އަލީ އިހްސާން ފިރާޤް
އެއްފަހަރަކު ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ޢާއިލާގެ ބޭފުޅުން އެއްކުރައްވާ އެބޭފުޅުންނަށް ދުޢާކުރެއްވިއެވެ. އެބޭފުޅުންގެ ތެރޭގައި ފާޠިމަތުގެފާނާއި، ޢަލީގެފާނާއި މާތް ރަސޫލާގެ އެހެން އަހުލުބައިތުން ހިމެނިވަޑައިގަންނަވައެވެ. މާތް ރަސޫލާ އެބޭފުޅުންނަށް ދުޢާކުރައްވަން ފެއްޓެވުމުން ޞަޙާބީބޭކަލެއްކަމުގައިވާ ޘައުބާން ބިން ބުޖްދުދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.
[އޭ މާތްﷲ ގެ ރަސޫލާއެވެ. އަޅުގަނޑަކީ ކަލޭގެފާނުގެ އަހުލުބައިތުންގެ ތެރޭގައި ހިމެނޭ މީހެއް ނޫންތޯއެވެ؟] މާތް ރަސޫލާ ޖަވާބު ދެއްވިއެވެ. [މުއްސަންޖެއްގެ އަތުން ނުވަތަ ވެރިއެއްގެ އަތުން އެއްވެސް އެއްޗަކަށް ނުވަތަ ކަމަކަށް ނޭދޭނަމަ ކަލޭގެފާނު ހިމެނިގެންވަނީ ތިމަންކަލޭގެފާނުގެ އަހުލުބައިތުންގެ ތެރެއިންނެވެ.] { މުޢުޖަމުލް އަވްސަޠު، ވޮލިޔުމް 2، ސ. 85، ޙަދީޘް 2607}
ނަންފުޅާއި ނަސަބުފުޅު
ޘައުބާންގެފާނު ކުންނިއްޔަތަކީ أبو عبد الله އެވެ. އެކަލޭގެފާނު އުފަންވެވަޑައިގެންނެވީ މައްކާ އާއި ޔަމަނާ ދެމެދުގައިވާ السراة އޭ ކިޔުނުތަނެއްގައެވެ. ޙަޤީޤަތުގައި ޘައުބާންގެފާނަކީ މާތް ރަސޫލާއަށް ލިބިވަޑައިގެންނެވި އަޅެކެވެ. ނަމަވެސް މާތް ރަސޫލާވަނީ އެކަލޭގެފާނު މިނިވަންކުރައްވައިފައެވެ. މާތް ރަސޫލާ ޘައުބާންގެފާނު މިނިވަން ކުރެއްވުމަށްފަހު ދެ ގޮތަކަށް އިޚްތިޔާރު ދެއްވިއެވެ. އެއީ އެނބުރި އަހުލުވެރިންގެ ގާތަށް ވަޑައިގެންނެވުމެވެ. ނުވަތަ މާތް ރަސޫލާގެ ޚިދުމަތުގައި ހުންނެވުމެވެ. ޘައުބާންގެފާނު ޚިޔާރުކުރެއްވީ ފަހުން މިދެންނެވުނު ގޮތެވެ.{އުސްދުލް ޣާބާ، ވޮލިޔުމް 1، ސ. 67}
ޘައުބާންގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ ثوبان مولى النبي محمد ނުވަތަ ثوبان النبوي ގެ މަތިވެރި ލަޤަބުފުޅުންނެވެ. އެކަލޭގެފާނަކީ މާތް ރަސޫލާގެ ޚާއްޞަ 8 މުއައްޒިނުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އެއްފަހަރަކު ޘައުބާންގެފާނު ފަތިސް ބަންގި ގޮވައިލެއްވުމުގެ އިޒުނައަކަށް މާތް ރަސޫލާގެ އަރިހުން އެދިވަޑައިގެންނެވި ވާހަކަ ޙަދީޘް ފޮތްތަކުގައި ރިވާވެގެން އައިސްފައިވެއެވެ.{ މުޞައްނަފް ޢަބްދުލްރައްޒާޤު، ވޮލިޔުމް 1، ސ. 365، ޙަދީޘް 1891}
މާތް ރަސޫލާގެ އަރިހުގައި
ޘައުބާންގެފާނަކީ ސާފު ޠަބީއަތެއްގެ ވެރިބޭކަލެކެވެ. އެކަލޭގެފާނު މާތްﷲ ގެ ޤަޟާޤަދަރަށް ފުރިހަމައަށް ރުހިވަޑައިގަންނަވައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ޘައުބާންގެފާނު ދިރިއުޅުއްވަމުން ގެންދެވިއިރު އެކަލޭގެފާނަށް ޙަވާލުކުރައްވައިފައިވާ ޒިންމާއަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަހުލުބައިތުގެ ޚަރަދުތައް ބެލެހެއްޓެވުމެވެ. {އަލްއަންސާބް ލި ސަމްޢާނީ، ވޮލިޔުމް 1، ސ. 516}
ޘައުބާންގެފާނު ވިދާޅުވެފައިވއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙައްޖަތުލް ވަދާޢުގައި ޤުރްބާން ކުރެއްވުމަށްފަހު ތިމަންކަލޭގެފާނަށް ޙަދީޘް ކުރެއްވިއެވެ. [އޭ ޘައުބާންއެވެ. މީގެ މަސް ރައްކާކުރާށެވެ. ދެން ތިމަންކަލޭގެފާނު އޭގެ މަސްތައް ކުނިނުވާގޮތަށް ރައްކާކުރީމެވެ. އަދި މަދީނާއަށް ދެވެންދެން މާތް ރަސޫލާއަށް އޭގެ މަސް ފަރީކުޅުއްވަން ދެއްވީމުއެވެ. { މުސްލިމް، ސ. 840، ޙަދީޘް 5110،5112}
އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ޘައުބާންގެފާނަށް ވިދާޅުވިއެވެ. [އޭ ޘައުބާންއެވެ. ފާޠިމާއަށް މުތުން ތައްޔާރުކުރެވިފައިވާ ހާރުކޮޅަކާއި، އެތުދަތުން ތައްރާރުކޮށްފައިވާ ދެ އުޅާކޮޅު ބައްލަވައިގަންނަވާށެވެ.] {މިރާތުލް މަނާޖީ، ވޮލިޔުމް 6، ސ. 178}
މާތް ރަސޫލާ صلّى اللّـه عليه وسلّم އެއްފަހަރަކު ޙަދީޘްކުރެއްވިއެވެ. [ތިޔަބައިމީހުންގެ ތެރެއިން ތިމަންކަލޭގެފާނާ ބައިޢަތު ހިފާނީ ކާކު ހެއްޔެވެ؟] ޘައުބާންގެފާނު އަދަބުވެރިކަމާއެކު ސުވާލުކުރެއްވިއެވެ. [އަޅުގަނޑުމެން މިހާރުވެސް މިތިބީ ކަލޭގެފާނަށް ބައިޢަތު ހިފައިގެންނެވެ. އަނެއްކާ އަޅުގަނޑުމެން ބައިޢަތު ހިފަންވީ ކޮންކަމަކާތޯއެވެ؟] ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [އެއީ މީސްތަކުންގެ ފަރާތުން އެއްވެސް އެއްޗަކަށް އެދި ނޫޅުމުގެ މައްޗަށެވެ.] ޘައުބާންގެފާނު ދެންނެވިއެވެ. [މިކަމަށް އަޅުގަނޑުމެން ބައިޢަތު ހިފައިފިނަމަ އަޅުގަނޑުމެންނަށް ލިބޭނީ ކޮން އެއްޗެއް ހެއްޔެވެ.؟] ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ސުވަރުގެއެވެ.] އެއަށްފަހު ޘައުބާންގެފާނު ބައިޢަތު ހިއްޕަވައިފިއެވެ. {އަލްމުޢުޖަމް އަލްކަބީރު، ވޮލިޔުމް 8، ސ. 206، ޙަދީޘް 7832}
އޭގެފަހުން ޘައުބާންގެފާނު ދުވަހަވެސް މީހެއްގެ ފަރާތުން އެއްޗަކަށްވެސް ނުވަތަ ކަމަކަށްވެސް އެދިވަޑައެއް ނުގަންނަވައެވެ. އަހަށް ސަވާރުވެވަޑައިގެން އިންނަވާއިރު އަހުގެ ލަގަން ވައުފަށް ބިންމައްޗަށް ވެއްޓުނުކަމުގައި ވިޔަސް މީހެއްގެ ގާތުގައި އެ ވައުފަށް ނެގުމަކަށް އެދިވަޑައެއް ނުގަންނަވައެވެ. ނަންގަވަނީ އަމިއްލަފުޅަށް ބިންމައްޗަށް ފައިބައިވަޑައިގަންވައިފައެވެ.{އިބްނު މާޖާ، ވޮލިޔުމް 2، ސ. 400، ޙަދީޘް 1837}
މާތް ރަސޫލާއަށްފަހު
މާތް ރަސޫލާ ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވުމަށްފަހު ޘައުބާންގެފާނު މަދީނާ ދޫކުރައްވާ ޝާމްކަރައިގެ ރަމްލާއަށް ވަޑައިގެންނެވިއެވެ. އެތަނުން ހިމްސަށް ވަޑައިގެން އެތަނުގައި ދަތުރުވެރިންނަށް ޚާއްޞަ ގެއެއް ބިނާކުރެއްވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވުމަށްފަހު ޘައުބާންގެފާނު މުސްލިމުންނާއެކު ޖިހާދުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދެވިއެވެ.
އެއްފަހަރު މީހަކަށް ނަސޭޙަތް ދެއްވަމުން ޘައުބާންގެފާނު ވިދާޅުވެފައިވެއެވެ. [ތިބާގެ އަތުގައި ބަކަރިއެއް އޮވެފައި އޭގެ ކިރު ތިބާ ބޭނުންކުރުމަށްފަހު ބާކީ ހުރެއްޖެނަމަ އެބައި މީސްތަކުންނަށް ބަހައިލާށެވެ.]{ހިލްޔަތުލް އައުލިޔާ، ވޮލިޔުމް 1، ސ. 238}
އަވަހާރަވުން
ޘައުބާންގެފާނު އަވަހާރަވީ ތާރީޚާ މެދު ޢިލްމުވެރިންގެ މެދުގައި ހިސާބެއްގެ ޚިލާފެއް ހިނގައިފައިވެއެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖްރައިން 45 ނުވަތަ 54 ވަނަ އަހަރުގައެވެ. އެކަލޭގެފާނު ފަސްދާނުވެޑުވިފައިވާ ތަނަކާމެދުވެސް މުއައްރިޚުންވަނީ އިޚްތިލާފުވެފައެވެ. ބައެއް ރިވާގައިވަނީ އެކަލޭގެފާނު ފަސްދާނުވެޑުވިފައިވަނީ ރަމްލާއާ ހަ މޭލު ދުރުގައިވާ އަމްވާސް އޭ ކިޔުނުތަނުގައި ކަމަށެވެ. އަނެއް ރިވާގައިވަނީ އެކަލޭގެފާނު ފަސްދާނުވެޑުވިފައިވަނީ ދިމިޝްޤުގެ ބާބުއް ޞަޣީރުގައިކަމަށެވެ.
ޘައުބާންގެފާނުގެ އަރިހުން ވަރަށް ގިނަ ބޭކަލުން ޙަދީޘް ރިވާކުރެއްވިއެވެ. އޭގެ ތެރޭގައި أبو إدريس الخولاني އާއި معدان بْن أَبي طلحة ފަދަ ޠާބިޢީ ބޭކަލުން ހިމެނިވަޑައިގަންނަވައެވެ. ޘައުބާންގެފާނުގެ އަރިހުން 127 ޙަދީޘް ރިވާވެގެން އައިސްފައިވެއެވެ. އޭގެ ތެރެއިން ދިހަ ޙަދީޘް ޞަޙީޙު މުސްލިމުގައިވެއެވެ.
އަސްލު ލިޔުއްވީ: މައުލާނާ އަދްނާން އަޙްމަދު ޢައްޠާރީ މަދަނީ
ތަރުޖަމާކުރީ: ޢަލީ އިޙްސާން ފިރާޤު