ބިރުވެތިވެ ރައްކާތެރިވޭ! ދުލުން ބުނާ ބަހަކުން ތިބާއަކީ ޙަރަމްފުޅުގެ ޙުރުމަތަށް ގެއްލުންދޭ މީހަކަށްވެދާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ބިރުވެތިވެ ރައްކާތެރިވޭ! ދުލުން ބުނާ ބަހަކުން ތިބާއަކީ ޙަރަމްފުޅުގެ ޙުރުމަތަށް ގެއްލުންދޭ މީހަކަށްވެދާނެ!: މުފްތީ މެންކް

މީހަކާއިއެކު ކިތަންމެ ގިނަ ދުވަހަކު އެކުވެރިކަމުގައި އުޅެފައިވެސް ހިތްހަމަނުޖެހުމުން އަނެކާގެ ބޮލުގައި ދޮގުއިލްޒާމްތައް އަޅުވައި އޭނާ ނިކަމެތިކުރަން ބިރުގަންނަ މީހުން މަދުވެއްޖެއެވެ. މިއީ ވަރަށް ގިނައިން ދެއްކޭ ވާހަކައެކެވެ. ދައްކަނީ ހަނދާންކޮށްދޭންޖެހޭތީއެވެ.  

މީހަކާއިމެދު އެއްކޮޅަށް ނަމަވެސް ނުވަތަ ދެކޮޅަށް ނަމަވެސް ބަހެއް ބުނާނަމަ ބަސް ރައްދުވާ މީހާގެ ޙަޤީޤަތް ރަނގަޅަށް އެނގެންޖެހޭނެއެވެ. މީހާގެ ޙަޤީޤަތް ނުއެނގިހުރެ އެއްވެސް މީހަކާއިމެދު ބަހެއް ބުނެ ބަޔާނެއް ދިނުމަކީ ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ. 

އެހެންކަމުން އެކަން ބަޔާން ކުރައްވަވައި ޢުމަރުގެފާނު ވަނީ މީހަކު އެނގޭކަމަށް ބުނި މީހަކާއި 3 ކަމަކުން ސުވާލުކުރައްވަވައިފައެވެ. 

1 ތިބާއަކީ އޭނާގެ އަވަށްޓެރިއެއްތޯއެވެ؟ އޭނާ ދުވަސް ހޭދަކުރާގޮތް އެންމެ ދުވަހަކުވެސް ފެނިފައިވޭތޯއެވެ؟ 2 އޭނާ އާއިއެކު ދިގުމުއްދަތަކަށް ވިޔަފާރިކުރިންހެއްޔެވެ؟ ވިޔަފާރީގެ މުޢާމަލާތްތައް އޭނާކުރާ ގޮތް އެނގޭ ހެއްޔެވެ؟ 3 އޭނާ އާއިއެކު ދަތުރެއްކުރިންހެއްޔެވެ؟ 

މި 3 ސުވާލުގެ ޖަވާބަކަށް ނޫނެކެވެ ދެންނެވުމުން ޢުމަރުގެފާނު ވިދާޅުވީ އެހެންކަމަށްވާއިރު ތިބާއަށް އޭނާ ނުއެނގޭ ކަމަށެވެ. ތިބާއަށް އޭނާ އާއި ބައްދަލުވެފައިވީނަމަވެސް އޭނާގެ ޙަޤީޤަތް ނުއެނގޭނެ ކަމަށެވެ. 

ޚާއްޞަކޮށް މީހަކަށް އެއްވެސް ދެރައެއް ނިކަމެތިކަމެއް ލިބިދާނެ ފަދަ ކަމެއްގައި ބަޔާން ދޭނަމަ އެމީހާގެ ޙަޤީޤަތް ވަރަށް ބޮޑަށް އެނގޭ މީހަކަށްވާންޖެހޭނެއެވެ. އެހެނީ ނުއެނގިހުރެ ދެވޭ ބަޔާނަކުން އެމީހާގެ މުޅިދިރިއުޅުންވެސް ހަލާކުވެގެންހިނގައިދާނެއެވެ. 

ޙަދީޘްފުޅުން އެނގެން އޮތީ މުސްލިމެއްގެ ޢިއްޒަތާއި ޝަރަފަކީ ޙަރަމްފުޅުފަދައިން މަތިވެރިވެގެންވާ އެއްޗެއްކަމެވެ. ޙަރަމްފުޅަށް ގެއްލުމެއް ދޭން އެއްވެސް މުސްލިމަކު ބޭނުމެއް ނުވާނެއެވެ. ވީއިރު މުސްލިމެއްގެ ޢިއްޒަތާއި ޝަރަފް ނަގައިލަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟ 

ހިތާމައަކީ މިކަންކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި މީސްތަކުންގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވައި އެމީހުންގެ ޢިޒަތާއި ޝަރަފް ނަގާލަމުން ގެންދާކަމެވެ. އެއްގޮތަކަށްވެސް އެފަދަ ކަންކަން ނުކުރާށެވެ! 

--މުފްތީ މެންކްގެ ދަރުސަކުން  

 

 

މިއަދު އޮންލައިން