންގަވާފައިވަނީ އެ ސަބަބަށްޓަކައެވެ. 

ހެޔޮ އަމަލުތައް ކުރަނީ ﷲ ތަޢަލާގެ ރަހްމަތްފުޅަށް އެދިގެން ނޫން ހެއްޔެވެ؟ ތިބާ ކުރާ ކޮންމެ އަމަލެއް ﷲ ތަޢާލާ ހަމަ ވަގުތުން އެންމެ މޮޅަށް ދެކެ ދެނެވޮޑިގެންވެއެވެ. ވީއިރު ބައަކަށް އިޝްތިހާރުކޮށް އެކަމުގެ ބަރަކާތް ނަގާލަންވީ ކީއްކުރަން ހެއްޔެވެ؟ ދެއްވަވަން އޮތް ބޮޑު ނިޢްމަތް ދޫކޮށްލަންވީ ކީއްކުރަން ހެއްޔެވެ؟ 

ޞަދަޤާތް ކުރެވޭނީ ހަމަ އެކަނި މުއްސަނދިންނަކަށް ނޫނެވެ. މުއްސަންޖަކު ހޭދަކުރާ މިލިއަނަކާއި ފަޤީރަކު ހޭދަ ކުރާ އެންމެ ފައިސާ ފޮތްޗެއްގެ އަގު ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ނުބައްދަލުވެދާނެކަން އަބަދުވެސް ހިތުގައި ބާއްވާށެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން